ޖަޕާން ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ލަގްޒަރީ ކާރު އަމިއްލައަށް މޮޑިފައި (ބޭނުންވާ ގޮތަށް ބަދަލު) ކޮށްގެން ބޭނުންކުރަން ފެށުމާއި ގުޅިގެން ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ނުރުހުން ފާޅުކޮށްފިއެވެ.
ދުނިޔޭގެ އެހެން ގައުމުތަކާ ޚިލާފަށް ޖަޕާން ސަރުކާރުން ގައުމުތަކަށް ދޭ ހިލޭ އެހީއަކީ އެގައުމުން ދޭ އެހީގެ ބޭނުންކުރާ ގޮތް ވަރަށް ރަގަޅަށް މޮނިޓަރކުރާ ގޮތަށް (ވަޒަން ކުރާގޮތަށް) ގައުމުތަކަށް ދޭ ހިލޭ އެހީއެވެ. އެގައުމުން ދޭ އެހީގެ ބޭނުން ގައުމުތަކުން ކުރާގޮތް ޖަޕާން ސަރުކާރުން މޮނިޓަރ ކުރަނީ, އެއެހީ ކޮރަޕްޝަންގެ އުސޫލުން ބޭނުން ކުރުން ހުއްޓުވުމުގެ އިތުރުން ޖަޕާން ސަރުކާރުން އެހީދިނުމަށް އެގައުމުން ކަނޑައަޅާފައި ހުނަން ގައިޑްލައިންތަކާ އެއްގޮތަށް އެހީ ފޯރުކޮށްދިނުން ލާޒިމް ކުރުމުގެ ގޮތުންނެވެ.
އެގޮތުން ޖަޕާނުން ރާއްޖޭގައި ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތައްވެސް މިހާރުވެސް އެގައުމުން މޮނިޓަރ ކުރަމުންދެއެވެ. އޭގެ އެއް މިސާލެއްގެ ގޮތުން ފެންނާން ހުރީ މާލޭގެ ވަށައިގެން ޖަޕާން ސަރުކާރުގެ އެހީގައި ލާފައިވާ ބޭރު ތޮއްޓެވެ. އެ ތޮއްޓަށްވެސް ޖަޕާން ސަރުކާރުގެ ހުއްދަ ހޯދުމަކާ ނުލާ އަދިވެސް ދިވެހި ސަރުކާރުން އަމިއްލައަށް ބަދަލު ގެނައުން އޮންނަނީ މަނާކޮށްފައެވެ.
ޖަޕާން ސަރުކާރުން ރާއްޖެއަށް އެހީގެ ގޮތުގައި ދީފައިވާ މަޒްޑާ ސެޑާން މޮޑެލްގެ ކާރަކީ 2023 ވަނަ އަހަރުގެ އެޕްރިލްމަހުގެ 18 ވަނަ ދުވަހު ރާއްޖެއަށް ދިން އެހީގެ ޕެކޭޖުގައި ހިމެނޭ ކާރެކެވެ. ރާއްޖޭގެ ބޯޑަރ ކޮންޓްރޯލްކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން އޭރު ކަސްޓަމްސްއާއި ހަވާލުކުރީ އެއްގަމު އުޅަނދުތަކާއި ބައެއް ސާމާނުތަކެވެ. މި އެހީގެ ޕެކޭޖުގެ އަދަދު 4.68 މިލިއަން ޑޮލަރަށް އަރައެވެ.
މި ތަކެއްޗާއި ހަވާލުވީ އޭރުގެ ޑިފެސް މިނިސްޓަރ މާރިޔާ ދީދީއާއި, އޭރުގެ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަބުދުالله ޝަރީފްއެވެ.
އެހެންނަމަވެސް, ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވުމަށްފަހު ކޮމިޝަނަރ ޖެނެރަލް ކަމުގެ މަގާމާއި ހަވާލުވި ޔޫސުފް މާނިއުވަނީ ކާރުގެ އެކިއެކި ބައިތައް ބަދަލުކޮށް, "ބެޓްމޭން" އޮޓޯމޯބައިލްގެ މޮޑެލްއަށް ކާރު ބަދަލުކޮށްފައެވެ. އޭގެ ތެރޭގައި ކާރުގެ ހެޑްލައިޓްގެ ކުލަ ބަދަލުކުރުމުގެ އިތުރުން ކާރުގެ ފުރޮޅުގެ ރިމްވެސް ގޯލްޑް ޕްލޭޓް ރިމްއަކަށް ބަދަލުކޮށް, ކާރުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ, ޖަޕާން ސަރުކާރުން ހިލޭ އެހީގެ ގޮތުން ދިން ކާރަށް ކަސްޓަމްސްއިން ބޮޑު ބަދަލެއް ގެނައުމާއި ގުޅިގެން ހިންހަމަ ނުޖެހުން ފާޅުކޮށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީއިން ވަނީ ފޮރިން މިނިސްޓްރީއަށް ނޯޓެއް ފޮނުވާފައެވެ. އަދި ކަސްޓަމަށް އެކަން ފޮރިން މިނިސްޓްރީން މިހާރު އަންގާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މާގާމަށް މުއިއްޒު އައްޔަން ކުރައްވާފައިވާ ޔޫސުފް މާނިއުއަކީ އެކި ޒާތްޒާތަށް ހުންނަވައިގެން އަމިއްލަ ފޮޓޯ ނަންގަވާފަ ސޯސަލް މީޑީއާގައި އަމިއްލައަށް އާންމުކޮށް, ސަރުކާރުގެ އިސް މަގާމްތަކުގައި ތިބޭ ފަރާތްތަކުގެ ކިބައިގައި ހުރުން އެކަށީގެން ނުވާ އެތައް އާދައެއް އޭނާގެ ކިބައިން ފެންނަމުންދާ ފަރާތެއްކަން ފާހަގަ ކޮށްލެވެއެވެ.
އެގޮތުން އޭނާ ވަނީ ކަސްޓަމްސްގެ ޔުނީފޯމް އޭނާ އަލަށް ލީދުވަހު ޔުނީފޯމިގައި ހުރެ ޓިކްޓޮކް ވީޑިއޯއެއްވެސް ކުޅެ ސޯޝަލް މީޑިއާގައި އަމިއްލައަށް އާންމު ކޮށްފައެވެ.