ޚަބަރު

ސުޕްރިމްް ކޯޓުގެ ހުކުމް: ހުސް ގޮނޑިއަކަށްވެސް މަޖިލިހުގައި ދާއިރާއެއް ތަމްސީލު ކުރެއްވިދާނެ, ރައްޔިތުން ތަމްސީލުކުރަން މަޖިލީހުގައި ދިރިހުރި އިންސާނަކު ހުރުން މުހިންމެއް ނޫން!

ދިޔަވަރު
ސުޕްރިމްް ކޯޓުގެ ހުކުމް: ހުސް ގޮނޑިއަކަށްވެސް މަޖިލިހުގައި ދާއިރާއެއް ތަމްސީލު ކުރެއްވިދާނެ, ރައްޔިތުން ތަމްސީލުކުރަން މަޖިލީހުގައި ދިރިހުރި އިންސާނަކު ހުރުން މުހިންމެއް ނޫން!

ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓަކީ އަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ މުވައްސަސާއެވެ. އެއީ, ޚިޔާތަފާތުވުން އުފެދޭ މައްސަލަތަކުގައި ދެފަރާތުގެ ދެމެދުގައި ފައިސަލާކުރެވި, އިންސާފު ގާއިމް ކުރުމަށްޓަކާ އެންމެ ފަހުބަސް އިންވާ ފަރާތްވެސްމެއެވެ.

އޭގެ މާނައަކީ, އިންސާފު ހޯދުމަށްޓަކާ, ސުޕްރިމް ކޯޓު ފަހަނައަޅާ ދާނެ އެހެން އެއްވެސް ތަނެއް, ޓަކިޖަހާނެ އިތުރު އެހެން ދޮރާއްޓެއް ނުހުންނާނެއެވެ.

އެއީ ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް އެ އުސޫލު ހަމަޖެހިފައި އޮންނަ ގޮތްވެސްމެއެވެ. ދިވެހިން ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީގައި, ނުވަތަ ފެހި ގާނޫނު އަސާސީގައިވެސް އެއުސޫލުތަކާއި ހަމަތައް ބަޔާން ކުރެވިފައި އޮތީ އެ ގޮތުގެ މަތީންނެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ކޮންމެ ގައުމެއްގައިވެސް ސުޕްރިމް ކޯޓު ވާންޖެހެނީ ދަށު ކޯޓުތަކާވެސް ޚިލާފަށް, އަދުލު އިންސާފު ގާއިމްކުރުމުގައި އެންމެ އަރާހުރި މުވައްސަސާކަމުގައެވެ. އެކޯޓުގެ ފަޑިޔާރުން ސިޔާސީ ވިސްނުމާއި ދުރަށް ދާން ޖެހޭނެއެވެ. އެއްވެސް ހާލަތެއްގައި އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކޮށްގެން ނުވާނެއެވެ. އަމިއްލަ މަސްލަހަތު ހިމެނޭ ކަންމެއް އޮވެއްޖެނަމަ އެ ފަޑިޔާރުން އެކަމަކާ ދުރަށް ވަޑައިގަންނަވަންވެސް ޖެހޭނެއެވެ.

އެއީ އަދުލު އިންސާފުގެ އެންމެ ފަހުގެ މަރުހަލާކަމަށް ވާތީއެވެ.

އެހެންނަމަވެސް, ދުނިޔެވީ އެންމެހާ އާދަކާދަތަކާއި, އަދި އިންސާނީ ޡަބީއަތުގައިވެސް ހެޔޮނުބައި ބަލައިގަތުމުގައި އުފެދޭ ޚިޔާލުތަފާތުވުންތަކުގެ ނަތީޖާއެއްގެ ގޮތުން, ސުޕްރިމް ކޯޓުގެ ނިންމުންތަކާމެދުވެސް އަބަދުވެސް, މައްސަލައެއްގައި ފައިސަލާ ކުރެވޭ ދެފަރާތެއްގެ ތެރެއިން ކޮންމެވެސް އެއް ފަރާތެއްގެ ހިންހަމަ ނުޖެހުން ހުރެއެވެ. އެއީ އެކަންވާނެ ގޮތްވެސްމެއެވެ.

އެހެންނަމަވެސް, އަދުލު އިންސާފު ގާއިމް ކުރުމުގައި, މައްސަލައެއްގައި ހުކުމް ކުރެވޭ ދެފަރާތުގެ ދެމެދުގައި ކުރެވޭ ހުކުމަކާ ގުޅޭގޮތުން ޚިޔާލުތަފާތުވުން ހުއްޓެއްކަމަކު, އަދުލު އިންސާފަކީ އަބަދުވެސް ދުރުތިބީންނަށް ގަބޫލުކުރެވޭ އެއްޗަކަށް ވާން ޖެހެއެވެ. ކޯޓުތަކުން ކުރާ ހުކުމްތަކަށް މުޖުތަމައުގައި އިތުބާރު އުފެދެން ޖެހެއެވެ. ކޯޓުތަކުން ކުރާ ހުކުމްތަކަކީ ހުކުމް ކުރެވޭ ދެފަރާތުން ޚިޔާތަފާތުވާ ހުކުމްތަކަކަށް ވިނަމަވެސް, ކޯޓުން ކުރާ ހުކުމްތަކަކީ އެއީ އިންސާފުގެ މަގުން ކޮށްފައިވާ ހުކުމެއްކަން އާންމު މުޖުތަމައަށް ގަބޫލު ކުރެވެން ޖެހޭނެއެވެ,

