ޚަބަރު

އިޒްރޭލުން ގާޒާއަށް ބޮންއެޅުން އިތުރުކޮށްފި، 24 ގަޑިއިރު ތެރޭގައި 400 މަރު

ދިޔަވަރު
އިޒްރޭލުން ގާޒާއަށް ބޮންއެޅުން އިތުރުކޮށްފި، 24 ގަޑިއިރު ތެރޭގައި 400 މަރު
ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުން ގެންދާ ވައިގެ ހަމަލާތައް ރޭ އިތުރަށް ވަރުގަދަކޮށް، އެ ސަހަރުގެ ބޮޑު ބަޔަކަށް ރޭ ބޮން އަޅައިފި އެވެ. ފަލަސްތީނުގެ އޮފިޝަލުންނާ ހަވާލާދީ އަލްޖަޒީރާ ބުނީ ހަމަ އެކަނި މިދިޔަ 24 ގަޑި އިރުގެ ތެރޭގައި އިޒްރޭލުން ގާޒާއަށް ދިން ހަމަލާތަކުގައި 400 މީހުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އެއާ އެކު އިޒްރޭލުން މިފަހަރު ކުރިއަށް ގެންދާ އުދުވާނުގައި ޝަހީދުވި މީހުންގެ ޖުމްލަ 46،00 އަށް ވުރެ މަތިވެފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. އިޒްރޭލުން ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވާއިރު ގާޒާގައި ޒަހަމްވާ އެތައް ހާސް މީހުންނަކަށް ފަރުވާއެއް ކިރިޔާ ވެސް ދެވޭ ފަދަ ހާލަތެއްގައި ހުރި ދެ ހޮސްޕިޓަލް ހުރީ ނުރައްކަލުގެ ތެރޭގަ އެވެ. ފަލަސްތީނުގެ އޮފިޝަލުން ރޭ ވިދާޅުވެފައިވާ ގޮތުގައި ރޭ ދިން ހަމަލާތަކުގައި އައް ޝިފާ ހޮސްޕިޓަލާއި އަލް ގުދުސް ހޮސްޕިޓަލާ ވަރަށް ކައިރިއަށް އިޒްރޭލުން ބޮން އެޅި އެވެ. އެ ދެ ހޮސްޕިޓަލަށް ކޮންމެ ހިނދެއްގައި ވެސް ހަމަލާ ދީފާނެ ކަމުގެ ކަންބޮޑުވުން އެހެންވެ އެބަ އޮތެވެ. އެއްގަމާއި ކަނޑާއި ވައިގެ މަގުން ހިސޯރުކޮށްފައިވާ ގާޒާގެ އާއްމުންގެ ގެތަކަށާއި ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށް އިޒްރޭލުން މެދުނުކެނޑި ބޮން އަޅަމުން ދާއިރު އެމެރިކާއާއި އިނގިރޭސިވިލާތުން ވަނީ އިޒްރޭލަށް ކުރާ ތާއީދު އިތުރުކޮށްފަ އެވެ.