ދިވެހިރާއްޖޭގެ އާ ގާނޫނު އަސާސީން ގެނެސްދިން ލާމަރުކަޒީ ނިޒާމް ބަލައިގަތްތާ 13 އަހަރުވެގެން ދިޔައީއެވެ. ފާއިތުވެދިޔަ 13 އަހަރު ތެރޭގައިވެސް އެކި ސަރުކާރުތަކުން, ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް, ލާމަރުކަޒީ ނިޒާމު ތަރައްގީކޮށް, ކުރިއެރުވޭތޯ ތަފާތު އެތައް މަސައްކަތަކެއް ކޮށްފައި ވެއެވެ.
އޭގެ ތެރޭގައި ޚާއްސަ ގޮތެއްގައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައިވެސް ރާއްޖޭގެ ޒަމާނީ ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސްކަމުގައިވާ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ތަރައްގީ ކޮށްފައިވެއެވެ. ބާރުތައް ކައުންސިލްތަކަށް ދުކޮށްފައި ވެއެވެ.
ހަމަ އެއާއެކު ޖެހިގެން އައި ސަރުކާރުތަކުގައި ލާމަރުކަޒީ ނިޒާމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މި ނިޒާމް ދިރި ދެމި އޮވެފައި ވެއެވެ. ލާމަރުކަޒީ ބާރުތައް ކައުންސިލަރުންގެ އަތުން ނިގުޅައިގަނެވިފައެއް ނުވެއެވެ. ބާރުތައް ރައްޔިތުންގެ އަތުން އަތުލާ, ވެރިމީހާގެ މުށުތެރެއަށް ޖަމާކުރެވިފައެއް ނުވެއެވެ.
އެއަށްފަހު ދެން އައީ ރައީސް ސާލިހުގެ ވެރިކަމުގެ ދައުރެވެ. އެ ދައުރުގައި ރާއްޖޭގެ ލާމަރުކަޒީ ނިޒާމު އިތުރަށް ބާރުވެރި ކުރެވި, ބާރުތައް ކައުންސިލަރުންގެ އަތްމައްޗަށް ދޫކޮށްލެވުނެވެ. އަންހެން މެމްބަރުންނަށް ކައުންސިލްތަކުގައި ޚާއްސަ ކޯޓާއެއް ހަމަޖެއްސުނެވެ. ދާއިރާގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްތަކާއި ފަޅުތައް ކައުންސިލްތަކަށް ދޫކޮށްލެވުނުވެ. މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދޫކޮށްލެވުނެވެ.
ކުރު ގޮތަކަށް ދަންނަވަނީ ނަމަ, ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު ނިމިގެން ދިޔައިރު, ދިވެހިރާއްޖޭގެ ޒަމާނީ ޑިމޮކްރަސީ ދުށް ލާމަރުކަޒީ ނިޒާމު އޮތީ ވަރަށްވެސް ރަގަޅަށް ފައްކާވެ ފޯދިފައެވެ.
ޒުލްފާއަކީ ވަޒީރުކަން ލިބޭތޯ އަބަދަވެސް ސިޔާސީ ހަށިވިއްކި މީހެއް!
އެއަށްފަހު, ރައީސް ޔާމިންގެ ނަންޖެހި ހުސް ގޮނޑި ދައްކައިގެން, މަކަރާއި ހީލަތުން ރައީސް މުއިއްޒު ވެރިކަމުގެ ބާރުތައް ހޯއްދެވީއެވެ. ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު, އެންމެ ފުރަތަމަވެސް ސިޔާސީ މަގާމަކަށް އައްޔަން ކުރެވިގެން ދިޔައީ, މ. ވައިނުޖެހޭގެ، ޑރ. މަރިޔަމް ޒުލްފާ ރައީސް މުއިއްޒު ވަނީ އައްޔަން ކުރައްވާފައެވެ.
ރައީސް މުއިއްޒު އޭނާ އެލްޖީއޭގެ ސީއީއޯއަކަށް ޒުލްފާ އައްޔަންކުރެއްވިއިރު ޒުލްފާ ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރުކަން ކުރައްވައިފައެވެ. އެކަމަކު، ނަޝީދު މަގާމުން އިސްތިއުފާ ދެއްވައި ފެބްރުއަރީ ހަތެއް، 2012 ގައި ވެރިކަން ބަދަލުވުމާ ގުޅިގެން އޭނާ ވަނީ ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރައްވައިފައެވެ.
