ރަށްރަށުގެ އެމަޖެންސީކޮށް ބަލި މީހުން އުފުލުމަށް ކަމަށް ބުނެ 12 ބަގީ ޗައިނާއިން "ޑޮނޭޓް" ކޮށްފި އެވެ. ރާއްޖެތެރޭ މީހުންނަށް، ޚިދުމަތް ފުރިހަމަ ކޮށްފައިވާ އެމްބިއުލާންސްތަކެއް ބޭނުންވާކަމަށް ޗައިނާ ސަރުކާރުން ނުދެކެއެވެ. އެހެން ކަމުން މުއިއްޒުވެސް ވަނީ އެކަން އެގޮތަށް ނިންމައި މި ޑޮނޭޝަން ތަކާއި ހަވާލުވުމަށް ސާޖިދާ އެކަމަށް ބޮޑު ހަފްލާއެއް ބާއްވައިދީ، އެ ހަފްލާއަށް ފޮނުވާފައެވެ.
ރާއްޖޭގެ ކޮންމެ ރަށެއްގައި ދިވެއްސެއް އުޅުނަސް، ދޭން ޖެހޭ ޚިދުމަތެއް ތަފާތެއް ނެތި އެއް ފެންވަރުގައި ލިބެން ޖެހޭ ކަމަށް ރައީސް ސޯލިހްގެ ސަރުކާރުގައި ގަބޫލު ކުރިއަސް އެއީ، މުއިއްޒު ޤަބޫލު ކުރާ ކަމެއް ނޫނެވެ.
ރާއްޖެއަށް ދޭ އެއްޗެއްސައް "ހަދިޔާ" ކުރި އެއްޗެހި ކަމަށް ނުބުނެ "ޑޮނޭޓް" ކުރާއެއްޗެހި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓްގައި އަދި ޗައިނާ އެމްބަސީގެ ވެބްސައިޓްގައި ޖަހަން ފެށީ، ރާއްޖޭގެ ރައްޔިތުންނަކީ ނިކަމެތި ބައެއް ކަމަށް ދެއްކުމަށެވެ. އާންމުކޮށް މީހުން ޑޮނޭޓް ކޮށް ހަދަނީ، އެފްރިކާ ގައި ކާން ބޯނެ އެއްޗެއް ނުލިބިފައި ނިކަމެތި ހާލުގައި ތިބޭ މީހުންނަށް ނުވަތަ ހަނގުރާމާގައި ހާލުގައި ޖެހިފައިވާ ތިބި މީހުންނަށް ފޯރުކޮށްދޭ އެއްޗެއްސަށެވެ.
މިހެން ދެ ޤައުމު ދެމެދު ބަދަލުކުރާ ނުވަތ ދޭ އެއްޗެއްސަށް ކިޔައި އުޅެނީ ހަދިޔާ ކުރުމެވެ. އެއީ ބައިނަލްއަޤްވާމީ މިންގަނޑުން އެ ބަސްމަގު ގެންގުޅޭ ގޮތެވެ.
ޗައިނާއިން ކިތަންމެ ކުޑަ އެއްޗެއް ދިނަސް، އެ ދޭ އެއްޗަކަށް ވުރެ ބޮޑު ޚަރަދެއް ކޮށް ރަސްމިއްޔާތު ބާއްވައި، ޗައިނާ ޕްރޮމޯޓް ކުރުމަށް ސާޖިދާ ކުރަމުންދާ މަސައްކަތަށް ސަރުކާރަށް ދަނީ ރައްޔިތުންގެ ފާޑު ކިޔުން އަމާޒު ވަމުންނެވެ.