ޚަބަރު

ޗައިނާގެ ދަރަނީގެ ދަންތުރާގައި ޖެހި ލަންކާގެ އިސްތިޤްލާލް ގެއްލިގެން ދިޔަ ގޮތަށް، ދިވެހިންގެ މިނިވަންކަން ޗައިނާއަށް ގެއްލި ދިޔުމުގެ ބިރު އިންތިހާއަށް އެބައޮތް!

ދިޔަވަރު
ޗައިނާގެ ދަރަނީގެ ދަންތުރާގައި ޖެހި ލަންކާގެ އިސްތިޤްލާލް ގެއްލިގެން ދިޔަ ގޮތަށް، ދިވެހިންގެ މިނިވަންކަން ޗައިނާއަށް ގެއްލި ދިޔުމުގެ ބިރު އިންތިހާއަށް އެބައޮތް!

ޗައިނާ އަށް ލަންކާ ދަރާ އޮތް މިންވަރު އިންތިހާއަށް އިތުރުވެފައި ވަނިކޮށް، މިދިޔަ އަހަރުގެ ފަހުކޮޅު މަލްޓި-ބިލިއަން ޑޮލަރެއްގެ ތެލުގެ ޕްރޮޖެކްޓެއް ޗައިނާއިން ލަންކާގައި ފެށުމުން، ޗައިނާގެ ދަރަނީގެ ދަންތުރައިން ލަންކާ އަރައި ގަނެވޭނެ ގޮތެއް ނެތި، ޗައިނާގެ ބާރުގެ ދަށަށް ލަންކާ ގޮސް، އެ ޤައުމުގެ މިނިވަން ކަމާއި އިސްތިޤްލާލް، އޮތް މިންވަރާއި މެދު އެ ޤައުމުގެ ރައްޔިތުންނާއި ދުނިޔޭގެ ސުވާލު ކުރާ ހިސާބަން ކަންކަން ގޮސްފިއެވެ. ލަންކާއިން އެމީހުންގެ ލޯނުތައް ރީ ސްޓްރަކްޗަރ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ކަމުގައި ވީނަމަވެސް، ކޮވިޑަށް ފަހުގައި އައި އިޤްތިޞާދީ ދަތި ހާލަތުން އަރައިގަނެ، ޗައިނާގެ ލޯނުގެ ދަންތުރައިން ސަލާމަތް ވުމުގައި އެ ޤައުމަށް މިއަދު ހުރީ ބޮޑެތި ގޮންޖެހުން ތަކެކެވެ.

ލަންކާ އެންމެ ބޮޑަށް ދަރާފައިވާ ޤައުމަކީ ޗައިނާއެވެ. 2022 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ސްރީލަންކާގެ ސޮވެރިން ދަރަނި ނުދެއްކި ދެފަހަރަށް ލަންކާ ބަނގުރޫޓުވާ ހާލަތަށް ވެއްޓުނީ ޗައިނާގެ ދަރަނީގެ ސަބަބުންނެވެ. މިއީ ލަންކާ ވަރުގެ އިޤްތިޞާދެއް އޮތް އެޝިޔާގެ ގައުމެއް ފާއިތުވި 20 އަހަރު ތެރޭގައި މިފަދަ ހާލަތަކަށް ވެއްޓުނު ފުރަތަމަ ފަހަރެވެ. ހަމަ ޗައިނާގެ ދަރަނީގެ ސަބަބުންނެވެ.

ސިރީ ލަންކާގެ ދާޚިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުމުން، އެ ޤައުމުން އުމްރާނީ ވަސީލަތްތައް ކުރިއެރުވުމަށް ޗައިނާ އިން ދަރަންޏަށް ފައިސާ ނަގަން ފެށިއެވެ. ޗައިނާއިން ލަންކާއަށް ލޯނު ދީ ޚަރަދު ކުރަމުން ދިޔައީ، އިޤްތިޞާދީ ގޮތުން ފައިދާ ކުރާ ޕްރޮޖެކްޓަތަކަކަށް ނޫން ކަމުން، މާލީ ގޮތުން ލަންކާގެ ހާލަތު ގޯސްވެ، ޤައުމު އަޑިއަޅާލާ ދަނޑިވަޅެއްގައި، ލަންކާއިން ނުދެއްކި ހުރި ލޯނުތަކުގެ ބަދަލުގައި، ލަންކާގެ ހަރުމުދާ ހިފަހައްޓައި، ލަންކާއަށް އަސްކަރީ ނުފޫޒާއި ބާރު ފޯރުވުމަށް ބެއިޖިންއަށް ފުރުޞަތު ލިބިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ. އެހެންކަމުން ލަންކާގެ މިނިވަންކަމާއި އިސްތިޤްލާލް އޮތީ ކޮން ބައެއްގެ އަތް މަތީގައިތޯ ސުވާލު އުފެދެއެވެ.

