ސަރުކާރަށް ހުރަސްއަޅައި ރައްޔިތުންގެ ހިދުމަތްތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިވަގުތު އަމަލު ކުރަމުންދާ ގޮތުން އެ މެންބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވެ، ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މ. ދިއްގަރުގެ ރައްޔިތުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ރައީސްގެ ތަސައްވަރާއި އެމަނިކުފާނުގެ ސިޔާސަތުތައް ތަންފީޒު ކުރަން ވަރަށް ގިނަ ގޮންޖެހުންތައް އެބަ ހުރި ކަމަށާއި އޭގެ ތެރެއިން އެންމެ ބޮޑު ގޮންޖެހުމަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ.
އެ މަޖިލީހުގައި މިވަގުތު ތިއްބެވީ އޭނާއާ އެކު ވަރަށް ގާތުން މިދިޔަ ހަތަރު އަހަރު މަސައްކަތް ކުރެއްވި މެންބަރުން ކަމަށްވީ ނަމަވެސް، މިހާރު އެ ބޭފުޅުންގެ އަމަލުތައް ހުރި ގޮތުން، އެއިން ބޭފުޅެއްގެ ދަތްދޮޅި ދުއްވާ ނުލައި ހުރެވިދާނެއޭ ހިތަށް އަރާ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"…ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު މިއަދު އެތަނުގައި ހުރި ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވައި ނުލައި ހުރެވޭނެބާއޭ،" ދިއްގަރު ސްކޫލްގައި އޮތް ޖަލްސާގައި އޭނާ ވިދާޅުވި އެވެ.
މީގެކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދަތްދޮޅި ދުއްވާލަން ޖެހޭ ކަމަށް ދޭހަވާ ގޮތަށް އޭނާ ވާހަކަ ދައްކަވާފައިވެ އެވެ.
ޑިފެންސް މިނިސްޓަރު ކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އާދަމް ޝަރީފް ވިދާޅުވެފައިވަނީ އޭނާ ސިފައިންގެ އޮފިސަރެއްގެ މަގާމުގައި ހުންނެވި ނަމަ، އިދިކޮޅު މެމްބަރެއްގެ ދަތްދޮޅި ދުއްވާލީސް ކަމަށެވެ.
އޭނާ އެހެން ވިދާޅުވީ ސިފައިންގެ އެތެރޭގެ ބައްދަލުވުމެއްގައި ކަމަށްވީ ނަމަވެސް، އެ އޯޑިއޯ ލީކްވެ ބޮޑު މައްސަލަގަނޑަކަށްވި އެވެ.