ޚަބަރު

އެމްއެމްޕީއާރުސީގެ އެމްޑީ ތައުލީމު ހާސިލްކުރިތަން ސީވީގައި ވަނީ އޮޅުވާލާފަ, ތައުލީމު ހާސިލްކުރީ ވިލާކޮލެޖުން, ސީވީގައި ޖަހާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން ތައުލީމު ހާސިލް ކުރިކަމަށް!

ދިޔަވަރު
އެމްއެމްޕީއާރުސީގެ އެމްޑީ ތައުލީމު ހާސިލްކުރިތަން ސީވީގައި ވަނީ އޮޅުވާލާފަ, ތައުލީމު ހާސިލްކުރީ ވިލާކޮލެޖުން, ސީވީގައި ޖަހާފައިވަނީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން ތައުލީމު ހާސިލް ކުރިކަމަށް!

އެމްއެމްޕީއާރުސީގެ އެމްޑީކަމަށް ރައީސް މުއިއްޒު އައްޔަން ކޮށްފައިވާ ފާތިމަތު ތައުފީގު އޭނާ ތައުލީމު ހާސުލްކުރި ތަން ސީވީގައި އޮޅުވާލާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ރައީސް އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ފާތިމަތު ތައުފީގު ސީވީގައި އޭނާ ތައުލީމު ހާސިލްކުރި ޔުނިވަރސިޓީއަކީ އިނގިރޭސިވިލާތުގެ ބްރިސްޓަލްގައި ހުންނަ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލޭންޑް ޖަހާފައި އޮތުމުންނެވެ.

އެހެންނަމަވެސް "ދިޔަވަރު އޮންލައިން" ހޯދި ހޯދުންތަކުގެ އެނގުނު ގޮތުގައި ފާތިމަތު ތައުފީގުއަކީ ތައުލީމު ހާސިލްކުރުމަށް ދުވަހަކުވެސް އިނގިރޭސިވިލާތަށް ދިޔަ ފަރާތެއް ނޫނެވެ. އޭނާ ތައުލީމު ހާސިލްކޮށްފައިވަނީ ރާއްޖޭގެ ވިލާ ކޮލެޖުންނެވެ. އޭނާ ފުރިހަމަ ކުރި ކޯހަކީ އިނގިރޭސިވިލާތުގެ ޔުނިވަސިޓީއަކުން އެކްރެޑިޓް ކޮށްގެން ވިލާ ކޮލެޖުގައި ހިންގާ ކޯހެއްކަމަށް ވަނީ އެނގިފައެވެ.

ރާއްޖޭގެ ވަރަށް ގިނަ ކޮލެޖްތަކަކީ މިގޮތަށް ދުނިޔޭގެ އެހެން ގައުމުތަކުގެ ޔުނިވަސިޓީތަކުން އެކްރެޑިޓް ކޮށްފައިވާކަމަށް ބުނާ ކޯސްތައް ހިންގާ ކޮލެޖްތަކެވެ. މި ކޯސްތަކުގައި ކިޔަވާދެނީވެސް ރާއްޖޭގެ މީހުންކަންވެސް ފާހަގަ ކޮށްލެވެއެވެ. އަދި މިފަދަ ގިނަ ކޯސްތަކަކީ ގިނަފަހަރަށް ވިޔަފާރީގެ އުސޫލުން ހިންގާ ކޯސްތަކެވެ.

އަދި މިގޮތަށް ރާއްޖޭގެ ކޮލެޖްތަކުގައި ބޭރުގެ ޔުނިވަރސިޓީތަކުގެ ނަމުގައި ހިންގާ ކޯސްތައް ފުރިހަމަ ކުރުމަށްފަހު, ކިޔެވީ ބޭރުގެ ގައުމުތަކުން ކަމަށް ދެއްކުމަށް, ރާއްޖޭގައި ތައުލީމު ހާސިލްކުރި ކޮލެޖްގެ ނަން ނުޖަހާ ސީވީތައް ހަދައިގެން އުޅުމަކީ ރާއްޖޭގައި އާންމު ކަމެކެވެ.

ރައީސް އޮފީހުގައި އާންމު ކޮށްފައިވާ ފާތިމަތު ތައުފީގު ސީވީގައި ވާގޮތުން އޭނާއަކީ ޕްރޮކިއުމަންޓާއި ޕަބްލިކް ރިލޭޝަންސްއާއި އަދި ހިއުމަން ރިސޯސްގެ ދާއިރާއިން 17 އަހަރުގެ ތަޖުރިބާ ހުރި ފަރާތެއްކަމަށްވެސް ބުނެފައި ވެއެވެ.

އެހެންނަމަވެސް އޭނާ 17 އަހަރުގެ ތަޖުރިބާ ޕްރޮކިއުމަންޓާއި ޕަބްލިކް ރިލޭޝަންސްއާއި އަދި ހިއުމަން ރިސޯސްގެ ދާއިރާއިން ހުރިކަމަށް ބުނެފައިވާއިރު, މިމުއްދަތު އޭނާ ގުނާފައިވަނީ ބައެއް ފިހާރަތަކުގެ ކޭޝިއަރުކަން އޭނާ ކުރި މުއްދަތުވެސް ހިމަނައިގެންކަމަށް އެނގިފައި ވެއެވެ.

މި ސަރުކާރުގެ އިސް މަގާމްތަކަށް ވަޑައިގަންނަވާ ބޭފުޅުން ތައުލީމީ ފެންވަރު އޮޅުވާލައިގެން, މަގާމްތަކަށް ވަޑައިގެން, އަމިއްލައަށް އިސްތިހާރުވުމަށް މަސައްކަތް ކުރާކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ.