ކަރޯކޭ ޖެއްސުމަކީ ރައީސްގެ އާއިލާއިން ކޮށް އުޅޭ ކަމެއް ނޫން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައި ވަނިކޮށް، ސާޖިދާ ކަރޯކޭއަށް ލަވަ ވިދާޅުވާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާންމު ވުމާއިއެކު, ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރ އިބްރާހިމް ހަލީލް މީޑިއާއަށް ދޫކުރި މައުލޫމާތު ތަކާއި ގުޅިގެން ރައީސް މުއިއްޒު ވަރަށް ބޮޑަށް ކޯފާ ވެފައިވާ ކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.
ކަރޯކޭ ކުޅުއްވުމަކީ ރައީސް މުއިއްޒުގެ އާއިލާއިން ދުވަހަކުވެސް ކޮށް އުޅުނު ކަމެއް ނޫންކަމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް ވިދާޅުވެފައިވަނީ, ރައީސްގެ އަނބިކަބަލުން ސާޖިދާ ކަރޯކޭ ކުޅުއްވަން މުލިއާގެއަށް އަގުބޮޑު ކަރޯކޭ ސިސްޓަމެއް ވެއްދިކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައި ވަނިކޮށެވެ.
ޚަލީލު ވިދާޅުވި ސިޔާސީ ފަރާތްތަކުންނާއި އަދި ބައެއް މީޑިއާތަކުން ފަތުރަމުންދާ އެ ވާހަކަތަކަކީ ބޮޑު ދޮގެއް ކަމަށާއި, ރައީސް މުއިއްޒުގެ އާއިލާއަކީ ދުވަހަކުވެސް ކަރޯކޭ ކުޅުއްވި ބައެއް ނޫންކަމުގައެވެ.
ރއީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅުގައި އަގުބޮޑު ކަރޯކޭ ސިސްޓަމެއް ބެހެއްޓި ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދައްކާ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ.
މީޑިއާއާ ހިއްސާ ކުރެއްވި މެސެޖެއްގައި ހަލީލް ވިދާޅުވި އެވެ.
ޚަލީލު ވިދާޅުވީ ދޮގު ވާހަކަ ފަތުރަނީ, ސަރުކާރުގައި ތިބިއިރު ފައިސާއާއި ވަސީލަތްތަކުގެ ބެނުން ނަހަމަ ގޮތުގައި ހިފި ފަރާތްތަކުން ކަމަށާއި، އެފަރާތްތަކުން އެކަން ކުރަމުންދަނީ އެފަރާތްތަކުން ހިންގާފައިވާ ޚިޔާނާތްތައް ފޮރުވުމަށް ކަމުގައެވެ.
އެހެންމަވެސް ރައީސްގެ ދެކަނބަލުން ކަރޯކޭ ނުކުޅައްވާކަމަށް ޚަލީލު ވިދާޅުވެފައިވަނިކޮށް, ސާޖިދާ ކަރޯކޭ ކުޅުއްވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ސާޖިދާ ކަރޯކޭއަށް ލަވަ ވިދާޅުވަނީ ޕާޓީ ކުރާތަނެއްގައިކަަމަށް ގަބޫލު ކުރެވެއެވެ.
އެއާއެކު ދެން ޚަލީލު ވިދާޅުވެފައިވަނީ ރައީސްގެ އާއިލާއިން ދުވަހަކުވެސް ކަރޯކޭ ނުކުޅުއްވާކަމަށް ވިދާޅު ނުވާކަމުގައެވެ.
ޚަލީލު މެޑަމް ސާޖިދާއާއި ގުޅޭގޮތުން ޔަގީން ނޫން މައުލޫމާތު ފޯރުކޮށްދީ, އެކަމަނާ ފަޟީހަތް ވެގެން ދިއުމާއި ގުޅިގެން ޚަލީލަށް ގިނަ ބައެއްގެ ފާޑުކިއުން ވަނީ އަމާޒު ވެފައެވެ.
އަދި މައުލޫމާތު ލިބޮފައިވާ ގޮތުގައި, ރައީސް މުއިއްޒު ކޯފާވެ, ދެން އަފަދަ ކަމެއް ތަކުރާރު ކޮށްފިނަމަ ޙަލީލް ވަޒީފާއިން ވަކިކުރާނެކަމުގެ އިންޒާރު ވަނީ ދީފައެވެ. އަދި ރައީސް މުއިއްޒުގެ އެންގުމަށް ޚަލީލްގެ ބަޔާންވެސް ވަނީ ނަގާފައެވެ.