ފުވަށްމުލަށް އުތުރު ދާއިރާ މެމްބަރު މުހައްމަދު ރަޝީދު (ދެމްބެ)، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު އާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް (ސަންނަ) ވަނީ އިންތިހާބު ފަސް ކުރާ ބިލަށް ބަދަލެއް ނުގެނެސް، ތަސްދީގު ކުރަން މަޖުބޫރުވާ ގޮތަށް މަޖިލީހުން ބިލު ފާސްކުރުމަށް ވޯޓަށް އެހުމުން މަޖިލިސް ދޫކޮށް ގޮސްފައެވެ.
މަޖިލީހުގައި އިއްޔެ އެންމެ ފަހަށް އެޖެންޑާ ކޮށްފައިވަނީ މި ވޯޓެވެ. މި ވޯޓުގައި ބައިވެރިވެ، އެމްޑީޕީއިން ނިންމާފައިވާ ގޮތަށް ވޯޓުލުމަށް ވަކި ވަކިން މި ތިން މެމްބަރުންވެސް ވަނީ އެމްޑީޕީގެ ލީޑަރޝިޕަށް ޔަގީން އެ ދުވަހު ދީފައެވެ. ދިޔަވަރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްޑީޕީގެ އެންމެ އިސް އެއްފަރާތުން ވަކި ވަކިން ތިން މީހުންނަށް ގުޅާ ވޯޓާއި މެދު ވާހަކަ ދައްކާފައިވެއެވެ. އަދި އެމްޑީޕީއިން އެދުނު ގޮތަށް ވޯޓު ދޭނެ ކަމުގެ ޔަގީން ކަން އަރުވާފައިވެއެވެ. މި ގޮތަށް ޔަގީންކަން ދިނުމަށް ފަހު ވޯޓަށް ފިލާފައިވަނީ 12 މިލިއަން ރުފިޔާ ނަގައިގެންނެވެ. އަދި ރައްޔިތުންނަށް ދީފައިވާ ފްލެޓްތަކުން މިއިން ކޮންމެ މީހަކަށް 8 ފްލެޓް ދޭނެ ކަމަށް ބުނެ މުއިއްޒު ވަނީ އެފަދައިން މި ތިން މީހުންނާއި އެކު ޑީލް ހަދާފައެވެ.
ދީނީ ތާކިހާ އަޅައިގެން ސަލަފު ޖަމިއްޔާގެ އަތުގައި ހިފައިގެން ވެރިކަމަށް އައި މުއިއްޒު ވަނީ މީގެ ކުރިން ކޮންމެ މެމްބަރަކަށް 4 މިލިއަން ދީގެން 13 މެމްބަރުން އެމްޑީޕީއިން ގަނެލާފައެވެ.
މި ތިން މެމްބަރުން ސަޕޯޓް ކުރަމުން ދަނީވެސް، ޕީއެންސީ ކެނޑިޑޭޓަށެވެ. ސަނީފް ވަނީ އޭނާގެ އަންހެނުންގެ ކޮއްކޮ، (މުހައްމަދު އަލްސަން އަހްމަދު) އެ ދާއިރާގެ ވޯޓު ބައިބައި ކުރުމަށް މަޖިލީހަށް ނެރެފައެވެ. އެ ކެމްޕެއިނަށް ބޮޑުކޮށް ޚަރަދު ކުރަމުން ދަނީ ޕީއެންސީއިން އެތައް މިލިއަނެއް ނަގައިގެންނެވެ. އަދި ސަނީފް ވަނީ ރޭގެ ވަގުތެއްގައި ސިއްރު ބައްދަލުވުމެއް ޕީއެންސީގެ ކެނޑިޑޭޓުގެ އާއިލާގެ އިސްފަރާތާއި އެކު ބާއްވާފައެވެ.
އެމްޑީޕީގެ ފިކުރާއި، ކުރާ ސިޔާސީ މަސައްކަތާއި ކަނޑައެޅިގެން ދެކޮޅަށް، ޕާޓީއަށް ގެއްލުން ވާގޮތަށް ވޯޓު ލުމަކީ ޕާޓީއަށް ދެވޭ ގެއްލުމެކެވެ. ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއިން ލަސް ނުކޮށް މި މީހުންނާއި މެދު ފިޔަވަޅު އަޅަން ޖެހެއެވެ.