ރައީސް ޔާމިން އަންނަ މާރޗްމަހުގެ 14 ވަނަ ދުވަހު މިނިވަން ވާނެކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ. "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އަންނަ މާރޗްމަހުގެ 14 ވަނަ ދުވަހަށް ޝަރީއަތް ތާވަލް ކުރުމަށް ކޯޓުން ތައްޔާރުވާން ފަށާފައިވާކަން މިހާރު ރައީސް ޔާމިންއަށް ފޯނުން ގުޅައިގެން ކޯޓުން އަންގާފައިވާނެ ކަމަށެވެ.
އެހެންނަމަވެސް ތާވަލް އަދި ރައީސް ޔާމިންއާއި ރަސްމީކޮށް ފޮނުވާފައި ނުވާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
"ދިވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, މަޖިލިސް އިންތިޚާބުގެ ކުރިން ރައީސް މިނިވަން ނުކުރުމަށް ރައީސް މުއިއްޒު ގެންދަނީ ކޯޓަށް އިންޒާރު ދެމުންނެވެ. އެގޮތުން އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޝަރީއަތް ކެންސަލް ކުރުމަށްވެސް މުއިއްޒު ނުފޫޒުގެ ބޭނުންކޮށް ކޯޓުގެ ފަނޑިޔާރުންނަށް އިންޒާރު ދެމުންދާކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޕީއެންސީގެ ބައެއް މަސްދަރުތަކުން "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާ ކުރަމުން ވިދާޅުވެފައިވަނީ, ގާނޫނުތަކާއި ގާނޫނު އަސާސީއާއިވެސް ޚިލާފަށް, އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހު, ރޯދަމަހާއި ދިމާވިޔަސް މަޖިލިސް އިންތިޚާބު ބޭއްވުމަށް މުއިއްޒު މަސައްކަތް ކުރައްމުންދަނީ, އޭގެ ކުރިން ރައީސް ޔާމިން މިނިވަން ވެދާނެކަމުގެ ބިރު ހީވެގެން ކަމުގައެވެ.
ޕީއެންސީގެ އޮފިޝަލް ވިދާޅުވި ގޮތުގައި ރައީސް ޔާމިން މަޖިލިސް އިންތިޚާބުގެ ކުރިން މިނިވަން ވެއްޖެނަމަ, ރައްޔިތުންގެ މަޖިލިހުގެ ގިނަ ގޮނޑިތައް ސަރުކާރަށް ކާމިޔާބު ނުކުރެވޭނެކަމަށް މުއިއްޒު ގަބޫލު ކުރައްވައެވެ.
ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވީ އެންމެ ބޮޑު ވައުދަކީ, އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުން މުއިއްޒުއަށް ވޯޓު ދިނީ, އޭރވެސް މިހާރުވެސް 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް ޔާމިން މިނިވަންކުރާނޭކަމަށް ވިދާޅުވެ, އޭރު ލޮލުން ކަރު އޮހޮރަމުން މުއިއްޒު ވީ ވައުދުތަކަށް އިތުބާރު ކޮށްފައެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވާނޭކަމެއްގެ ގޮތުގައި ރައީސް ޔާމިން މިނިވަންކުރާނޭކަމަށް ވިދާޅުވެ މުއިއްޒު ވައުދުވީ އެންމެ ފަހަރަކު ދެފަހަރަކުއެއް ނޫނެވެ. ރައީސްކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ކުރެއްވި މުޅި ކެމްޕޭންވެސް ބިނާކުރެއްވީ ހުސް ގޮނޑި ދައްކަވައިގެން, ރާއްޖޭގެ އެތައް ސަތޭކަ އާންމު ރައްޔިތުންނެއް އެ ޖަޒުބާތުގަ ޖައްސަވައިގެންނެވެ.
މުއިއްޒު ވަނީ ފާއިތުވި ރިޔާސީ ކެމްޕޭންގެ ހުރިހާ ޖަލްސާއެއްގަވެސް, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑިއެއް, ޝަރަފްވެރި މެހެމާންގެ ގޮތުގައި ބައްޓާފައެވެ. ރައްޔިތުންގެ އަރިހުން ވޯޓު ދިނުމަށް އެދި މުއިއްޒު އާދޭސް ކުރަމުން ދިޔައީ އެ ހުސް ގޮނޑި ދައްކަވައިގެންނެވެ.
ވައުދާއި އަހުދުތައް ވަމުން ގޮސްފައިވަނީ ރައީސް ޔާމިން މިނިވަން ކުރާނޭކަމަށް ވިދާޅުވެ ހުވާ ކުރައްވަމުންނެވެ.
އެހެންނަމަވެސް މުއިއްޒުގެ ވެރިކަމަށް 100 ދުވަސް ފުރިގެން ދިޔައިރު, ވަނީ ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވީ ވައުދުގެ މަތިން މުއިއްޒު ހަދާން ނައްތަވާލެއްވާ, އެވައުދުތަކަށް ޚިޔާނާތްތެރި ވެފައެވެ. މިއަދު ގިނަ ބަޔަކު ގަބޫލުކުރަނީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިންގެ ނަން ވިއްކައިގެން މަކަރާއި ހީލަތުން ކަމުގައެވެ.