ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަކަ ރައީސް މުއިއްޒުގެ ކެބިނެޓްގެ އެޓޯލްސް މިނިސްޓަރު އާދަމް ޝަރީފް ދެއްކެވުމުން އޭނާ އަށް ފިޔަވަޅު އަޅަން ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ގޮވާލައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ދިއްގަރުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުގައި މިހާރު ތިއްބެވީ އޭނާއާއެކު ވަރަށް އެކުގައި ހަތަރެއް ބައި އަހަރު ވަންދެން މަސައްކަތް ކުރެއްވި ބޭފުޅުން ކަމަށެވެ.
"އެކަމަކު އަޅުގަނޑު ހަމަ ހިތަށްއަރާ، ހަމަ ހަގީގަތުގައި ވެސް، އަޅުގަނޑު އެތާ މިއަދު ވެސް ހުންނަ ނަމަ، އެއިން މީހެއްގެ ދަތްދޮޅި ދުއްވާ ނުލާ ހުރެވޭނެ ބާވައޭ،" މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ކުރެއްވި, މިހާރުގެ އެޓޯލްސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވި އެވެ.
މި ވާހަކަތަކާ ގުޅިގެން ސައުދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގަޔަށް ބޮލަށް އަރާ މާރާމާރީ ހިންގަން ވަޒީރު ބޭފުޅުން ފާޅުގައި އަޑުއުފުލާއިރު ރައީސުލްޖުމްހޫރިއްޔާ އަތް ޖައްސަވަން އިންނެވުމަކީ ގައުމުގެ މަސްލަހަތު ނަގާލަން ހިތްވަރު ދިނުން ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ އެ ވަޒީރަށް ފިޔަވަޅު ނާޅާނަމަ މަޖިލީހުން ފިޔަވަޅު އަޅަންޖެހޭ ކަމަށް ސައުދު ވިދާޅުވި އެވެ.
"ނޫން ނަމަ މަޖިލިލިސް މެމްބަރުންގެ ކިބައިން ވަޒީރު މައާފަށް އެދެން ޖެހޭނެ،" ސައުދު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު އާދަމް ޝަރީފް މެމްބަރުންގެ ދަތްދޮޅި ދުއްވާލާ ވާހަަތަކެއް ދައްކަވާފައިވާ އޯޑިއެއް ވެސް ވަނީ ލީކުވެފަ އެވެ.
އެގޮތުން މަޖިލީހުގައި އޭރު ހަރަކާތްތެރިވި އެސްޕީޖީ ސިފައިންނާއެކު ދެއްކި ވާހަކައިގައި އާދަމް ޝަރީފް ވަނީ އޭނާ އެބޭފުޅުންގެ މަގާމުގައި ހުންނެވިނަމަ އިދިކޮޅު މެމްބަރުން އިހުތިޖާޖު ކުރުމުން ކެތްތެރިކަން ކޮޅުލައިގެން ގޮސް އެއިން މެމްބަރެއްގެ ދަތްދޮޅި ދުއްވާލީސް ކަމަށް ވިދާޅުވެފަ އެވެ.
އެ އޯޑިއޯ ލީކުވި މައްސަލަ އެ ދުވަސްވަރު ވަރަށް ބޮޑުވިއިރު، އެ މައްސަލާގައި ގުޅިގެން ސިފައިންގެ އޮފިސަރަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.