ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބާ ބެހޭ އާއްމު ގާނޫނަށް ބަދަލު ގެންނަން ފާސްކުރި ބިލު ތަސްދީގު ކުރުމުގެ ބަދަލުގައި އެ ބިލާ ގުޅޭގޮތުން ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ ލަފާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ޤާނޫނީ ވެރިކަމެއް ކުރުމުގެ ބަދަލުގައި، މުއިއްޒު ބަލަމުން ދަނީ، ރައްޔިތުން ނިކަމެތިކޮށް، ޚުދުމުހުތާރު ވެރިކަމަކާއި ދިމާލަށް ރާއްޖެ ގެންދިޔުމަށެވެ.
އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އަނެއްކާ ވެސް ގާނޫނު އަސާސީއާ ހިލާފުވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ފާސް ކުރި ބިލު އަނބުރާ ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އިއްޔެ ފާސްކޮށްފައި ވަނިކޮށެވެ.
"80 މެމްބަރުން ކަމަށް ބަލައިގެން ނިންމާ ކޮންމެ ނިންމުމެއް ގާނޫނޫ އަސާސީއާ ހިލާފު ވާނޭ. މަޖިލީހުގެ އަދަދަކީ 87 ކަމަށް ސުޕްރީމް ކޯޓުން ނިންމީ. އެެންވީމާ ބަންޑާރަ ނައިބުގެ ގާނޫނީ ލަފަޔަށް އަޅުގަނޑު މިހާރު ވާނީ ދަންނަވާފައި," ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާ ގުޅޭގޮތުން ރައީސް ވިދާޅުވި އެވެ.
އެމަނިފާނު މިހެން ވިދާޅުވި ނަމަވެސް, ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނާ ގޮތުން އިންތިހާބު ފަސް ކުރުމާ ބެހޭ ބިލު މިހާރު ތަސްދީގު ކުރައްވައި، ގެޒެޓުގައި ޝާއިއު ކުރަންޖެހިވަޑައިގަންނަވާނެ އެވެ.
"އިލެކްޝަންސް ކޮމިޝަނަށް ނުރަސްމީކޮށް އެދުނީމާ ދެންނެވިން, އަޅުގަނޑު އެދެމޭ ތިޔަ ބޭފުޅުންނަށް ވާން އޮތިއްޔާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވަންޏާ ރޯދައިގެ ކުރިން އިންތިހާބު ބާއްވާށޭ. އެއް ދުވަސް ކުރިން ވިޔަސް ބާއްވާށޭ. ދެން އެ ބޭފުޅުން އެދުނީ މަޖިލީހުގައި," ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ގާނޫނީ ވެރިކަން ހިނގަން ޖެހޭނެ ކަމަށާއި މިކަމަކީ ސިޔާސީ ކަމެއްގެ ގޮތުގައި އެމަނިކުފާނު ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި, އެމަނިކުފާނު ބޭނުންވީ ރޯދައިގެ ކުރިން އިންތިހާބު ބާއްވަން ކަމަށް ރައީސް ވިދާޅުވި އެވެ.
"ލަފާ ލިބެނީ އިއްޔެ ނިންމި ނިންމުން, 80 މެމްބަރުންނަކީ މަޖިލީހުގެ އަދަދު ނޫން ކަމާ އަސްލު އޮންނަ 87 ކަމަށް ނިންމި ނިންމުމާ އެއްގޮތަށް ނޫން ގޮތަށް އެއީ ތަސްދީގު ކުރަން ޖެހޭ އެއްޗެއް ކަމަށް ލަފާ ލިބިއްޖިއްޔާ ވަގުތުން ތަސްދީގު ކޮށްލާނަން," އެކަމާ ގުޅޭގޮތުން ނިންމާނެ ނިންމުމާ މެދު ރައީސް ވިދާޅުވި އެވެ.
ރޯދަމަހުގެ ތެރެއަށް އިންތިހާބެއް ބާއްވަން ޖެހޭ ގޮތަށް ދިމާވާ ހާލަތްތަކުގައި އިންތިހާބު ބާއްވާނީ ރޯދަމަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި ހިނގާ ފެބްރުއަރީ 11، ގަ އެވެ. އެ ބިލު ތަސްދީގު ކުރުމަށް މަޖިލީހުގެ އިދާރާއިން ރައީސް އޮފީހަށް ފޮނުވީ ފެބްރުއަރީ 12، ގަ އެވެ.
މިއަހަރުގެ މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ މާޗު 17، ގަ އެވެ. އެއީ ރޯދަމަހުގެ ހަތް ވަނަ ދުވަހެވެ.