ޚަބަރު

24 ގަޑި އިރު ޤާނޫން އަސާސީ އާއި ޚިލާފުވެ ހުންނެވުމަށް ފަހު، އެހެން އެއްވެސް ގޮތެއް ނެތުމުން އިންތިހާބު ރޯދަމަހު ނުބޭއްވޭ ގޮތަށް ފާސްކުރި ބިލު ތަސްދީގު ކޮށްފި

ދިޔަވަރު
24 ގަޑި އިރު ޤާނޫން އަސާސީ އާއި ޚިލާފުވެ ހުންނެވުމަށް ފަހު، އެހެން އެއްވެސް ގޮތެއް ނެތުމުން އިންތިހާބު ރޯދަމަހު ނުބޭއްވޭ ގޮތަށް ފާސްކުރި ބިލު ތަސްދީގު ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަ މަހު ނުބޭއްވޭ ގޮތަށް ފާސްކުރި ބިލު, ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު މި ބިލު ތަސްދީގުކުރެއްވީ، ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ ލަފަޔާ އެކު ކަމަށެވެ.

ރޯދަމަހު އިންތިހާބު ނުބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ނުކޮށް، އަލުން މަޖިލީހަށް ފޮނުވާލާފައި ވަނިކޮށް، އެބިލަށް އެއްވެސް ބަދަލެއް ނުގެނެސް އެމްޑީޕީގެ މެޖޯރިޓީއޮތް މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ.

ރައީސް މުއިއްޒު މިހާރު އުތުރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދުގެ ޖަލްސާތަކުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ބިލް ތަސްދީގުކުރެއްވުމާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ ލަފަޔަކަށް އެދިވަޑައިގެންފައި ވާނެ ކަމަށެވެ.

އުތުރުގެ ހަތަރު އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ނ. ކެނދިކުޅުދޫގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މަޖިލިސް އިންތިހާބު ބާއްވާނެ ތާރީހަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެމަނިކުފާނަށް ގުޅައި ނުރަސްމީކޮށް މަޝްވަރާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑު އިލެކްޝަންސް ކޮމިޝަނަށް އެބޭފުޅުން ނުރަސްމީކޮށް އެއްސެވީމާ ދެންނެވިން, މީގެ ދުވަސްކޮޅެއް ކުރިން ހިނގި ކަމެއް މިއީ، އަޅުގަނޑު އެދެމޭ ތިޔަ ބޭފުޅުންނަށް ވާން އޮތިއްޔާ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފު ނުވަންޏާ ރޯދައިގެ ކުރިން އިންތިހާބު ބާއްވަދޭށޭ. އެއް ދުވަސް ކުރިން ވިޔަސް ވަރިހަމަޔޭ ބާއްވާށޭ. ދެން އެ ބޭފުޅުން [ކޮމިޝަނުން] އެދުނީ މަޖިލީހުގައި," ރައީސް ވިދާޅުވި އެވެ.

މަޖިލިސް ބާއްވާނެ ތާރީހަކާ ގުޅޭގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރުން ހާޒިރުު ކުރީ މިދިޔަ އަހަރުގެ ނޮވެންބަރު، 21 ގަ އެވެ.

އިލކްޝަނުން ވަނީ ގާނޫނުގައި ބުނާ މުއްދަތުތަކަށް ބަލައިގެން އިންތިހާބު އެންމެ އަވަހަށް ވެސް ބޭއްވޭނެ ދުވަހަކީ މިހާރު ވެސް އިންތިހާބު ބާއްވަން ކަނޑައަޅާފައިވާ މާޗު 17، ކަމަށެވެ. ނަމަވެސް އެ ދުވަހަކީ ރޯދަ މަހުގެ ހަތްވަނަ ދުވަސް ކަމަށްވާތީއާ އެ ދުވަސްވަރަކީ ސްކޫލްތަކުގެ މޮކް އެގްޒާމް ކުރިއަށްދާ ދުވަސްވަރު ކަމަށްވާތީ އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް، އިސްމާއިލް ހަބީބް ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. އިދިކޮޅު އެމްޑީޕީ އަދި ޑެމޮކްރޭޓްސްއިން ވެސް ވަކާލާތު ކުރަނީ އިންތިހާބު ރޯދަމަހުގެ ފަހަށް ބަދަލުކުރުމަށެވެ.