ރަސްމީ ދަތުރެއްގައި ނ. ކެނދިކުޅުދޫއަށް ވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކެމްޕެއިން ކުރެއްވި ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ނެރުނު ބަޔާން ބާތިލު ކުރަން އަންގާފައި އޮއްވައި، ލޯކަލް ގަވަމަންޓް އޮތޯރިޓީން އެއްވެސް ކައުންސިލަކަށް މުއިއްޒުގެ އެންގުމަށް ބިރު ދެއްކުމަށްފަހު، މިހާރު "ގުޑް ކޮޕްސް" ކުޅެން ފަށައިފިއެވެ.
ގުޑް ކޮޕްސް، ބޭޑް ކޮޕްސް ކުޅުމަކީ ސިޔާސީ ގޮތުން ބަޔަކަށް ދެވެން އޮތްހާ އަނިޔާއެއް ދީ، ތިމާއަށް ކުރެވެން ހުރި ހުރިހާ ކަމެއް އެބަޔަކާއި ދެކޮޅަށް ތިމާ ނޫން މީހަކު މެދުވެރިކޮށް ކުރުމަށް ފަހު އެއްވެސް ކަމެއް އެއިން ހާސިލް ނުވެއްޖެ ނަމަ، ތިމާ އަމިއްލަ އަށް ގޮސް މާ ރަނގަޅު މީހަކަށް ހެދިގެން އެމީހުންގެ ދިފާޢުގައި، އެމީހުންގެ ތާޢީދު ހޯދަން އުޅުމެވެ. ކައުންސިލްތަކާއި ދެކޮޅަށް އެލްޖީއޭ ބޭނުން ކޮށް، ގުޑް ކޮޕްސް ބޭޑް ކޮޕްސް މުއިއްޒު ކުޅެފައި ވަނީ، ސީދާ މިފަދަ މަކަރުވެވެރިކަން ޓެކްސްޓް ފޮތްތަކުގައި ލިޔެފައި ހުންނަ ގޮތަށް ފިލިން ފިއްޔަށެވެ. މުއިއްޒަކީ މަކަރާއި ހީލަތް އިތުރު، އަނިޔާވެރި ވެރިއެކެވެ.
"... ތިޔަ ކައުންސިލުން ދިވެހިރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ އިއްޒަތާއި ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އެމަނިކުފާނުގެ އިސްތަށިފުޅުގައި ހަގީގަތާ ހިލާފު އިލްޒާމު އަޅުއްވާ ކައުންސިލުން ނޫސްބަޔާން ނެރުމަކީ މި އޮތޯރިޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް،" އެލްޖީއޭއިން ކައުންސިލަށް ފޮނުވި ސިޓީއެއްގައި ބުނެފައިވެ އެވެ.