ރާއްޖެއަށް އެއަރ އެމްބިއުލާންސް އެއް ތައާރަފް ކުރަނީ ކަމަށް ބުނެ، ދުވަސްވެ، ބާ ދަގަނޑަށް ވެފައިވާ ފްލެއިޓެއްގެ ބޭރުގައި ދަވާދުލާ ހާކާ، އޭގެ ނަން، އެމްބިއުލާންސް އަށް ބަދަލު ކޮށް، އެތެރޭގައި ފަސެންޖަރުން ފްލައިޓްގައި ތިބޭ ސީޓް މަތީ ދެފަރާތުން 2 ސްޓްރެޗަރ ހަރު ކުރިއަސް އެއަކަށް އެއަރ އެމްބިއުލާންސެކޭ ނުކިޔޭނެއެވެ. މިކަހަލަ ދޮގު ތަކުރާރު ކޮށް ހެދުމުން މިއަދު ރައްޔިތުން ތިބީ މާޔޫސް ވެފައެވެ.
އެންމެ ކުޑަ މިނުން އެއަރ އެމްބިއުލާންސް އެއްގައި ހުންނަން ޖެހޭ ޝަރުތު ތަކެއް ހުރެއެވެ.
- މެޑިކަލް އާލާތްތައް: އެއާ އެމްބިއުލާންސްތަކުގައި ވެންޓިލޭޓަރު، ޑިފިބްރިލޭޓަރު، ކާޑިއެކް މޮނީޓަރު އަދި ބޭސް ޕަމްޕް ފަދަ ޒަމާނީ މެޑިކަލް އިކުއިޕްމަންޓްތައް ހަރުކުރެވިފައި ހުރެއެވެ. މި އިކުއިޕްމަންޓްގެ ސަބަބުން ހޮސްޕިޓަލުގެ އިމަޖެންސީ ރޫމެއްގައި ތިބި ބަލި މީހަކަށް ފްލައިޓްގައި ބަލި މީހަކަށް ދެވޭ މިންވަރަށް ފަރުވާ ދެވޭނެ އެވެ.
- ސިއްހީ ސާމާނު: އެކި ކަހަލަ ސިއްހީ ހާލަތްތަކަށް ފަރުވާ ދިނުމަށް، އެއާ އެމްބިއުލާންސްތަކުގައި ބޭހާއި ބެންޑޭޖް އަދި އެހެނިހެން ސިއްހީ ސާމާނުގެ ސްޓޮކެއް ހުންނަން ޖެހެއެވެ. މިތަކެތި ރައްކާ ކޮށްފައި ބެހެއްޓުމަށް އެއަރ އެމްބިއުލާންސްގައި މެޑިކަލް ގްރޭޑްގެ ކަބަޑުތައް ހަރުކުރެވިފައި ހުރެއެވެ.
- ކުޑަ ކުދިންނަށް ހާއްސަ ކުރެވިފައިވާ، އެއްތަނުން އަނެއްތަނަށް ކުޑަ ކުދިން ގެންދިއުމަށް ބޭނުންވާ ބޭބީ ޕޮޑްސް ހުންނަން ޖެހޭނެއެވެ.
މިއީ އެންމެ ކުޑަވެގެން އެއަރ އެމްބިއުލާންސް އެއްގައި ހުންނަންވީ ޝަރުތު ތަކެވެ. ފްލައިޓްގެ ސީޓްތައް މަތީ ސްޓްރެޗަރ ހަރުކުރުމަކީ މީގެ ކުރިންވެސް ބަލި މީހުން ބަލާ މޯލްޑިވިއަން ފްލައިޓް ދާ ގޮތެވެ. މުއިއްޒު އިތުރަށް ކުރިހާވެސް ކަމަކީ ޑޭޝް 8 ގެ ދުވަސްވީ ބާ ފްލައިޓެއްގައި ދަވާދު ކޮޅެއް ހާކާލައި، އޭގެ ނަންބޯޑު "އެއަރ އެމްބިއުލާންސް" އަށް ބަދަލު ކޮށްލުމެވެ. ދިވެހި ރައްޔިތުން އެމެޖެންސީގައި ބޭނުންވާ ސިއްހީ ފަރުވާއަކީ މުއިއްޒަށް ބޮޑު ޖޯކެއްތޯއެވެ؟