އަމުދުން ކޯޓުތަކުން ކުރާ ހުކުމްތައް މުޖުތަމައުގައި ތިބޭ ނުދަންނަ މީހުންނާ ދަންނަ މީހުންނަށްވެސް "ޖޯކަކަށް" ވެގެން ނުވާނެއެވެ. އިންސާނީ ބުއްދިއަށް ގަބޫލު ނުކުރެވޭ ހަމައިން ކުރެވޭ ހުކުމްތަކަކަށް ވެގެން ނުވާނެއެވެ. ކިތަންމެ ހުއްޖަތެއް ދެއްކިއެއްކަމަކު, އެއީ ހަމަ ބުއްދިން ވިސްނާލުމުން ދެކޮޅު ނުޖެހޭ ހުކުމެއްކަމުގައި މުޅި މުޖުތަމައަށް ބެލެވިގެން ނުވާނެއެވެ. އެނޫން ހަމައަކުން ކޯޓުތަކުގެ ހުކުމްތައް މާނަކުރެވި, ސިފަ ކުރެވިގެން ދާނަމަ, އަދުލު އިންސާފު ގާއިމެއް ނުކުރެވޭނެއެވެ. އަދި އަމުދުން އަދުލު އިންސާފު ގާއިމް ކޮށްފާނޭކަމަށް އާންމު ރައްޔިތުން ގަބޫލު ނުމެކުރާނޭމެއެވެ.

ހުސް ގޮނޑިއަށްވެސް ރައްޔިތުން ތަމްސީލު ކުރެވިދާނެ!

ރައީސުލްޖުމުހޫރިއްޔާއާއި, ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަޒުލްކުރުމަށް މެމްބަރުން އަދަދު ގުންނަޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ހުސްގޮނޑިތައްވެސް ހިމަނައިގެން ކަމުގައި ރާއްޖޭގެ ސުޕްރިމް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ރައީސްއާއި ނާއިބު ރައީސް އަޒުލްކުރެވޭގޮތަށް ލުއިކަން ގެނެސް، މަޖިލިހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހާއި ގުޅޭގޮތުން ބަންޑާރަނައިބުގެ އޮފީހުން ސުޕްރިމް ކޯޓަށް ހުށަހެޅި މައްސަލާގައި މިއަދު ކުރި ހުކުމްގައި ސުޕްރިމް ކޯޓުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަދަދު 80 އަށް ހަދަން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާއަށް ގެނައި ބަދަލު ގާނޫނުއަސާސީއާ ހިލާފު ކަމުގައެވެ.

އޭގެ މާނައަކީ, ރައީސްއާއި ނާއިބު ރައީސް އަޒުކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ނަގާ ވޯޓެއްގައި, އިތުބާރު ނެތްކަމަށް ހަމަވާންޖެހޭ ތިންބައި ކޮށްފަ ދެބައިގެ އަޢުލަބިއްޔަތު ގުނުމުގައި އެ އަދަދު ހަމަކުރާން ޖެހޭނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ އަދަދަކީ 87 ކަމުގައި ބަލައިގެންނެވެ. އެހެންނަމަވެސް މިހާރުގެ ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ހަގީގީ މެމްބަރުންގެ އަދަދަކީ 80 މެމްބަރުންނެވެ.

އެއީ އާ ސަރުކާރު ވެރިކަމާ ހަވާލުވުމާއެކު, ރައްޔިތުންގެ މަޖިލިހުގެ 7 މެމްބަރަކު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ 7 ގޮނޑި މިހާރު ރައްޔިތުންގެ މަޖިލިހުގައި މިވަގުތަށް ހުރީ ހުސްކޮށެވެ. ގާނޫނު އަސާސީގައި ވާ ގޮތުގެ މަތިން ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބާއި މެމްބަރުން އިސްތިއުފާ ދެއްވި ތާރީޚާއި ދެމެދު 6 މަސްދުވަހުގެ މުއްދަތެއް ނެތުމުން, އެ ގޮނޑިތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް ބައި އިލެކްޝަންތައް ބާއްވާކަށް ނުޖެހޭނެއެވެ.

