ރައީސް ޑރ. މުއިއްޒު މާދަމާ ކ. ގުރައިދޫއަށް ވަޑައިގަންނަވާތީ، އެރަށުގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ މުވައްޒަފުން އެމަނިކުފާނަށް މަރުހަބާ ކިޔަން ނުކުތުމަށް އަންގައިފި އެވެ.
ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ކެމްޕެއިނަށް ސަރުކާރުގެ ބޮޑު ވަފުދަކާއެކު، ރައީސް މުއިއްޒު އަތޮޅުތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގެ ތެރެއިން ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެދުރު އެންމެ ހޫނުގަދަ ގަޑީގައެވެ. ރައީސް މުއިއްޒު ގުރައިދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 11:20ގައެވެ.
އެހެންވެ، ގުރައިދޫ މަރުކަޒުގެ އިސްވެރިއަކު އެތަނުގެ މުވައްޒަފުން ތިބޭ ވައިބާ ގްރޫޕަށް އިއްޔެ ފޮނުވި މެސެޖެއްގައި ވަނީ ރައީސް ވަޑައިގަންނަވާ ވަގުތު މަރުކަޒުގެ ހުރިހާ މުވައްޒަފުން ބަނދަރުމައްޗަށް ނުކުތުމަށް އަންގާފަ އެވެ.
މާރޗް 2024 ވަނަ ދުވަހު, ދިވެހިރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ގުރައިދޫއަށް ރަސްމީ ދަތުރެއްގައި ވަޑައިގަންނަވާތީ މަރުހަބާ ދެންނެވުމަށް ވީހާވެސް ގިނަ މުވައްޒަފުން 11:20 އަށް ބަނދަރު ސަރަހައްދަށް ވަޑައިގެންނެވުން އެދެމެވެ." މެސެޖުގައި ބުނެފައިވެ އެވެ.

ގުރައިދޫ މަރުކަޒުގެ މުވައްޒަފުންނަކީ މީގެ ކުރިން ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވާ ބައެއް ނޫނެވެ. ނަމަވެސް ވަޒީފާގެ ބިރަށް މިހާރު ވަރަށް ގިނަ މުވައްޒަފުންނަށް ރައީސަށް މަރުހަބާ ކިޔަން ދާން މަޖުބޫރުވެފައިވާ ކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން މުވައްޒަފަކު ބުންޏެވެ.
އެ މަރުކަޒު ނޫނަސް، ގުރައިދޫގެ ސްޓެލްކޯ އޮފީހުގެ މުވައްޒަފުންނާއި އެހެންނިހެން ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ވެސް ރައީސަށް މަރުހަބާ ކިޔަން ނުކުތުމަށް އަންގާފައިވާ ކަމަށް އެރަށުން މި ނޫހަށް މައުލޫމާތު ދިން މީހަކާ ބުންޏެވެ.
ކ. ގުރައިދޫގެ އިތުރުން އެ އަތޮޅު އެހެން ރަށްރަށަށްވެސް ވެސް ރައީސް މުއިއްޒު ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށްރަށުގެ ސަރުކާރު މުވައްޒަފުންނަށާއި, އަދި ސްކޫލްތަކުގެ ދަރިބަރުންނަށްވެސް ވަނީ ރައީސްގެ އިސްތިގުބާލުގައި ނުކުތުމަށް އަންގާފަ އެވެ.
ރައީސް މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި, ސަރުކާރުގެ ވަސީލަތްތަކާއި ފައިސާ ބޭނުންކޮށްގެން މަޖިލިސް ކެމްޕޭން ކުރަމުންދާކަމުގެ ޝަކުވާ ކައުންސިލްތަކުންވެސް ކުރަމުން ދެއެވެ. އެގޮތުން ކެނދިކުޅުދޫ ކައުންސިލުން ވަނީ, އެރަށަށް ވަޑައިގެން އެކުންސިލާ ބައްދަލުކޮށް ރައީސް މުއިއްޒު ކެމްޕޭން ކޮށްފައިވާކަށް ބުނެ އެކަން ކުށްވެރިކޮށް ބަޔާނެއްވެސް ނެރެފައެވެ.