ނަމަވެސް ޗައިނާއިން ދަނީ، އެމީހުން އެއްވެސް ޤައުމެއް، ދަރަނީގެ ދަންތުރައެއްގައި ޖައްސަމުން ނުދާ ކަމަށް ބުނެފައެވެ.. "އެއްވެސް ފަރާތަކަށް ދަރަންޏަށް ފައިސާ ނަގަން މަޖުބޫރެއް ނުކުރަން، އަދި ދަރަނި ނަގާކަށް އެއްވެސް ގައުމަކަށް ބާރު އަޅާފައެއް ނޯންނާނެ. ލޯނު އެއްބަސްވުންތަކުގައި، ސިޔާސީ އެއްވެސް ޝަރުތެއް ހިމަނާފައި ނުވާނެ، އަދި ސިޔާސީ އަމިއްލަ މަސްލަހަތެއް ވެސް މިކަމުގައި ނުހޯދޭ،" ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މިދިޔަ އަހަރު ވިދާޅުވި އެވެ.

ސްރީލަންކާގެ 36.4 ބިލިއަން ޑޮލަރުގެ ބޭރުގެ ލޯނުތައް ރީސްޓްރަކްޗާ ކުރަން ތައްޔާރަށް އޮތް ކަމުގެ އިޝާރާތެއް ޗައިނާއިން ދީފައިވީނަމަވެސް، ޗައިނާއިން ދަނީ، ލަންކާގައި ޗައިނާގެ ޑައިރެކްޓް އިންވެސްޓްމަންޓްތައް އެތައް ގުނައަކަށް އިތުރަށް ފުޅާކުރަމުންނެވެ. މިކަމުގެ ސަބަބުން ދިގު މުއްދަތެއްގައި ދަރަނީގެ ބުރަ ލަންކާއަށް އިތުރުވުން ފިޔަވާ އެއްވެސް ކަމެއް ނުވާނެއެވެ. މިއީ ލަންކާގެ ނާޒުކު އިޤްތިސާދަށް އޭގެ އަސަރު ހުރިހާ ގޮތަކުންވެސް ކުރާނެ ކަމެކެވެ.

ލަންކާގެ ބަނދަރެއް ކަމަށްވާ ހަމްބަންޓޯޓާގައި 4.5 ބިލިއަން ޑޮލަރުގެ ރިފައިނަރީއެއް އެޅުމަށް ޗައިނާގެ ސަރުކާރުގެ ތެޔޮ ކުންފުންޏެއް ކަމަށްވާ، ސިނޯޕެކް އިން ހުށަހެޅި ހުށަހެޅުމަށް މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ލަންކާއިން ވަނީ ރުހުން ދީފަ އެވެ. މިއީ ޗައިނާއިން ލަންކާގެ މައްޗަށް އޮތް ނުފޫޒު އިތުރަށް ބޮޑު ވެގެން ދާނެ ކަމެކެވެ. މި އިޤްތިޞާދީ ނުފޫޒު ސިޔާސީ ނުފޫޒަށް އެކަށީގެންވާ ވަގުތުގައި ޗައިނާއަށް ބަދަލުކޮށް ލެވޭނެއެވެ.

1969 ވަނަ އަހަރު ލަންކާ ސަރުކާރު ހިއްސާވާ ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން (ސީޕީސީ) އިން އިމާރާތްކުރި ސްރީލަންކާގެ ހަމައެކަނި ތެޔޮ ސާފުކުރާ ކާރުހާނާއަށް، އެ ޤައުމުގެ އެތެރޭގެ ބޭނުން ތަކާއި އެއްވަރަށް، 22 މިލިއަން މީހުންނަށް، ބޭނުންވާ ތެޔޮ ފޯރުކޮށް ނުދެވެއެވެ. ޗައިނާގެ ސަރުކާރުގެ ކުންފުންޏެއްގެ ބެލުމުގެ ދަށުން އެމީހުން ދޭ އަގެއްގައި ލަންކާގައި ނަގާ ތެޔޮ ލަންކާގައި ބޭނުން ކުރަން ކުރިއަށް އޮތްތާގައި ޖެހޭއިރު، ޗައިނާގެ ނުފޫޒު ލަންކާއަށް ކުރިމަތިވާނެ މިންވަރު ވަޒަން ކޮށްލާށެވެ. މިނިވަންކަމާއި، އިސްތިޤްލާލް ގެއްލިގެންދާނެ މިންވަރު ވަޒަން ކޮށްލާށެވެ. މިއީ ދިވެހިން އެކަމުން ފިލާވަޅު ހާސިލްކޮށް، ރާއްޖެއަށް އަންނަ ބޭރުގެ އިންވެސްޓްމެންޓްތައް ބައްޓަން ކުރުމުގައި ވިސްނަން ޖެހޭ މުހިންމު ކަމެކެވެ.

