ޚަބަރު

ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލު ކުރަން އަންގާ، މުއިއްޒުގެ އަމުރަށް ކެނދިކުޅުދޫ ކައުންސިލަށް އިންޒާރު ދީފި! މުއިއްޒުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށް އިންޒާރުގެ ސިޓީގައި ވޭ!

ދިޔަވަރު
ކެނދިކުޅުދޫ ކައުންސިލްގެ ބަޔާން ބާތިލު ކުރަން އަންގާ، މުއިއްޒުގެ އަމުރަށް ކެނދިކުޅުދޫ ކައުންސިލަށް އިންޒާރު ދީފި! މުއިއްޒުގެ ކަރާމާތަށް އުނިކަން ލިބިފައިވާ ކަމަށް އިންޒާރުގެ ސިޓީގައި ވޭ!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ހައިސިއްޔަތުން ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ނ. ކެނދިކުޅުދޫ ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.

ކެނދިކުޅުދޫ ކައުންސިލްގެ ރައީސަށް އެޑްރެސްކޮށް އެލްޖީއޭގެ ސީއީއޯ ޑރ. މަރިޔަމް ޒުލްފާ ފޮނުއްވެވި ސިޓީގައި ވިދާޅުވެފައި ވަނީ ލޯކަލް ކައުންސިލްތަކަކީ ސަރުކާރުގެ ފަށަލައަކަށްވެފައި ކައުންސިލްތަކަށް ލިބިދީފައިވަނީ އާންމު ހިދުމަތްތައް ދިނުމާއި އެ ހިދުމަތްތައް ހިންގުމަށް ބޭނުންވާ ބާރުތައް ކަމަށްވާތީ އަދި ކައުންސިލްތަކުން ހިންގާ ހަރަކާތްތަކާއި ހިދުމަތްތައް ދޭން ވާނީ ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ކަމަށެވެ.

ޒުލްފާ އަކީ އިންތިހާބުގެ ދެވަނަ ބުރުގައި ވެސް ރައީސް ސޯލިހް އަށް ސަޕޯޓް ކޮށް ކެމްޕެއިން ކުރުމަށް ފަހު، މުއިއްޒަށް ވެރިކަން ލިބުމުން، މުއިއްޒުގެ އުނގަށް ފުންމާލި ފަރާތެކެެވެ.

އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި އަދި ނިންމަވާ ނިންމެވުންޔަކާއި ދެކޮޅަށް ކައުންސިލްތަކުން ނޫސްބަޔާން ނެރުމަކީ ކައުންސިލްތަކަށް ލިބިފައިވާ ގާނޫނީ ބާރެއް ނޫން ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތަކާއި މަސްއޫލިއްުޔަތުތައް އަދާކުރުމަށް ހުރަސް އެޅޭ ގޮތަށް އެއްވެސް ފަރާތަކުން އަމަލުތައް ބެހެއްޓުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާ ރައްޔިތުންގެ އަގުލަބިއްޔަތުން އިންތިހާބު ކޮށް ދައުލަތް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ އެ ޒިންމާ އަދާ ކުރުމަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ އެއްވެސް އިދާރާ އަކުން / ކައުންސިލަކުން ކަންކަން ކުރުމަކީ އެލްޖީއޭ އިން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

ކެނދިކުޅުދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާއި ހިލާފު އިލްޒާމް އަޅުއްވާ ނޫސްބަޔާން ނެރުމަކީ އެލްޖީއޭ އިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.

"ނޫސްބަޔާނުގައި ސޮއި ނެތުމާއި އަދި ކައުންސިލުން ނޫސްބަޔާނަށް ޒިންމާވާނެ ފަރާތެއްގެ ނަން ނެތުމަކީ ނޫސްބަޔާނުގެ ސައްހަ ކަމާމެދު ސުވާލު އުފެދޭނެ ކަމެއް ކަމުގައި ދަންނަވަމެވެ،"

އެހެން ކަމުން ގާނޫނުގެ ހަމަތަކާއި ކައުންސިލްގެ ބާރާއި މަސްއޫލިއްޔަތުން ބޭރުން ކެނދިކުޅުދޫ ކައުންސިލުން ނެރެފައިވާ ނޫސްބަޔާން ބާތިލުކޮށް މާދަމާ މެންދުރު 2:00 ގެ ކުރީން އެކަން އެންގުމަށާއި އެފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް އެލްޖީއޭ އިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.

މާޗް ދެވަނަ ދުވަހުގެ ތާރީހު ގައި ކެނދިކުޅުދޫ ކައުންްސިލްގެ އިދާާރާގެ ލެޓަހެޑް ގައި "ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ހިފައި ރަސްމީ ދަތުރުފުޅުގެ ނަމުގައި ކެމްޕެއިން ހަރަކާތްތައް ހިންގުން ކުށްވެރިކޮށް ނެރޭ ނޫސްބަޔާން" ކަމަށް ބުނެ ބަޔާނެއް ވަނީ އާންމުކޮށްފައެވެ. އެ ބަޔާނުގައި އެއްވެސް ކައުންސިލަރަކު ސޮއިކޮށްފައެއް ނުވެ އެވެ.