އޭގެ މާނައަކީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބާއި ހަމައަށް އެގޮނޑިތައް ހުންނާނީ ހުސްކޮށެވެ. އެ ގޮނޑިތައް ނިސްބަތްވާ ދާއިރާތައް ތަމްސީލު ކުރާނެ މެމްބަރަކު ރައްޔިތުންގެ މަޖިލިހުގައި ނުހުންނާނެއެވެ. އެއީ މިވަގުތު ގާނޫނުތަކުގައި ލިޔެވި ބަޔާން ކުރެވިފައި އޮތް ގޮތެވެ.

އެހެންކަމުން ހުރިހާ ހައިސިއްޔަތަކުން ބެލި ކަމުގައިވި ނަމަވެސް ރައްޔިތުންގެ މަޖިލިހުގައި ނަގާ ވޯޓުތަކުގައި ތަމްސީލު ކުރާކަަށް އެގޮޑިތަކުގައި މެމްބަރުން ނުތިއްބަވާނެއެވެ. އެ މެމްބަރުންގެ ގޮނޑިތައް މަޖިލިހުން ނަގާ ވޯޓުތަކުގައި ބަައިވެރި ކުރުމަކީ ހިސާބު ކިތާބުތަކަށް އޮޅުން އަރާނޭ ކަމެކެވެ. އަދި އެއީ އެއްވެސް ހަމަޔަކުން ބެލިކަމުގައި ވި ނަމަވެސް ހަމަޖެހޭ އުސޫލަކަށްވެސް ނުމެވޭ މެއެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން, މަޖިލިހުގެ ގަވާއިދަށް ގެނައި އިސްލާހަކުން, މުޅި މަޖިލިހުގެ އަދަދު ގުނުމުގައި ހުސްގޮނޑި ގުނަން ނުޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ސާފު އަޢުލަބިއްޔަތަކުން ނިންމާފައި ވަނިކޮށް މިއަދު ސުޕްރިމް ކޯޓުގެ ހުކުމުން ނިންމާފައި މިވަނީ މުޅި މަޖިލިހުގެ އަދަދު ކަނޑައެޅުމުގައި ހުސް ގޮނޑިތައްވެސް ގުނާން ޖެހޭނެކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ ސާފު އަޢުލަބިއްޔަތުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއްކަމުގައިވެސް ހުކުމް ކޮށްފައެވެ.

މާނައަކީ, ސުޕްރިމް ކޯޓުގެ ހުކުމް ތަރުޖަމާކޮށް ނިއުޅާލުމުން ސާފުވާން އޮތް އެއްކަމަކީ, ހުސް ގޮނޑިއަކަށްވެސް ރައްޔިތުންގެ މަޖިލިހުގައި ދާއިރާއެއް ތަމްސީލު ކުރެވިދާނެކަމެވެ. ރައްޔިތުންގެ މަޖިލިހުގައި ދާއިރާއެއް ތަމްސީލުކުރުމަށް ދިރިހުރި އިންސާނަކު ހުރުން ކޮންމެހެން ލާޒިމު ނޫންކަމެވެ. ދާއިރާގެ ނަންޖެހި ގޮނޑި މަޖިލީހުގެ ފްލޯގައި ހުރުމުން, ދާއިރާގެ ރައްޔިތުންގެ ބަސް, މަޖިލީހުގައި ނެގޭ ވޯޓުގައި ތަމްސީލުވެގެން ދިޔައީ ކަމެވެ.

އާދޭހެވެ! ހުއްޖަތް ގާއިމް ކުރުމަށް ސުޕްރިމް ކޯޓަށް ކިތައްމެ ހުއްޖަތެއްވެސް ދެއްކިދާނެއެވެ. އެހެންނަމަވެސް, މިއަދު ސުޕްރިމް ކޯޓުން ނެރުނު ހަމައަކީ އިންސާނީ ބުއްދިއަށް ގަބޫލުކުރެވޭ ހަމައެއް ކަމުގައި ހެދޭނޭ އެއްވެސް ގޮތެއް ނޯނާނެއެވެ. އަދި އެއީ އެއްވެސް ގާނޫނީ ހަމައެއްގެ މައްޗަށް ކުރެވުުނު ހުކުމެއްކަމަކަށް ވެގެން ނުދާނޭކަމީވެސް ކަށަވަރުވެ ޔަގީންވާން އޮތް ކަމެކެވެ.

އޭގެ އިތުރަށް ސުޕްރިމް ކޯޓުގު ހުކުމުން މިއަދު ޔަގީންވެގެންދިޔަ އެހެންކަމެއްވެސް އެބައޮތެވެ. އެއީ މިއަދުގެ ހުކުމް އިއްވި ފަނޑިޔާރުންގެ އަމިއްލަ ޒާތީ މަސްލަހަތެވެ. ތިމާމެންގެ ވަޒީފާ ގެއްލިގެން ދިއުން އެއީ މާފަސޭހަކަމަށް ވެގެން ހިގައިދާނެތީ އަމިއްލަފުޅު ވަޒިފާތަކުގެ ކައްފާރާއަކަށް ހުސް ގޮނޑިތައް ހެއްދެވީއެވެ.