ޚަބަރު

ރައީސް މުއިއްޒުއަށް މަރުހަބާކިޔަން ބެލެނިވެރިންނަށް މަޖުބޫރު ކޮށްގެން ދުވާފަރު ސްކޫލުގެ ދަރިވަރުން އަވީގައި ނެރެފި

ދިޔަވަރު
ރައީސް މުއިއްޒުއަށް މަރުހަބާކިޔަން ބެލެނިވެރިންނަށް މަޖުބޫރު ކޮށްގެން ދުވާފަރު ސްކޫލުގެ ދަރިވަރުން އަވީގައި ނެރެފި

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރ. ދުވާފަރަށް ވަޑައިގެންނެވިއިރު ބެލެނިވެރިންނަށް ރަސްމީކޮށް އަންގައިގެން ރަށު ސްކޫލުގެ ދަރިވަރުން އެމަނިކުފާނަށް މަރުހަބާކިޔަން ނެރެފި އެވެ.

"އަދަދު" ނޫހަށް ލިބިފައިވާ ލިޔުމުން ފެންނަ ގޮތުގައި ދުވާފަރުގައި ހުންނަ ރ. އަތޮޅު މަދަރުސާގެ ބެލެނިވެރިން ތިބޭ ގްރޫޕުތަކަށް ފޮނުވާފައިވާ އެންގުމުގައި ދަރިވަރުންނާއި ބެލެނިވެރިން ބަނދަރަށް ނުކުންނަން އަންގާފައިވަނީ މިއަދު މެންދުރު 1:00 ޖަހާއިރަށެވެ.

ދަރިވަރުން ނެރެންވާނީ ސްކޫލުގެ ރަސްމީ ޔުނިފޯމުގައި ކަމަށާއި އެކި މަގާމުތަކަށް ހޮވިފައިތިބި ކުދިން ޝޭޝް އަޅައިގެން ތިބުމަށް ވެސް ސްކޫލުން ވަނީ އަންގާފައިވެ އެވެ.

ދުވާފަރު ސްކޫލުން މިހެން އެންގި ނަމަވެސް ނިމިދިޔަ ސަރުކާރުގައި ޑިސެމްބަރު 3، 2018 ގައި، ސަރުކާރުގެ އިސްވެރިންނަށް މަރުހަބާ ކިޔަން ސްކޫލު ކުދިން ނުނެރެން އަންގާ ސާކިއުކާލެއް ނެރެފައިވެ އެވެ.

"ދަރިވަރުން ގިނަވަގުތު ކޮޅަށް ތިބުމާއި އަވީގައި ބޭތިއްބުމަކީ އެކަމުގެ ސަބަބުން ދަރިވަރުންގެ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ތަފާތު އުނދަގޫ ކުރިމަތިވެ، ދަރިވަރުންނާއި ބެލެނިވެރިންގެ ވަގުތުތަކެއް ގެއްލިގެންދާ ކަމަކަށްވާތީ، އެގޮތަށް ދަރިވަރުން ނެރުމަކީ ކޮންމެހެން ބޭނުންތެރިކަމަކަށް ނުވާތީ އެކަން އެގޮތަށް ނުކުރުމަށް އެންގިން،" އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ސޮއިކުރައްވާ ސްކޫލުތަކަށް ފޮނުވި ސާކިއުލާގައިވެ އެވެ.

މިދިޔަ ސަރުކާރުގެ އެކި ދަތުރުތަކުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށްރަށް ވަޑައިގަތުމުން ސްކޫލު ދަރިވަރުން މަރުހަބާ ކިޔަން ނުކުތުމުން ވެސް އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ. އޭރު އެޑިއުކޭޝަން މިނިސްޓްރީން ބުނީ ސްކޫލު ދަރިވަރުން ނުކުތުމަށް ސްކޫލުތަކުން އަންގަނީ ސަރުކާރަށް އެނގިގެން ނޫން ކަމަށެވެ.

މިއަދުގެ އެންގުމާ ގުޅިގެން އަދި މި ސަރުކާރުގެ ބަހެއް ނުލިބެ އެވެ.