އިންޑިއާއިން ރާއްޖެ ހަދިޔާކުރާ ހެލިކޮޕްޓަރާއި އެ ހެލިކޮޕްޓަރު ދުއްވުމަށް އަންނަ އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްނުވާ ކުރޫއިންގެ އޮޕަރޭޝަނަލް ކޮންޓްރޯލް އޮންނާނީ ދިވެހި އަސްކަރިއްޔާގައިިކަމަށް އެމްއެންޑީއެފްއިން ރައްޔިތުންނަށް ކަން އޮތް ގޮތް އޮޅޭހެން ވިދާޅު ވެއްޖެއެވެ. އެމްއެންޑީއެފް އިން މިހެން ހާމަ ކުރެއްވި އިރު، ކުރީގައި ރާއްޖޭގައި ތިބި އިންޑިޔާގެ ސިފައިންގެ ޕައިލެޓުންވެސް ތިބީ ދިވެހި އަސްކަރިއްޔާގެ ކޮންޓްރޯލްގައެވެ.
އައްޑޫ ސިޓީ ގަމުގައި އޮޕަރޭޓްކުރަމުންދިޔަ އިންޑިއާގެ ހެލިކޮޕްޓަރު މަރާމާތަށް ފޮނުވާލުމަށް ނިންމާފައިވާއިރު އޭގެ ބަދަލުގައި ގެންނަ ހެލިކޮޕްޓަރާއެކު 26 ސިވިލިއަނުން މިހާރު ރާއްޖެ އައިސްފައިވާކަމަށް މުޖުތަބާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ އެ މީހުން ފެމިލިއަރައިޒްކުރުމުގެ މަރުހަލާކަމަށާއި އެ މަރުހަލާ ނިމުމާއެކު ތާވަލާ އެއްގޮތަށް އިންޑިއާ ސިފައިން ފުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ކުރިން ތިބި އިންޑިޔާ ސިފައިންގެ ޕައިލެޓުންނާއި ކުރޫ އިންނަކީ ހަތިޔާރު އެޅި ބައެއް ނޫނެވެ. އެހެން ކަމުން މިހާރާއި އެހާރާއި ހުރި އެއްވެސް ތަފާތެއް ނެތެވެ. އެވެސް އިންޑިޔާގެ ރައްޔިތުންނެވެ. މިވެސް ހަމަ އިންޑިޔާގެ ރައްޔިތުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ޤައުމަށް ފޮނުވާލުމަކީ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ފިކުރު ކުރިއަށް ނެރެ، ވެރިކަން ހޯދުމަށް ހިންގި ޕްރޮޕްގަންޑާއެއްގެ ތެރެއިން ހިންގި ދޮގާއި ހީލަތުގެ މައްޗަށް ބިނާވެފައިވާ ހަރަކާތެކެވެ. މިގޮތުން ރާއްޖޭގައި ޤާއިމްކޮށްފައިވާ އިންޑިއާގެ 3 އޭވިއޭޝަން ފޮނުވާލުމަށް މުއިއްޒު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އަނެއް ދެ ޕްލެޓްފޯމްގައި ތިބި ސިފައިންވެސް އަންނަ މޭމަހުގެ 10 ދުވަހުގެ ކުރިން އަނބުރާ ޤައުމަށް ފޮނުވާ ލާނެކަމަށް މުއިއްޒު ވަނީ ބުނެފައެވެ.