ޗައިނާގެ އަސްކަރިއްޔާއިން، ރާއްޖޭގެ އަސްކަރިއްޔާއާއި ސަލާމަތީ ހިދުމަތްތަކަށް ބޭނުންވާ އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ނަމުގައި ގޮތްނޭނގޭ އެއްބަސްވުމެއްގައި ރާއްޖެއިން ސޮއި ކޮށްފިއެވެ.
ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލައި ވެރިކަމަށް އައިސް، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ގެއްލޭހެން ޗައިނާއާއި އެކު އަސްކަރީ އެއްބަސްވުން ތަކުގައި ސޮއެ ކުރުމަކީ ރާއްޖޭގެ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމެކެވެ.
އެ އެއްބަސްވުމުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ އިންޓަނޭޝަނަލް މިލިޓަރީ ކޯޕަރޭޝަން އޮފީހުގެ ޑެޕިއުޓީ ޑިރެކްޓަރު އަޖޯންގު ބައުކުއާން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫނެވެ.
އެއްބަސްވުމުގައި ސޮއިކުރިކަން ހާމަކޮށް ސޯޝަލް މީޑިއާ "އެކްސް" ގައި ޑިފެންސް މިނިސްޓްރީން ލިއުމެެއް ކުރި ނަމަވެސް އެއްބަސްވުމުގެ މާ ބޮޑު ތަފްސީލެއް ނެތެވެ.
މިހާރު ސަރުކާރު ހިންގާ ޕީއެންސީ/ޕީޕީއެމަކީ އަބަދުވެސް ޗައިނާއާ ގާތް ގުޅުމެއް ބާއްވާ ސިޔާސީ ޕާޓީތަކުގެ އިއްތިހާދެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ވެސް ޗައިނާއާ ގާތްވެ، އެ ގައުމާ ވާދަވެރި އިންޑިއާާއާ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވެ އެވެ. އިންޑިއާ އަސްކަރިއްޔާއިން ހަދިޔާކުރި ވައިގެ އުޅަނދުތައް ދުއްވަން ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. މެއި 10، ގެ ކުރިން ސިފައިން ދިޔުމަށް އެއްބަސްވިއިރު އޭގެ ބަދަލުގައި އިންޑިއާގެ މަދަނީ ހިދުމަތްތެރީންތަކެއް ވަނީ ގެނެސްފަ އެވެ.
ދިވެހި ސަރުކާރުގެ އަސްކަރީ ގާބިލްކަން އިތުރު ކުރުމަކީ ވެސް ރައީސް މުއިއްޒުގެ ވައުދެކެވެ. ޑިފެންސަށް ބޭނުންވާ ބައެއް ޑްރޯންތައް ހޯދުމަށް ތުރުކީއާއެކު ވެސް އެއްބަސްވުމަކަށް ގޮސްފައިވާއިރު، ކަނޑުގެ ސަރަހައްދު ބަލަހައްޓަން ބޭނުންވާ އިތުރު ވަސީލަތްތައް ހޯދުމަށް އެމެރިކާއިން ފައިސާގެ އެހީއެއް ދިނުމަށް ވާހަކަ ދެކެވިފައިވެ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެންގުޅުނީ އިންޑިއާ އަސްކަރީ އެހީ ހޯދުމުގެ ސިޔާސަތެވެ. އެ ސިޔާސަތު ބައްޓަން ވެފައިވަނީ ހަމައެކަނި އިންޑިއާގެ މަސްލަހަތު އިސްކޮށްކަމަށް މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުން ތުހުމަތު ކުރައްވާފައިވެ އެވެ. ނަމަވެސް މި ސަރުކާރުގައި ވެސް އިންޑިއާއިން ދިން އުޅަނދުތައް ބޭނުންކުރުމަށާއި އިތުރު އުޅަނދު ހޯދުމަށް ވެސް ނިންމާފައިވެ އެވެ.