ރާއްޖެ ބަލައިގެންފައިވާ މަލްޓި ޕާޓީ ޑިމޮކްރަސީގައި, އިންތިޚާބުތަކަށް ވާދަކޮށް, އަދި ސިޔާސީ މަގާމްތައްވެސް ފުރަމުންދަނީ ޕާޓީތައް ތަމްސީލުކުރާ ފަރާތްތަކެވެ. ރައީސުލްޖުމުހުރިއްޔާއިން ފެށިގެން ގޮސް, އެންމެ އާދައިގެ މަގާމެއް ނަމަވެސް, ސިޔާސީ މަގާމްތަކާއި އަދި އެނޫން އިންތިޚާބީ މަގާމްތަކުގައިވެސް މި އުސޫލު ހަމަޖެހިފައި އޮތީ މި ބީދައިންނެވެ.
އެގޮތުން ޑިމޮކްރަސީއަށް ތަބާ ވުމުގެ ގޮތުން, ކުރީގެ ހުރިހާ ރައީސުންވެސް އެބޭފުޅުންގެ ވެރިކަމުގައި, އެބޭފުޅުން އަތުގައި ބާރުތަށް އޮތްއިރު, ޕާޓީތަކުގެ ޕްރައިމަރީތައް ކާމިޔާބު ކުރި ފަރާތްތަކަށް އެއްބާރުލުންދީ, ޕާޓީތަކުގެ އާންމު މެމްބަރުންގެ ރުހުން އޮތް ފަރާތްކަށް އެއްބާރުލުން އެ ރައީސުން ދެއްވާފައި ވެއެވެ.
އެއީ އަދި އަމިއްލަ ނަފްސުން ތާއީދު ނުކުރެވޭ ފަރާތަކަށްވި ނަމަވެސް, ޕާޓީތަކުގެ އެތެރޭގެ ޑިމޮކްރަސީ ހިފެހެއްޓުމަށް ރައީސުން މަސައްކަތް ކޮށްފައިވާކަމަށް, ފެންނާން އޮތް ވަރަށްވެސް ބޮޑު ހަގީގަތެކެވެ. ރައީސް ޔާމިންގެ ވެރިކަމުގައިވެސް އަދި ރައީސް ސާލިހުގެ ވެރިކަމުގައިވެސް ވަނީ އެ ހަގީގަތް އެގޮތުގައި ފެނިގެން ގޮސްފައެވެ.
އެހެންނަމަވެސް, ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, އަމިއްލަފުޅު ޕާޓީ, ޕީއެންސީގެ ތެރެއިން އަދި ފެންނަމުންދަނީ އިސްވެ ދެންނެވުނު އަސާސްތަކާއި އުސޫލުތަކާއި މުޅިން ތަފާތު ހަމައެއްކަމުގައި ދަންނަވާން ޖެހެއެވެ.
އޭގެ އެންމެ ބޮޑު ހަގީގަތެއް ފެންނަމުންދަނީ މިހާރު ކުރިޔަށްދާ ރައްޔިތުންގެ މަޖިލިހުގެ ކެމްޕޭނުންނެވެ.
އެގޮތުން, ފާއިތުވި ފެބްރުއަރީމަހު ބޭއްވުނު ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ކާމިޔާބުކޮށް, އެޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަމުންދާ ބައެއް ކޭނޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެކަމަށް ވިދާޅުވެ, މުއިއްޒު ގެންދަވަނީ ފާޅުކޮށް, އަމިއްލަފުޅު ޕާޓީގެ ބައެއް ކެނޑިޑޭޓުންނާއި ދެކޮޅަށް ކެމްޕޭން ކުރައްވަމުންނެވެ.
އޭގެ ތެރޭގައި ހުރާ ދާއިރާއަށް ވާދަކުރައްވާ އަނާރާ ނައީމަށް ތާއީދުކޮށް, މުއިއްޒު ގެންދަވަނީ އަމިއްލަފުޅު ޕާޓީގެ ޓިކެޓުގައި އެދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެނޑިޑޭޓާއި ދެކޮޅަށް ކެމްޕޭން ކުރައްވަމުންނެވެ. އޭގެ އިތުރުންވެސް ތ. ތިމަރަފުށީ ދާއިރާއަށް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާ ސަންޓޯއާއި ދެކޮޅަށް މުއިއްޒު ކެމްޕޭން ކުރައްވަމުން ގެންދަވާއިރު, މުއިއްޒު ގާތް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ މުއިއްޒު ތާއީދު ކުރައްވަނީ އެދާއިރާއަށް ވާދަކުރައްވަމުން ގެންދަވާ, މިހާރުގެ މަޖިލިސް މެމްބަރު އަބުދުالله ރިޔާޒުގެ ބޭބެ އަހުމަދު ރިޔާޒުއަށް ކަމުގައެވެ.
ސަންޓޯއަކީ ފާއިތުވި ރިޔާސީ އިންތިޚާބުގައި މުއިއްޒުގެ ރިޔާސީ ކެމްޕޭންގައި ބޮޑެތި ގުރުބާނީތަކެއް ވީ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ. އަމިއްލަ މަސްލަހަތާއި ޖެހުމުން ތިމާއަށްޓަކާ އެތަކެއް ގުރުބާނީތަކެއް ވީ މީހުންގެމަތިންވެސް, ވެރިކަމުގެ ދަހިވެތިކަމުގައި މުއިއްޒު ގެންދަވަނީ ހަދާން ނައްތާލަމުންނެވެ.
މިއީ ރާއްޖޭގެ ތާރީޚުގައިވެސް ޕާޓީއެއްގެ ލީޑަރަކު, އަމިއްލަފުޅު ޕާޓީގެ ކެންޑިޑޭޓުންނާއި ދެކޮޅަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ. އަދި މުއިއްޒުގެ މިއަމަލުތަކުން ސާފުވެގެންދާ އެއް ހަގީގަތަކީ, މުއިއްޒުއަކީ ޑީމޮކްރަސީގެ އެއްވެސް އުސޫލެއް ގަބޫލު ނުކުރާ ތާނގައި, ހަމަޔާއިލަމަވެސް ގަބޫލު ނުކުރާ, ޚުދުމުޚްތާރު ވެރިއެއްކަން ކަމަށްވެސް ގިނަބަޔަކު މިހާރު ދަނީ ބުނަމުންނެވެ.