ޚަބަރު

ޝިއުނާއާއި، މަލްޝާގެ ސަބަބުން އިންޑިޔާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު %33 ދަށަށް، ޖޫން ޖުލައިގައި %50 ދަށަށް ދާނެ ކަމަށް ބެލެވޭ! މިއީ މުއިއްޒުގެ ސަރުކާރުން މުޅި އިންޑަސްޓްރީއަށް ދިން ބޮޑު ގެއްލުމެއް!

ދިޔަވަރު
ޝިއުނާއާއި، މަލްޝާގެ ސަބަބުން އިންޑިޔާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު %33 ދަށަށް، ޖޫން ޖުލައިގައި %50 ދަށަށް ދާނެ ކަމަށް ބެލެވޭ! މިއީ މުއިއްޒުގެ ސަރުކާރުން މުޅި އިންޑަސްޓްރީއަށް ދިން ބޮޑު ގެއްލުމެއް!

ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މި މުއްދަތުގައި އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 33 އިންސައްތަ ދަށަށް ގޮސްފައިވާ ކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

މި އަދަދުތައް ދަށަށް ގޮސްފައި މިވަނީ، ޖެނުއަރީ ހައެއްގައި ދިވެހި ސަރުކާރުގެ ތިން ނައިބު ވަޒީރަކު އިންޑިއާގެ ބޮޑު ވަޒީރަށް ސޯޝަލް މީޑިއާގައި ފުރައްސާރަކުރި މައްސަލައަކާ ގުޅުވާ، އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކުރުމުގެ ބަދަލުގައި އެ ގައުމުގެ ލަކްޝަދީޕަށް ދިޔުމަށް ގޮވާލައި އިންތިޒާމު ވެގެން ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ވެސް ކޮށްފައިވަނިކޮށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މާޗު 4, އާ ހަމައަށް އިންޑިއާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 41،054 އެވެ. މި އަހަރު މާޗު 2, އާ ހަމައަށް އެ ގައުމުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދަކީ 27،224 އެވެ. މިއީ ޖުމްލަ 13،830 މީހުންގެ މަދުވުމެކެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި އިންޑިއާ އޮތީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ ގޮތުގައި ޖުމްލަ ފަތުރުވެރިންގެ އަދަދުގެ %10 ހިއްސާއާއެކު އެވެ. ނަމަވެސް މި އަހަރު އެ ގައުމު އޮތީ އެ ލިސްޓުގެ ހަވަނައިގައި ޖުމަލް ފަތުރުވެރިންގެ %6 ހިއްސާއާއެކު އެވެ.

އިންޑިއާގެ މަޝްހޫރު ފިލްމް ސްޓާރުންވެސް ބައިވެރިވެ އިންތިޒާމުވެގެން ހިންގި ވަރުގަދަ ކެމްޕޭނާ ގުޅިގެން ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގެ ހަރަކާތްތެރިން ކަންބޮޑުވުންވެސް ފާޅުކުރި އެވެ. އަދި އިންޑިއާ ގެސްޓުން ހަދާފައިވާ ގިނަ ހޮޓެލް ބުކިންތަކެއް ކެންސަލް ކުރަމުންދިއުމާއި ގުޅިގެން ކުރާ އަސަރު ދެނެގަތުމަށް މަޓާޓޯ އިން ސާވޭއެއްވެސް ފެށި އެވެ. ނަމަވެސް ސާވޭގެ ނަތީޖާއެއް ހާމަކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ހޫނުވެ އިންޑިއާގައި ހުންނަ ރާއްޖޭގެ ސަފީރު އެ ގައުމުގެ ހާރިޖިއްޔާއަށް އަދި ރާއްޖޭގައި ހުންނަ އެ ގައުމުގެ ސަފީރު ރާއްޖޭގެ ހާރިޖިއްޔާއަށް ހާޒިރުވެސް ކުރި އެވެ. އަދި އެ ތިން ނައިބު ވަޒީރުން މަގާމުން ސަސްޕެންޑުކުރި އެވެ. މިހާރުވެސް އެ ތިން ފަރާތް ތިބީ މުސާރަ ލިބޭގޮތަށް ސަސްޕެންޝަނުގަ އެވެ.

މިދިޔަ 2023 އާއި 2022 އަދި 2021 ގައި ވެސް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާއިން އިންނެވެ. އެއިން ކޮންމެ އަހަރެއްގައި ވެސް ދެ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން އިންޑިއާއިން ރާއްޖެއަށް ދަތުރުކުރި އެވެ. ނަމަވެސް މިހާރު އެ މަގާމުގައި އޮތީ ޗައިނާ އެވެ. އެ ގައުމުން މި އަހަރު މިހާތަނަށް 54،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.