މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި މިހާރު އޭނާ ހުރިނަމަ، މިހާރު ތިބި މެމްބަރުންގެ ދަތްދޮޅި ދުއްވާނުލާ ނުހުރެވުނީސް ކަމަށް އެޓޯލްސް މިނިސްޓަރުކަމަށް މުއިއްޒު އައްޔަން ކުރެއްވި އާދަމް ޝަރީފް ވާހަކަ ދައްކަވާ, މަޖިލިސް މެމްބަރުންނާއި ދެކޮޅަށް މާރާމާރީ ހިންގާނެކަމުގެ އިންޒާރު ދިންއިރުވެސް, ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ އަތްޖައްސަވަން ރައީސް މުއިއްޒު އިންނަވައިފިއެވެ.
ރައީސް މުއިއްޒު މިއަދު މ. ދިއްގަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެޓޯލްސް މިނިސްޓަރ އާދަމް ޝަރީފް ވަނީ ސަރުކާރަށް ހުރަސްއަޅައި ރައްޔިތުންގެ ހިދުމަތްތައް ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިވަގުތު އަމަލު ކުރަމުންދާ ގޮތުން އެ މެންބަރުންގެ ދަތްދޮޅި ދުއްވާ ނުލައި ނުހުރެވޭނެ ކަމަށް ވިދާޅުވެ މަޖިލިސް މެމްބަރުންނަށް އިންޒާރު ދީފައެވެ.
ހަމަ ހަގީގަތުގައި ވެސް އަޅުގަނޑު މިއަދު އެތަނުގައި ހުރި ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވައި ނުލައި ހުރެވޭނެބާއޭ.
އާދަމް ޝަރީފް ވިދާޅުވި އެވެ.
މަޖިލިސް މެމްބަރުންގެ ދަތްދޮޅި ދުއްވާލާ, މެމްބަރުންގެ ގަޔަށް ބޮލަށް އަރާ, މެމްބަރުންނާއި މާރާމާރީ ހިންގާނެކަމުގެ އިންޒާރު އާދަމް ޝަރީފް ދެއްވުމާއެކު ދެން ފެނިގެން ދިޔައީ އެއަޑު އައްސަވާފަ އާދަމް ޝަރީފްގެ ވާހަކައަށް ހިތްވަރުދީ މުއިއްޒު އަތްޖައްސަވަން ފެއްޓެވި މަންޒަރެވެ.
އެހެންނަަމެވެސް ރާއްޖޭގެ ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މައްޗަށް ގާނޫނު އަސާސީން ލާޒިމް ކޮށްފައިވާ އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ފާހަގަވާން އޮތީ ގައުމުގެ މަސްލަހަތު ދެމެހެއްޓުމުގެ މަސްއޫލިއްޔަތެވެ. އޭގެ ބަދަލުގައި މިއަދު ފެނިގެންދިޔައީ, ވަޒީރަކުލައްވާ, މަޖިލިސް މެމްބަރުންނަށް ހަމަލާދީ, މެމްބަރުން ދަތްދޮޅި ދުއްވާލާނެކަމުގެ އިންޒާރު މުއިއްޒު ދެއްވި މަންޒަރެވެ.
މެމްބަރުންނަށް ބިރުދައްކާ, މެމްބަރުންނަށް ޖިސްމާނީ ގޮތުން ހަމަލާދޭނެ ކަމުގެ އިންޒާރު ވަޒީރަކު ދެއްވުމުން, އެ ވަޒީރަކާމެދު ފިޔަވަޅު އެޅުއްވުމަކީ ވަލިއްޔުލްއަމްރުގެ މައްޗަށް ގާނޫނު އަސާސީންނާއި ގާނޫނުތަކުން ލާޒިމްކުރާ ކަމެކެވެ. އަދި ފިޔަވަޅު އެޅުއްވުމަށް ރައީސުލްޖުމުހޫރިއްޔާ ފަސްޖެހިއްޖެނަމަ އެ ވަޒީރެއްގެ އިތުބާރުނެތްކަމަށް ފާސްކުރުމަކީ ރައްޔިތުންގެ މަޖިލީހުން ކުރުން ލާޒިމް ކަމެކެވެ. އެއީ މެމްބަރުންނަށް ހަމަލާ ދޭނެކަމަށް އިންޒާރުދޭ ވަޒީރަކު މަގާމުގައި ބެހެއްޓުމަކީ ގައުމުގެ މަސްލަހަތު ގެއްލި, މެމްބަރުންގެ ސަލާމަތަށް އޮތް ބޮޑު ނުރައްކަލަކަށް އެކަން ވެގެންދާނެތީވެސް މެއެވެ.