ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީން މިފަދައިން ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތު ހާމަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު މިނިވަން ކުރުމަށްވުރެ އާދައިގެ ހައްގުތައް ދެވެން އޮތް ކަމަށާއި އެކަން ވެސް ރައީސް ނުކުރައްވާ ކަމަށެވެ. އެހެންކަމުން މިނިވަން ކުރަން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ.
އެމަނިކުފާނު މިނިވަން ނުކުރުމުން އެއްވެސް ޝަކުވާއެެއް ނެތްކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ލަސްކުރި ނަމަވެސް އިސްތިއުނާފީ މަރުހަލާއިން ސަލާމަތްވެވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން މިނިވަން ކުރެއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް ރައީސް އެންމެ ގިނައިން ދެއްކެވި އެއް ވާހަކަފުޅަކީ ޖުޑީޝަރީއަށް އޮތް ނުފޫޒު ހުއްޓުވާ، ޔާމީންއަށް އިންސާފު ހޯއްދަވައިދެއްވާނެ ކަމުގެ ވާހަކައެވެ. ސިޔާސީ ގޮތުން އެއްވެސް ފަރާތަކަށް އަނިޔާއެއް ނުދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވުމާ ގުޅިގެން ޔާމީނަށް އެ ދެ މައްސަލައިގައި 11 އަހަރުގެ ޖަލު ހުކުމެއް ޑިސެމްބަރު 25، 2022 ގައި ވަނީ އިއްވާފައެވެ. ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެއްވީ ރިޔަސީ އިންތިހާބުން ނާކާމިޔާބުވެވަަޑައިގެންފައި ވަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ. އަދި މިހާރު އެމަނިކުފާނު ހުންނެވީ ރަށު ބަންދެއްގައެވެ.
ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަވެސް ކުރައްވާނޭކަމެއްގެ ގޮތުގައި ރައީސް ޔާމިން މިނިވަންކުރާނޭކަމަށް ވިދާޅުވެ މުއިއްޒު ވައުދުވީ އެންމެ ފަހަރަކު ދެފަހަރަކުއެއް ނޫނެވެ. ރައީސްކަމަށް ވަޑައިގެންނެވުމަށް މުއިއްޒު ކުރެއްވި މުޅި ކެމްޕޭންވެސް ބިނާކުރެއްވީ ހުސް ގޮނޑި ދައްކަވައިގެން, ރާއްޖޭގެ އެތައް ސަތޭކަ އާންމު ރައްޔިތުންނެއް އެ ޖަޒުބާތުގަ ޖައްސަވައިގެންނެވެ.
މުއިއްޒު ވަނީ ފާއިތުވި ރިޔާސީ ކެމްޕޭންގެ ހުރިހާ ޖަލްސާއެއްގަވެސް, ރައީސް ޔާމިންގެ ނަންޖެހި ހުސްގޮނޑިއެއް, ޝަރަފްވެރި މެހެމާންގެ ގޮތުގައި ބައްޓާފައެވެ. ރައްޔިތުންގެ އަރިހުން ވޯޓު ދިނުމަށް އެދި މުއިއްޒު އާދޭސް ކުރަމުން ދިޔައީ އެ ހުސް ގޮނޑި ދައްކަވައިގެންނެވެ.
ވައުދާއި އަހުދުތައް ވަމުން ގޮސްފައިވަނީ ރައީސް ޔާމިން މިނިވަން ކުރާނޭކަމަށް ވިދާޅުވެ ހުވާ ކުރައްވަމުންނެވެ.
އެހެންނަމަވެސް މުއިއްޒުގެ ވެރިކަމަށް 100 ދުވަސް ފުރިގެން ދިޔައިރު, ވަނީ ރައީސް ޔާމިން މިނިވަން ކުރައްވާނެކަމަށް ވީ ވައުދުގެ މަތިން މުއިއްޒު ހަދާން ނައްތަވާލެއްވާ, އެވައުދުތަކަށް ޚިޔާނާތްތެރި ވެފައެވެ. މިއަދު ގިނަ ބަޔަކު ގަބޫލުކުރަނީ މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޔާމިންގެ ނަން ވިއްކައިގެން މަކަރާއި ހީލަތުން ކަމުގައެވެ.