ރައީސް ނަޝީދުގެ ވެރިކަން ނިމި, ވަޒީރުކަން ގެއްލުމުން ގައުމު ދޫކޮށް އޮސްޓްރޭލިއާއަށް ވަޑައިގަތުމަށްފަހުވެސް ޖެހިގެންއައި ހުރިހާ ސަރުކާރެއްގައިވެސް ވަޒީރުކަން ހޯއްދެވުމަށް ޒުލްފާ މަސައްކަތް ކޮށްފައި ވެއެވެ. ޖެހިގެން އައި ކޮންމެ ރައީސެއްގެ އަރިހުންވެސް ކެބިނެޓުން މަގާމެއް ލިބޭތޯ އޭނާ އާދޭސްކޮށްފައި ވެއެވެ.
އެއަށްފަހު ރައީސް ސާލިހުގެ ވެރިަކމުގައިވެސް ޒުލްފާ މަސައްކަތް ކޮށްފައިވަނީ ފަތުރުވެރިކަމާބެހޭ ވަޒީރުކަން ހޯއްދަވާށެވެ. 2018 ވަނަ އަހަރުވެސް ވެރިކަން ބަދަލުވެގެން ދިޔައިރު އޭނާ އޮސްޓްރޭލިއާގައި ހުންނެވުމަށްފަހު ރާއްޖެ ވަޑައިގެންނެވީ ރައީސް ސާލިހުގެ ކެބިނެޓުން މަގާމެއް ކަށަވަރު ކުރެއްވޭތޯއެވެ.
އެހެންނަމަވެސް ޒުލްފާއަކީ މަގާމަށް "މަރުދަންޖެހޭ" އަދި އެކަމަށްޓަކާ ސިޔާސީ ގޮތުން ހަށިވިއްކުމަށްވެސް ތައްޔާރަށް ހުންނަ ފަރާތެއްކަން ރައީސް ސާލިހަށް ރަގަޅަށްވެސް ވަޒަން ކުރެއްވިފައިވާތީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ޒުލްފާއަށް ސިޔާސީ މަގާމެއް ދެއްވަން ރައީސް ސާލިހު ދެކޮޅު ހެއްދެވިކަމަށް ރައީސް ސާލިހުގެ އަރިސް ފަރާތަކުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެއްވާފައި ވެއެވެ.
އެއަށް ފާއިތުވި 5 އަހަރު އޮސްޓްރޭލިއާގެ ރައްޔިތެއްގެ ގޮތުގައި އެގައުމުގައި ހުންނެވުމަށްފަހު އަނެއްކާވެސް ޒުލްފާ ރާއްޖެ ވަޑައިގެންނެވީ ފާއިތިވެދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. ވެރިކަން ބަދަލުވާ ދަނޑިވަޅާ ދިމާކޮށް ސިޔާސީ ބޮޑުމަގާމެއް ލިބޭތޯ މަރުފަލި ޖެއްސެވުމަށް ތައްޔާރު ވެގެންނެވެ.
އޭނާ މުއިއްޒުއަށް ދެއްކެވި ހުވަފެނެއް ދައްކަވައިގެންވެސް ކެބިނެޓުން މަގާމެއް ދެއްވަން މުއިއްޒު ދެކޮޅު ހެއްދެވީ ޒުލްފާއަކީ ސިޔާސީ ގޮތުން ހަށިވިއްކާ ބޭކަނބަލެއްކަން ޚުދު މުއިއްޒުއަށްވެސް އެގި ވަޒަން ކުރެވިގެންކަން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މިސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.
އެހެންނަމަވެސް އެންމެ ފަހުން ޒުލްފާގެ އާދޭސްތަކަށް ކެތް ނުކުރެވިގެން މުއިއްޒު އެއްބަސްވެލެއްވީ އޭނާއަށް އެލްޖީއޭގެ ރައީސްކަން ދެއްވާށެވެ.
މުއިއްޒުގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމު ފުނޑާލުމުގެ މޭސްތިރިއަކަށް ޒުލްފާ!
