ޚަބަރު

މިއީ "އެމަޖެންސީ އެމްބިއުލާންސް" އެއްތަ؟ އެތެރެ ނުދެއްކީ ކީއްވެ؟ އޭގެ ބޭނުން ނުހިފައި ތުއްތު ކުއްޖަކު މަރާލީ ކީއްވެ؟ ފުރައިގެން ނުދެވި، ފުރާނަ ދުއްވާލާފައި، ބަޔަކު މީހުން މުއިއްޒަށް ސަނާ މިކިޔަނީ ކީއްވެ!

ދިޔަވަރު
މިއީ "އެމަޖެންސީ އެމްބިއުލާންސް" އެއްތަ؟ އެތެރެ ނުދެއްކީ ކީއްވެ؟ އޭގެ ބޭނުން ނުހިފައި ތުއްތު ކުއްޖަކު މަރާލީ ކީއްވެ؟ ފުރައިގެން ނުދެވި، ފުރާނަ ދުއްވާލާފައި، ބަޔަކު މީހުން މުއިއްޒަށް ސަނާ މިކިޔަނީ ކީއްވެ!

ފުރަތަމަ ކަމަކަށް މިއީ އެމަޖެންސީ އެމްބިއުލާންސް އެއް ނޫނެވެ. ހަސަން ކުރުސީގެ ޓްވީޓްތަކުގައި ވަނީ ހެޔޮ ކޮށެވެ. އެމެޖެންސީ އެމްބިއުލާންސް އަކީ ކޮންމެ ތަނަކަށް ޖެއްސޭހެން ތައްޔާރު ކުރެވިފައިވާ އެމްބިއުލާންސް އެވެ. ނ. ބިސް ހޮޅުދޫގައި އެއަރ ޕޯޓެއް ނެތެވެ. އެރަށުގައި އޮތް އުމުރުން 87 އަހަރުގެ ބަޝީރާގެ ހާލު ގޯސްވެގެން މާލެއަށް އެމަޖެންސީގައި ގެންނަން މުއިއްޒުގެ ޤައުމީ އެމަޖަންސީ އެމްބިއުލާންސުން ކުރެވޭނެ އެއް ކަމެއްވެސް ނެތެވެ. ނ. ބިސް ހޮޅުދޫގައި އެއަރޕޯޓެއް އަޅައިގެން މުއިއްޒުގެ އެއަރ އެމްބިއުލާން ޖައްސާއިރު، އެ ބަލި އެނދުގައި 87 އަހަރުވެގެން އޮންނާނީ ބަޝީރާ އެއް ނޫނެވެ. ފަހަރުގައި އޭނާގެ މުނި މާމަ ދަރިއެކެވެ. އެހެންކަމުން ބާދަނގަޑުގައި ކުލަލައި އެއަށް އެމަޖެންސީ އެމްބިއުލާންސް ކިޔައި، އެ ޓްވީޓް ކޮށް ހެދީމާ ރައްޔިތުން ގާތަށް އަންނާނީ ހިންޏެވެ.

އެ އެއަރ އެމްބިއުލާންސްގެ އެތެރެ ނުދައްކައި ދައްކަނީ، އިންޓަރ ނެޓުން ނަގާފައި ޑޭޝް 8 ކަހަލަ އާދައިގެ ބޯޓަކާއި ނުބައްދަލު، ފޮޓޯތަކެކެވެ. މިކަން ކޮށްފައިވަނީ މުއިއްޒު އަންގައިގެން ސީދާ ރައީސް އޮފީހުގެ މީޑިޔާ ކަންކަމާއި ހަވާލުވެ ހުރި ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިސްވެ ހުރެއެވެ. މިއީ ފޭކް ފޮޓޯތަކެއް ކަމަށް ހަސަން ކުރުސީ ޓްވީޓް ކުރުމުން، މިހާރު އޭނާ އަކަމަށް އަމިއްލަ އަށް ވަނީ އިއުތިރާފް ވެފައެވެ. މިއީ ރައީސް އޮފީހުގައި ދިވެހި ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ތިބި މީހުންގެ އިޖުތިމާޢީ ފެންވަރު ހުރި ގޮތެވެ.

ފައިސާއަށް ޓްވީޓް ކުރާ ލޫކަސް އާއި، ވަޒީފާއަށް ޓްވީޓް ކުރާ ސިމްވާރު ފަދަ ފަރާތްތައް، މިއަދު "އެމަޖެންސީ އެމްބިއުލާންސް" ގެ ފޮޓޯ ޖަހައި، މުއިއްޒަށް ސަނާ ކިޔަމުން ދާއިރު، ކުޑަ ދަރިއެއްގެ މައެއް ގިސްލަ ގިސްލާފައި ރޮނީއެވެ. އޭނާގެ ދަރިފުޅު ވަނީ މަރާލާފައެވެ. އެމަޖެންސީގައި ފުރުވާ ނުލައި، 3 ދުވަސް ވަންދެން ވޭނުގައި އެތައް ކެކުޅުމެއް ތަހައްމަލު ކުރުމަށް ފަހު، ދުނިޔެ އަޅާ ދިޔަ ކުޑަ ކުއްޖާގެ މައުސޫމު ފުރާނަ ދިޔައީ ސީދާ ސަރުކާރުގެ އިހްމާލުންނެވެ. ނަމަވެސް ލޫކަސް ޖަލީލުގެ ހިތަކަށް، ސިމްވާރުގެ ހިތަކަށް ކުޑަވެސް އަސަރެއް ކޮށް ނުލައެވެ. އެ ފޮޓޯތައް އެވަރަށް ޖަހާއިރު، އެމަޖެންސީ އެމްބިއުލާންސްގައި އެކުއްޖާ ނުފޮނުވީ ކީއްވެތޯ ވެސް މިއިން މީހަކަށް އަހާލަން ނުކެރެއެވެ. ހިތެއް ނެތެވެ. މީގެ ކުރިން ދެ ކުއްޖެއް ގެ ފުރާނަ ދިޔައީ ވެސް ސީދާ މުއިއްޒުގެ ސަބަބުންނެވެ. ކިތަންމެ މަރެއް މުއިއްޒުގެ އަތުންވެ، ރައްޔިތުންގެ ހައްޤުގައި މިއިން މީހަކަށް ބަހެއް ބުނެލަން ދެނެއް ނުކެރޭނެއެވެ.

މިހާރުވެސް، ބޭސްފަރުވާ ގައި ނުފުރި އެތައް ބައެއް އެތިބީއެވެ. އާސަންދަ ނުލިބި އަނިޔާވެރިކަމުގައި ވެސް ހަމަ އެތިބީ ރައްޔިތުންނެވެ. ބާ ދަގަނޑުގައި ކުލަ ހާކައިގެން ފޭކް އެމްބިއުލާންސް އެއް ދިވެހިންނަށް ދައްކާއިރު، މުއިއްޒު އަރާ ކޮންމެ ޖަލްސާއެއްގައި އަމިއްލައަށް އެ ގޮވަނީ ކުރިއަށް އޮތްތާގައި ސަބްސިޑީ ދޭނީ ވަކި ބަޔަކަށް ކަމެވެ. އެ ކަނޑާލާ ސަބްސިޑީ ތެރޭގައި އާސަންދަ ދިނުންވެސް އެތައް ސަތޭކަ ރައްޔިތުންނަށް ކަނޑާލާނެއެވެ. އެކަންކަމަށް ހައްލެއް ހޯދަން ކުޑަ މަސައްކަތެއް ކޮށްލިއަސް ސަރުކާރެއް އަދި ނުވެއްޓޭނެއެވެ.