ޚަބަރު

ފެނަކަ "ރޭޕް" ކުރިއިރު ހިންގި ކޮރަޕްޝަންގެ އެންމެ އަޑީގައި ހުރި ޑީޑީ އަދިވެސް ހުރީ ފެނަކަ ހެޑް އޮފީހުގެ ވަޒީފާގައި, ޑީޑީ ވަޒީފާގައި ބަހައްޓާފައި ހުރީ އޭނާއަކީ މަޑަވެލި ދާއިރާއަށް ވާދަކުރާ މުއާޒުގެ ބޭބެގެ ގާތް އެކުވެރިއަކަށް ވާތީ!

ދިޔަވަރު
ފެނަކަ "ރޭޕް" ކުރިއިރު ހިންގި ކޮރަޕްޝަންގެ އެންމެ އަޑީގައި ހުރި ޑީޑީ އަދިވެސް ހުރީ ފެނަކަ ހެޑް އޮފީހުގެ ވަޒީފާގައި, ޑީޑީ ވަޒީފާގައި ބަހައްޓާފައި ހުރީ އޭނާއަކީ މަޑަވެލި ދާއިރާއަށް ވާދަކުރާ މުއާޒުގެ ބޭބެގެ ގާތް އެކުވެރިއަކަށް ވާތީ!

ކުރީ ސަރުކާރުގައި ފެނަކަ ކޯޕްރޭޝަން "ރޭޕް" ކޮށްފައިވާކަމަށް, އެކުންފުނީގެ މިހާރުގެ އެމްޑީ މުއާޒު ރަޝީދު ވިދާޅުވާއިރު, މިހާރުވެސް ފެނަކައިގެ ވަޒީފާގައި މުއާޒް ބަހައްޓައިގެން އުޅޭ މުހައްމަދު އިބުރާހިމް (ޑީޑީ)އަކީ, ކުރީ ސަރުކާރުގައި ފެނަކަ ސައީދު އެކުންފުނީގައި ކޮރަޕްޝަންގެ ބޮޑެތި ޖަރީމާތައް ހިންގިއިރު އޭނާއަށް ކޮރަޕްޝަން ހިންގައިދޭން އެންމެ އަޑިގައި ހުރި ފަރާތްކަން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި, ކުރީގެ އެމްޑީ ސައީދުގެ އެމްޑީކަމުގައި ފެނަކައިގެ އިސްމަގާމްތަކުގައި ތިބި ގިނަ ބަޔަކު އެކި ތުހުމަތުތަކުގައި ވަޒީފާއިން ވަކިކޮށްފައިވާއިރުވެސް, މުހައްމަދު އިބުރާހިމް (ޑީޑީ) ވަޒީފާއިން ނުކޮށް ބަހައްޓާފައިވަނީ, މުހައްމަދު އިބުރާހިމް (ޑީޑީ)އަކީ, މަޑަވެލި ދާއިރާއަށް ވާދަކުރަމުންދާ މުއާޒުގެ ބޭބެގެ ގާތް އެކުވެރިއަކަށް ވާތީއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން ފެނަކައިގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, މުހައްމަދު އިބުރާހިމް (ޑީޑީ)އަކީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީއަކަށް ގދ. ވާދޫ ސައީދު ހުރިއިރު, ފެނަކަ ހެޑް އޮފީހުގެ ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޓެކްނިކަލް ޑައިރެކްޓަކަށް ސައީދު ބަހައްޓާފަ ހުރި މީހެއްކަމަށެވެ. އިބުރާހިމް (ޑީޑީ)އަކީވެސް ގދ. ވާދޫއަށް ނިސްބަތްވާ މީހެކެވެ.

