އިންތިގާލީ ކޮމިޓީތަކުން މިހާތަނަށް ކުރި މަސައްކަތުން ހާއްސަ އޮޑިޓެއް ކުރަން ޖެހޭ ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިދާރާތަކެއް ފާހަގަވެފައިވާ ކަމަށް އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވިދާޅުވި އެވެ.
އެ އިދާރާތަކާއި ކުންފުނިތަކުގެ ހާއްސަ އޮޑިޓު ކުރުމަށް އޮޑިޓާ ޖެނެރަލްގެ އަރިހުން އެދުމަށް ތައްޔާރުވަމުންދާ ކަމަށް އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވި އެވެ. ނަމަވެސް, އޮޑިޓުކުރަން ހުށަހަޅާ ތަންތަނުގެ ތަފުސީލެއް ނުދެއްވަ އެވެ.
"އަޅުގަނޑުމެން ގަސްތުކުރަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އޮޑިޓާ ޖެނެރަލްއަށް މި އިދާރާތަކުގެ ހާއްސަ އޮޑިޓެއް ހެދުމަށް ދެންނެވުމަށް، މި މަސައްކަތާއި ނިންމުންތަކާ ގުޅޭ ތަފުސީލު އަޅުގަނޑު ފަހުން އަރުވާނަން" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ އިންތިގާލީ ކޮމިޓީތަކުން އިދާރާތަކަށް ގޮސް ކުރާ މަސައްކަތަކީ އެ ތަންތަނުގެ ހާލަތު ބެލުން ކަމަށާއި އޮޑިޓެއް ކުރުން ނޫން ކަމަށެވެ. އަދި، ހާއްސަ އޮޑިޓަކަށް ދާން ނިންމީ އެގޮތަށް ހޯދުނު މައުލޫމާތުގެ އަލީގައި ކަމަށެވެ.
މި ސަރުކާރުގެ ހިޔާނާތުގެ މައްސަލަތައް ބެލުމަށް އަލަށް އިންތިހާބުވި ސަރުކާރުގެ ބައިވެރިންނާއި ވެރިކަންކުރާ އެމްޑީޕީއިން ވަކިވެ އުފެދުނު ޑިމޮކްރެޓްސްއިން ދަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ނިމުނު ޖުލައި މަހުން ފެށިގެން މިއަދާ ހަމައަށް އޭސީސީއަށް ހުށަހެޅުނު 190 މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ.
ބައެއް ކުންފުނިތަކާއި އިދާރާތަކުގެ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓާ ޖެނެރަލަށް ހުށަހަޅަނީ