އާންމުންނަށް އުނދަގޫވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުފަހަރު ޖޫރިމަނާކޮށް، ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.
ފުލުހުން އިއްޔް ނެރުނު ބަޔާނެއްގައި ވަނީ، މަގުމަތީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި، އުޅަނދުފަހަރު ދުއްވާ މީހުންނަށް، ވަކިން ހާއްސަކޮށް އިމަޖެންސީ އުޅަނދުތަކަށާއި، ޕަބްލިކް ޓްރާންސްޕޯޓަށް އުނދަގޫ ވާގޮތަށް މާލެއާއި، ހުޅުމާލޭގެ މަގުތަކުގައި އުޅަނދުތައް ޕާކުކޮށްފައި ހުންނަކަން ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އެފަދަ އުޅަނދުތަކަށް މި މަހުގެ 7ވަނަ ދުވަހުން ފެށިގެން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7ވަނަ މާއްދާގެ (ނ) އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14ވަނަ މާއްދާގެ (ށ)ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކްކުރާ އުޅަނދު ޖޫރިމަނާ ކުރަން ފަށާނެކަމުގެ, މުއިއްޒުގެ އެންގުމަށް ފުލުހުން އިންޒާރު ދީފައިވާއިރު, ފާއިތުވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގައި މުއިއްޒު ވައުދުވެފައިވަނީ މާލޭގައި ޕާކިން ބިލްޑިންގތައް ނުހެދެނީސް, ޕާކުކޮށްގެން ޖޫރިމަނާ ނުކުރާނެ ކަމުގައެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7ވަނަ މާއްދާގެ (ނ)ގެ ދަށުން ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޖޫރިމަނާ ކުރުމާއި، ޓޯ ކުރުން އަދި އެފަދައިން އުޅަނދު ޕާކުކުރާ މީހުންގެ ލައިސަންސުން ޕޮއިންޓު ކެނޑުމުގެ ބާރު ލިބެއެވެ.
އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގެ 14ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރަނީ ޕާކިން ވަޔަލޭޝަން ސްޓިކާ ޖަހާ ހާލަތްތައް ފިޔަވާ އެހެން ގޮތަކަށް ގަވާއިދާ ޚިލާފުވެއްޖެނަނަ 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ވަނީ ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ ސަރަހައްދުތައް ފާހަގަކޮށްފައެވެ. އެއީ؛
- - ގްރީން ޒޯން
- - ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތައް
- - ސްކޫލްތައް ހިމެނޭ ސަރަހައްދު
- - އޮފީސްތަކާއި ހޮސްޕިޓަލްތައް
- - ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ތަންތަން
- - މިސްކިތް/ އާންމު ގޭބީސީ/ ގަރާޖުތަކަށް ވަދެނުކުންނަ މީހުންނަށް -ދަތިވާނެހެން ހުންނަ އުޅަނދުތައް
މުއިއްޒު ވަނީ ވެރިކަމަށް ވަޑައިގެންނެވެވުމަށް މިފަދަ ދޮގު އެތައް ވައުދުތަކެއް ވެފައެވެ. އޭގެ ތެރޭގައި ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑި ދައްކައިގެން ޔާމިން މިނިވަންކުރާނެކަމަށް ވީ ދޮގު ވައުދުތައްވެސް ހިމެނެއެވެ.