އެގޮތުން އޭނާއަކީ ފެނަކަ ވާދޫ ބްރާންޗުން އެތައް ވައްކަމެއްކޮށް, އަދި އެކި ރަށްރަށުގައި އޭރު އަޅަމުންދިޔަ އިންޖީނުގެތައް އެޅުމަށް މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނަށް, ސައީދުއަށް ބައި އެޅޭގޮތަށް ކޭޓްރިންގެ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް އަމަލީގޮތުން އުޅެމުންދިޔަ ފަރާތްކަމަށްވެސް, "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން ފަރާތުން ކިޔައިދީފައި ވެއެވެ. މި ކޮރަޕްޝަންތައް ހިންގާފައިވަނީ ސައީދުގެ އަންހެނުން ޝާހިދާގެ އެއްބަޑު އެއްބަފާ ބޭބެ ހުސެއިން އަބުދުاللهއާއި މުހައްމަދު އިބުރާހިމް (ޑީޑީ) އާއި ދެމީހުން ވެގެންކަމަށްވެސް މައުލޫމާތުދިން ފަރާތުން ކިޔައިދީފައި ވެއެވެ.

މުއާޒު މިއަދު ވިދާޅުވެފައިވަނީ, އެމްޑީޕީގެ ވެރިކަމުގައި ފެނަކައިން ކޮންމެ އަހަރަކުވެސް ދަތުރު ފަތުރަށް އެވްރެޖްކޮށް 100 މިލިއަން ރުފިޔާ ހޭދަ ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވެފައިވަނީ އެ ފައިސާ ހޭދަކޮށްފައިވަނީ ފެނަކައިގެ އޭރުގެ ވެރިން ބޭނުންވީ ފަރާތްތަކަށް ކޮރަޕްޝަންގެ ފައިސާ ލިބޭ ގޮތަށް ކަމަށެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގދ. އަތޮޅު ތެރޭގައި، ސައީދުގެ އެމްޑީ ކަމުގައި ފެނަކައިގެ ޕްރޮޖެކްޓްތަކާއި ގުޅުންހުރި ހުރިހާ ދަތުރުތަކެއްވެސް ކޮށްފައިވަނީ، ސައީދުއާއި ޑީޑީގެ ގާތް ފަރާތްތަކުގެ ދޯނި ބޭނުން ކޮށްގެން ކަމުގައެވެ. އެހެންކަމަށްވާނަމަ, މުއާޒު އަދިވެސް ވަޒީފާގައި ބަހައްޓައިގެން އުޅޭ މުހައްމަދު އިބުރާހިމް (ޑީޑީ)އަކީ މުއާޒު އެބުނާ, ނަޖާއިޒު ގޮތުގައި ޚަރަދުކޮށްފައިވާ 100 މިލިއަން ރުފިޔާގެ ތެރެއިން ބޮޑުބައެއް އޭނާ އަމިއްލަ ޖީބަށް "ކަހާލައިގެން" ހުރި މީހެކެވެ.

އަދި ފެނަކައިން ސަޕްލައިކޮށްފައިވާ އެކި މުދާތައް މުހައްމަދު އިބުރާހިމް (ޑީޑީ)ވަނީ އޭނާގެ އަމިއްލަ ބޭނުމަށް ނަގާ, އަދި އެތަކެތިން ވިޔަފާރިވެސް ކޮށްފައެވެ. އެ ވިޔަފާރިތައް އޭނާ ކޮށްފައިވަނީ އޭރުގެ އެމްޑީ ސައީދުއަށް ބައި އަޅައިގެންނެވެ.

ފެނަކަ އެމްޑީ މުއާޒު މިއަދު ވިދާޅުވެފައިވަނީ މިދިޔަ ސަރުކާރުން ހިންގި ޖަރީމާތައް ބެލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވޭ ވަރަށް މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ. އަދި ލަސްތަކެއް ނުވެ، މި ހުރިހާ މައްސަލަތައް އޭސީސީ އަށް ހުށަހަޅާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް މިހާތަނަށްވެސް މުހައްމަދު އިބުރާހިމް (ޑީޑީ)ގެ އެއްވެސް މައްސަލައެއް ފެނަކައިން ތަހުގީގުކޮށްފައި ނުވެއެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުހައްމަދު އިބުރާހިމް (ޑީޑީ)އަށް އިނގިރޭސިބަހުން ލިޔަންކިޔަން ނޭގުނަސް އޭނާ އުޅެނީ ރާއްޖެއިން ބޭރުން ގަނެލައިގެންނެވެ.