ރައީސުލް ޖުމުހޫރިއްޔާގެ މަގާމުން އަޒުލް ކޮށްފާނެކަމުގެ ބިރަށް, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބު ފަސްކުރުމަށް މަޖިލިހުން ފާސްކުރި ބިލް މުއިއްޒު ތަސްދީގު ކޮށްފިއެވެ.
މާވް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބު ރޯދަ މަސް ތެރޭ ނުބޭއްވޭ ގޮތަށް އިންތިހާބުތަކާއި ބެހޭ ޤާނޫނަށް ގެނައު އިސްލާހުގެ ބިލު ރައީސް ތަސްދީގު ކުރައްވާފައިވަނީ ބަންޑާރަ ނާއިބު، އަހުމަދު އުޝާމް އެގޮތަށް ލަފާދެއްވުމާއި ގުޅިގެން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް މިއަދު ހެދުނުވެސް އެ ބިލް ތަސްދީގު ނުކުރައްވާނެކަމަށް ވިދާޅުވެ މުއިއްޒު ގެންދެވީ ރައްޔިތުންގެ މަޖިލީހަށް އިންޒާރު ދެއްވަމުންނެވެ.
އެއާއެކު އިއްޔެ ރައްޔިތުންގެ މަޖިލިހުން ފާސްކުރި ބިލް ރައީސް މުއިއްޒު މިއަދުވެސް ފާސްނުކޮށް ލަސްކުރަމުން ދިއުމާއި ގުޅުގެން މުއިއްޒު އަޒުލް ކުރާނެކަމުގެ އިންޒާރު ބައެއް މެމްބަރުންނާއި ސިޔާސީ ޕާޓީތަކުންވެސް ދިޔައީ ދެމުންނެވެ. އަދި ރައީސް މުއިއްޒު ގާނޫނު އަސާސީއާއި ޚިލާފްވެއްޖެކަމަށް ވިދާޅުވެ, މުއިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖީލީހަށް ވެއްދުމަށްވެސް މެމްބަރުން ދިޔައީ ތައްޔާރު ވަމުންނެވެ.
މިބިލު މިއަދު ރައީސް ތަސްދީގު ކުރައްވާފައިވާއިރު، އެބިލު ފުރަތަމަ ފަހަރަށް ތަސްދީގު ކުރެއްވުމަށް ރައީސް އޮފީހަށް ފޮނުވުމުން މިމަހުގެ 26 ވަނަ ދުވަހު ރައީސް ވަނީ އެ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުއްވާފައެވެ. އެގޮތަށް މަޖިލީހަށް ބިލު ފޮނުވުމުން، މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވަނީ، އެއްވެސް ބަދަލެއް ނުގެނެސް އަނބުރާ ބިލު ތަސްދީގު ކުރުމަށް ފޮނުވުމަށެވެ.
އެ ބިލު އަނބުރާ ތަސްދީގު ކުރުމަށް ފޮނުވުމާއި ގުޅިގެން ރައީސް ވަނީ އެކަމުގައި ބަންޑާރަ ނައިބުގެ ލަފާ ހޯއްދަވާނެ ކަމަށް ވިދާޅުވެފައެވެ.
މިކަމާއި ގުޅިގެން ބަންޑަރަ ނައިބު ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ޤާނޫނީ ރައުޔަކީ މަޖިލީހުން މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް ކަނޑައެޅި ކަނޑައެޅުން ޤާނޫނުއަސާސީއާ ހިލާފުކަމަށެވެ. އަދި މިއަދު ސުޕްރީމް ކޯޓުންވެސް އެފަދައިން ނިންމާފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖުމްލަ އަދަދަކީ 80 ކަމަށް އެމަޖިލީހުން ނިންމި ނިންމުން ގާނޫނުއަސާސީއާ ޚިލާފުކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައެޅުމާ ގުޅިގެން، މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 80 ކަމަށް ބަލައިގެން މަޖިލީހުން ނިންމާފައިވާ ނިންމުންތަކާއި މެދު ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާތީ، އިންތިހާބުތަކާބެހޭ އާންމު ގާނޫނުގެ ފަސް ވަނަ އިސްލާހު ތަސްދީގުކުރުމާ ގުޅޭގޮތުން ގާނޫނީ ލަފަޔަކަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވާ އޭޖީ ވިދާޅުވީ ރައީސްއަށް ޤާނޫނީ ލަފާ ދެއްވުމުގައި ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.