އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވާ އަނީސް ހިލްމީ, ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާއަށް ވާދަކުރަމުންދާ އިބުރާހިމް ޝުޖާއުގެ ނުފޫޒުން މިނިވަން ކޮށްފައި ވަނިކޮށް, އޭނާ އަލުން ބަންދުކުރުމަށް ޕްރޮސެކިއުޓާ އޮފީހުން ހައިކޯޓުގައި އެދިއްޖެއެވެ.
މާލޭގެ ގެސްޓްހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ހއ. ބާރަށު، ސިލްސިލާގެ އަނީސްގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއެވެ.
އޭނާ ބަންދުން ދޫކޮށްފައި ވަނީ, ބާރަށު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރަމުންދާ, ގޭންގް ސްޓާރެއް ކަމުގައިވާ އިބުރާހިމް ޝުޖާއު ކުރިމިނަލް ކޯޓަށް ނުފޫޒު ފޯރުވައިގެންނެވެ. ރޭޕިސްޓު އަނީސް މިހާރުދަނީ ޝުޖާއުގެ މަޖިލިސް ކެމްޕޭންގައި ހަރަކާތްތެރި ވަމުންނެވެ.
އެ މައްސަލައިގައި މީގެ ތިން އަހަރު ކުރިން އަނީސް ޝަރީއަތް ނިމެންދެންބަންދު ކުރި ނަމަވެސް މިދިޔަ މަހުގެ 21 ވަނަ ދުވަހު ކޯޓުން ވަނީ އޭނާ ބަންދުން ދޫކޮށްލާފައެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އަނީސް ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޝަރީއަތް ކުރިއަށް ގެންދެވޭނެ ދުވަހެއް ނޭނގުމާއި، ކުށުގެ ރެކޯޑެއް ނެތުމާއި، ބަންދުގެ ހުރި މުއްދަތުގައި ކަރެކްޝަންސްގެ ފަރާތުން އެއްވެސް ޝަކުވާއެއް އައިސްފައި ނުވާތީ ކަމަށް ބުނެއެވެ. އަދި އޭގެ އިތުރުން ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ ކަމަށްވެސް އޭނާ ދޫކޮށްލި ބަންދު އަމުރާ ހަވާލާދީ ޕީޖީ އޮފީހުން މައުލޫމާތު ދިނެވެ.
އެހެންނަމަވެސް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތުދިން ކޯޓުގެ އޮފިޝަލަކު ވިދާޅުވެފައިވަނި އަނީސް ދޫކޮށްލުމަށް ކޯޓަށް ނުފޫޒު ފޯރުވާފައިވަނީ ޝުޖާއުގެ ޕްރެޝަރަށް ސީދާ ރައީސް މުއިއްޒު ކަމުގައެވެ. ޝުޖާއުވެސް ގާޒީއަށް އިންޒާރުދީ, އަނީސް ދޫނުކޮށްފިނަމަ ގާޒީ މަގާމުން ވަކި ކުރާނެކަމުގެ އިންޒާރުދީ ބިރު ދައްކާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އަނީސް އަލުން ބަންދު ކުރުމަށް ހައި ކޯޓުގައި އެދިފައިވި ނަމަވެސް, ހައި ކޯޓުގެ ރަޖިސްޓްރީން އެނގޭ ގޮތުގައި އަދި އެ މައްސަލަ އެ ކޯޓުން ބަލައިގެންފައި ނުވެއެވެ.
ތަހުގީގުގައި ބެލި ބެލުމުން އެގިފައިވަނީ, އޭނާ އެ ކުޑަކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ ގްރޫމް ކޮށްގެންކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އަނީސްގެ މައްޗަށް އުފުލި ދައުވާތަކުގެ ތެރެއިން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެ އޭނާ އެއް މަހަށް ޖަލަށްލާން ކުރި ހުކުމް މިހާރު ވަނީ ތަންފީޒުކޮށް ނިމިފައެވެ. މިހާރު ކުރިއަށްދަނީ ބާކީ ދެ ދައުވާގެ ޝަރީއަތެވެ.
ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއަށް އޮންނަ އަދަބަކީ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމަށްޓަކައި އެކުއްޖާ ގްރޫމްކުރުމުގެ ކުށުގެ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.