ރައީސް މުއިއްޒަށް ސޯޝަލް މީޑިއާގައި ފާޑުކިޔާ ކަމަށް ބުނެ އެސްޓީއޯގެ ރީޖަނަލް ފާމަސީ މެނޭޖަރެއްގެ މަގާމުގައި ހުރި މީހެއްގެ މަގާމު ސްޓޮކް އޮފިސަރެއްގެ މަގާމަށް ދަށްކުރުމަށް އެސްޓީއޯއަށް، އަންގާފައިވަނީ ސީދާ މުއިއްޒުގެ އަމުރަށް، ރައީސް އޮފީހުން ކޮމިއުނިކޭޝަން މިނިސްޓަރ ހަލީލް ކަން ފަޅާ އަރާފިއެވެ. މިކަން ދިޔަވަރު ނޫހަށް ހާމަ ކޮށްދީފައިވަނީ ރައީސް އޮފީހުގެ އޮފިޝަލެކެވެ.
އޭނާއަށް ފިޔަވަޅު އަޅަން ނިންމާ އެސްޓީއޯއިން ފޮނުވި ސިޓީ ސޯޝަލް މީޑިއާގައި މިހާރު ވަނީ އާއްމުވެފަ އެވެ.
އެކަމާ ގުޅިގެން، އެސްޓީއޯއިން ފިޔަވަޅު އެޅި ގދ. ގެ ފާމަސީތަކާ ހަވާލުވެ މަސައްކަތް ކުރަމުންދިޔަ އަހުމަދު ޝިޔާޒް ނައީމް ރާއްޖެގައި ހަމަ އެކަނި ހުރި މަދު މިނިވަން ނޫހެއް ކަމަށްވާ "އަދަދު" ނޫހާއި ވާހަކަ ދައްކަމުން ބުނީ އެސްޓީއޯގެ އެޗްއާރުން މި މައްސަލަ ފުރަތަމަ ބަލަން ފެށީ ފެބްރުއަރީ، 29 ގައި ކަމަށެވެ. އަދި އެ ދުވަހު އޭނާގެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ހުރި ޕޯސްޓުތަކަކާ ގުޅޭގޮތުން އޮންލައިންކޮށް ބަޔާނެއް ނެގި ކަމަށެވެ.
"ލީގަލް ޓީމުގެ ދެ ބޭފުޅަކު ތިބެގެން ސުވާލުތައް ކުރީ، މައިގަނޑުކޮށް ސުވާލުކުރީ އަޅުގަނޑުގެ ފޭސްބުކް އެކައުންޓުން ސަރުކާރަށް ނިސަބަތްކޮށް، ސަރުކާރުގެ އިސްވެރިންނަށް ނިސްބަތްވާ ގޮތަށް ބަދުބަސްތައް ބުނެފަ ހުރުމާ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔުމާ ގުޅުވައި," ޝިޔާޒް ވިދާޅުވި އެވެ.
އޭނާ ވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ސިޓީގެ ސައްހަކަން ކަށަވަރުކޮށްދީފަ އެވެ.
އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާ ސޮއިކުރައްވާ ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ 'ރައީސުލްޖުމްހުރިއްޔާ އަށާއި ސަރުކާރުގެ އިސްފަރާތްތަކަށް ނިސްބަތްވާ ގޮތަށް ޒިންމާދާރުކަން ކުޑަގޮތަކަށް ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓުތަކަކީ އަހުމަދު ޝިޔާޒު ފަދަ ޒިންމާދާރު މަގާމެއްގައި ކުންފުނި ތަމްސީލުކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުވައްޒަފެއް ފަރާތުން އެއްގޮތަކަށްވެސް އަމަލެއް ނޫން" ކަމަށެވެ.
އަދި، އެ އަމަލުތަކާ ގުޅިގެން މިއަދު ފެށިގެން ޝިޔާޒުގެ މަގާމު ރީޖަނަލް ފާމަސީ މެނޭޖަރުކަމުން ސްޓޮކް އޮފިސާއަކަށް ވަނީ ބަދަލުކޮށްފަ އެވެ. މި ފިޔަވަޅު އަޅާފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށްވެސް ބުނެފައިވެ އެވެ.