ޚަބަރު

ސްޕްރީމް ކޯޓަށް ގުނަން ނޭނގި މުޅި ދުނިޔޭގައި ދިވެހިރާއްޖެ ލަދު ގަންނަވާލި ހިތާމަ ވެރި ދުވަހެއް! މުއިއްޒު: 5=2+2، ސަދޫމް ކޯޓް: ޔެސް ސަރ

ދިޔަވަރު
ސްޕްރީމް ކޯޓަށް ގުނަން ނޭނގި މުޅި ދުނިޔޭގައި ދިވެހިރާއްޖެ ލަދު ގަންނަވާލި ހިތާމަ ވެރި ދުވަހެއް! މުއިއްޒު: 5=2+2، ސަދޫމް ކޯޓް: ޔެސް ސަރ

ދުނިޔޭގެ އެއްވެސް ކޯޓަކުން މިއަދު، ސްޕްރީމް ކޯޓުން މަޖިލީހުގެ އިހްތިޞާސް ތަކުގެ ތެރެއިން ވަދެގެން އެ ނިންމި ޣައިރު ދުސްތޫރީ ނިންމުން ނުނިންމާނެއެވެ. ފުރަތަމަ ކަމަކަށް ކޯޓަކުން މަޖިލީހުގެ މިފަދަ މައްސަލައެއް ބެލުމަށް، މައްސަލަ ބަލައި ނުގަންނާނެއެވެ. މައްސަލަ ފެށިގެން ގޮސް ނިމުމާއި ހަމައަށް އޭގައި އޮތީ ބޭއިންސާފާއި، ބާރާއި ނުފޫޒެވެ. މުޅި މައްސަލައިން ފެނިގެން ދިޔައީ ސްޕްރީމް ކޯޓުގެ މިނިވަން ކަމެއް ނެތްކަމެވެ. ވެރިކަން ކުރާ ބާރުން ބޭނުން ގޮތެއް ސްޕްރީމް ކޯޓުގެ މައްޗަށް ހަދާލެވޭނެ ކަމެވެ. ފެނިގެން ދިޔައީ ސްޕްރީމް ކޯޓަށް ގުނަން ނޭނގި މައްސަލަ އެއް ނިންމި ތަނެވެ. މިއީ 2+2=5 އޭ ވެރިމީހާ ބުނީމާ ކޯޓުން، ޔެސް ސާރ އޭ ބުނިތަނެވެ.

މަޖިލީހުގެ މެމްބަރުންތަކެއް، މަޖިލިސް ދޫކޮށްފައި ކެބިނެޓަށް ދިޔުމުން، ދެން މަޖިލީހުގައި ވޯޓު ލާންވީ ގޮތް މަޖިލީހަށް ކަނޑައެޅުމުގެ ފުރިހަމަ ބާރު މަޖިލީހަށް ލިބިގެން ވެއެވެ. އެކަމުގެ ތެރެއަށް ވަނުމުގެ އެއްވެސް ބާރެއް އެއްވެސް ކޯޓަކަށް ލިބިގެން ނުވެއެވެ. އެ ހާލަތަށް ރިއާޔަތްކޮށް މަޖިލީހުން އިއްތިފާގުވެ ގެނައި ބަދަލަކީ ހެޔޮ ރަނގަޅު ބަދަލެކެވެ. ގާނޫނު އަސާސީ ތަސައްވުރު ކުރަނީ މެންބަރުންގެ އަގުލަބިއްޔަތަށެވެ. އެއީ ދާއިރާ ނޫނީ ގޮނޑީގެ އަގުލަބިއްޔަތުގެ މައްޗަށް އޮންނަ ކަމެއް ނޫނެވެ.

ނަމަވެސް ސްޕްރީމް ކޯޓަށް ހަމަ ފެނުނީ، ވުޖޫދުގައި ނެތް ބަޔަކު ހިމަނައިގެން، ވޯޓުގައި ބައިވެރިވާ ޖުމްލަ މެމްބަރުގެ އަދަދު ގުނުމަށެވެ. މިއީ ބަޔަކު ހީހީ ހަލާކުވާ ވަރުގެ ކަމެކެވެ. ސްޕްރީމް ކޯޓުން މި ނިންމި ޣައިރު ދުސްތޫރީ ކަމުގެ ސަބަބުން، މާދަމާ، މަޖިލީހުން 60 މީހުން ވަކިވެގެން ގޮސްފި، ހާލަތެއްގައި މަޖިލީހުގެ މެޖޯރިޓީ ބެލުމަށް އެ 60 މީހުން ހިމަނައިގެން ގުނަން ޖެހި މަޖިލީސް ޑެޑް ލޮކަކަށް ދާނެއެވެ. ގަސްތުގައި މަޖިލިސް ހުއްޓޭފަދަ ގޮތަކަށް ސްޕްރީމް ކޯޓުން މައްސަލަ ނިންމާ ދިވެހި ހުރިހާ ރައްޔިތުންގެ ހައްޤު ހިމެނޭ ކަމަކަށް އަރާގަތުމަށްފަހު 5 ފަނޑިޔާރުން އެތިއްބެވީ އަމިއްލަ ގޮނޑީގެ ދަހިވެތި ކަމުގައި ނޫން ކޮންކަމެއްގަ ތޯއެވެ؟

މައްސަލަ ބަލާ ނިންމީ، ރައްޔިތުން މަޖިލީހުގެ ބަހެއް ނެތިއެވެ. ދިފާޢު ވުމުގެ ފުރުޞަތެއްވެސް މައްސަލަ އެއް ވިއްޔާ އޮންނަން ވާނެތާއެވެ މި. މައްސަލާގައި ޤާޒީ އަކީ މުއިއްޒެވެ. މައްސަލާގެ މުވައްކިލަކީވެސް މުއިއްޒެވެ. މައްސަލައިގެ ވަކީލަކީވެސް މުއިއްޒެވެ. މިއަށްވުރެ ރަނގަޅަށް ސަދޫމުގައި މައްސަލަ ނިންމި ކަމަށް މީހުން ބުނެ އުޅެއެވެ.

ސިޔާސީ ކަންކަމުގެ ތެރެއަށް ވަދެ، ޤައުމުގެ ހަމަޖެހުން ނަގާލުމަށް ނާޤާބިލް ވެރިން ހިފާލާ ކޮންމެ ފަހަރަކު މިހާ ފަސޭހައިން ސްޕްރީމް ކޯޓުގައި ތިބޭ ޤާޒީން ނެއްޓިގެން އައްޓަމަހެއްހެން ވެރިމީހާ ފަހަތަށް އަރައި، ރައްޔިތުންނަށް މިހާ އަނިޔާވެރި މިވަނީ ކޮންކަމަކާތޯއެވެ؟