އެލްޖީއޭގެ ރައީސްކަން ދެއްވުމާއެކު ޒުލްފާ ވަނީ, އެތައް ދުވަހަކުން ރާއްޖެ ހޯދި ލާމަރުކަޒީ ނިޒާމު ފުނޑުފުނޑު ކޮށްލުމުގެ މަސައްކަތް ފައްޓަވާފައެވެ. އޭނާވަނީ ރައީސް މުއިއްޒުގެ އެންގުމަށް އެތައް ކައުންސިލަރުންނެއްގެ މުސާރަ, ފާއިތުވި ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހިފަހައްޓާ ކައުންސިލަރުން ސަސްޕެންޑް ކޮށްފައެވެ.
އަދި އޭގެ އިތުރުން މުއިއްޒުއަށް ފާޑުކިޔާ ކައުންސިލަރުންގެ ދޫ ބަންދުކުރުމަށްވެސް މުއިއްޒުގެ އަމުރަށް ސަރުކާރުން އިސްބޭފުޅުންގެ ތެރޭގައި އެންމެ ވަރުގަދައަށް ފޫގަޅާފަ ހުރި އެއްބޭފުޅަކީ, އޮސްޓްރޭލިއާގެ ރައްޔިތެއް ކަމުގައިވާ ޒުލްފާއެވެ. އެގޮތުން ރައީސް މުއިއްޒުއަށް ފާޑުކީ ކެނދިކުޅުދޫ ކައުންސިލަރުންގެ މުއިއްޒުއަށް ފާޑުކިޔާ ނެރުނު ބަޔާން ބާތިލްކުރުމަށް މުހުލަތު ދީ އެކައުންސިލަރުންގެ މުސާރަ ހިފަހައްޓާނެކަމުގެ އިންޒާރުވެސް ޒުލްފާ ވަނީ ދެއްވާފައެވެ.
އޭގެ އިތުރުންވެސް ނ. ވެލިދޫ ކައުންސިލަރުން މުއިއްޒަށް މަރުހަބާ ކިޔުމަށް އެ އަތޮޅު ހޮޅުދޫއަށް ދަތުރު ހަދައިގެން ނުގޮސްގެން އެކަމާއި ވެލިދޫ ކައުންސިލަރުންނަށް ޒުލްފާ އިންޒާރު ދީފައި ވެއެވެ.
ދިވެހިރާއްޖެ ދެކެމުން މިދާ ޑިމޮކްރަސީގެ އެންމެ ވަރުގަދަ އެއްބިންގާ ކަމުގައި ލާމަރުކަޒީ ނިޒާމު ފުނޑާލާ, ފާއިތުވެދިޔަ ރައީސުން މިނިޒާމު ފުޅާކޮށް ރައްޔިތުން ބާރުވެރިކުރުމަށް, ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްފައިވާ ބާރުތައް މުއިއްޒުގެ މުށުތެރެއަށް ޖަމާކުރުމަށް ޒުލްފާ ސިޔާސީ ގޮތުން ހަށިވިއްކަމުން ދަނީ, މުއިއްޒުގެ ފައިބުޑަށް ތިރިވެގެންވެސް ވަޒީރުކަން ލިބޭތޯކަމަށް ޕީއެންސީގެ އިސް ބައެއް ފަރާތްކުންވެސް ދަނީ ވިދާޅުވަމުންނެވެ.
ރާއްޖޭގެ ރައްޔިތުކަން ދޫކޮށް، އޮސްޓްރޭލިޔާގެ ރައްޔިތުކަން ހޯދައިގެން ހުރި ބޭރު ޤައުމެއްގެ ރައްޔިތެއް ކަމުގައިވާ ޒުލްފާ ހަގީގަތުގައިވެސް ވެގެން މިދަނީ ދިވެހި ޑިމޮކްރަސީއަށް ހުރި ބޮޑު ބިރަކަށެވެ. ވަޒީރުކަން ހޯއްދެވުމަށް އޭނާ ދަނީ ސިޔާސީ ގޮތުން ހަށިވިއްކަމުންނެވެ. އެތައް ކައުންސިލަރުންނަށް އަނިޔާވެރިވަމުންނެވެ.
ރައީސް ނަޝީދުގެ ވެރިކަންވެސް ބަލިކަށިވެސް އެންމެ ފަހުން ވެއްޓިގެން ދިޔައީ މިފަދަ "ދެފުއްދެގޮތް" "މިނާފިގުންނަށް" އިތުބާރު ކުރރެއްވިގެންނެވެ. މިއަދު ފެނިގެން މިދަނީ ރައީސް މުއިއްޒުވެސް ހަމަ އެގޯސް ހައްދަވަމުން ގެންދަވާ މަންޒަރެވެ.