މިފަދަ ޕްރޮޖެކްޓްތަކުން ޗައިނާ ސަރުކާރު ހާސިލް ކުރަން ބޭނުންވާ މަޤްޞަދާއި، ރާއްޖެ އަދި ލަންކާ ފަދަ ޤައުމުތަކުގެ އިޤްތިޞާދީ ލަނޑުދަނޑި ތައް ތަފާތު ވުމުން މަޝްރުޢުތަކުން ނަފާ ހޯދުމަށް ގިނަ ހުރަސްތަކެއް ހުރެއެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ސްރީލަންކާ އިން ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކާ އެކު ދަރަނި ރީސްޓްރަކްޗާ އެގްރީމެންޓަކަށް ގޮސް، އެ ގައުމުގެ ދަރަނީގެ ތެރެއިން ގާތްގަނޑަކަށް 4.2 ބިލިއަން ޑޮލަރު ދައްކާނެ ތާރީހު، އިންޓްރެސްޓްރޭޓް ފަދަ ކަންކަމަށް ބަދަލު ގެނެވިފައި ވެއެވެ. މިއީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ޑިސެމްބަރު މަހުގެ ކުރީކޮޅު ފާސްކުރި 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖުގެ ދެވަނަ ބައި ހޯދުމަށް ސްރީލަންކާ އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ. ބިކަހާލުގައި އޮތް ލަންކާއަށް މިއަދު ކޮޅަށް ތެދުވެވެން އޮތީވެސް ޗައިނާގެ އަތުގައި ހިފައިގެންނެވެ.

މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި، ޗައިނާ ސަރުކާރާއި އެކު ކުރިއަށް ދިޔަ އިސް މަޝްވަރާތަކުގައި ދަރަނި ދައްކާނެ ތާރީޚަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އެދުނެވެ. ދަރަނި ރީސްޓްރެކްޗަރ ކުރުމަށް އެދުމަށް ފަހު، ހަމަ އެނޭވާގައި ޗައިނާގެ ކިބައިން ދަރަންޏަށް ފައިސާއަށް އެދުނެވެ. މިކަން ޗައިނާ ސަރުކާރަށްވީ ހައިރާން ކުރުވަނިވި ޖޯކަކަށެވެ. އެހެންކަމުން ރާއްޖެއިންވެސް، އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖަކަށް ދިޔުމުގެ ކުރިން ޗައިނާއާއި އެކު ޕީޕީއެމް ސަރުކާރުން ނަގާފައިވާ ބައެއް ދަރަނިތައް ރީސްޓްރެކްޗަރ ކުރެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

ޗައިނާއަށް ދަރާފައިވާ ޤައުމުތަކުގެ ތެރެއިން 3 ވަނައަށް ދަރަނީގެ ބުރަ އެންމެ ބޮޑުކޮށް އޮތް ގައުމަކީ ރާއްޖެއެވެ. ރާއްޖެއިން ނަގާ ކޮންމެ ދަރަންޏެއް، އަދި ޗައިނާއާއި އެކު ފަށާ ކޮންމެ ޕްރޮޖެކްޓަކީ ރާއްޖެ ދަރަނީގެ އަޑި ނޭނގޭ ވަޅަކަން ގެނބިގެން ދާނެ ކަމެކެވެ. ލަންކާއަށް ޗައިނާ އަތުގައި ނުހިފައި، ދިރިހުރުމަށް ނޭވާ އެއް ލެވެން ނެތް ހިސާބަށް ދިޔުމުން، މިނިވަން ކަމާއި އިސްތިޤްލާލުގެ އެވަނީ ގެއްލިގެން ގޮސްފައެވެ. މުއިއްޒުގެ ޚާރިޖީ އަދި އިޤްތިޞާދީ ސިޔާސަތުގެ ނާޤާބިލު ކަމުގެ ތެރެއިން ރާއްޖޭގެ އިޤްތިޞާދު ގަނބައި ވައްޓާލަނީ އަޑި ނޭނގޭ ފުން ވަޅަކަށެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތް ކުރުމުގެ ނަމުގައި އައިސް އެ މިނިވަންކަން ސިކުންތެއް ތެރޭ ގެއްލުވާލައި، ރާއްޖެ ޗައިނާގެ އަޅުވެތި އުނގަށް މުއިއްޒު ވައްޓާލާނެ ކަމާއި މެދު މިހާރު އެއްްވެސް ޝައްކެއް ނެތެވެ.