ޚަބަރު

ހަނޑޫ ފުށް ގޭބިސީތަކަށް ބަހަން ފަށާއިރު އެއްވެސް އިންތިޒާމެއް ހަމަޖައްސާފައެއް ނެތް, ބޭނުމަކީ ކާޑުން ވައްކަން ކުރުން!

ދިޔަވަރު
ހަނޑޫ ފުށް ގޭބިސީތަކަށް ބަހަން ފަށާއިރު އެއްވެސް އިންތިޒާމެއް ހަމަޖައްސާފައެއް ނެތް, ބޭނުމަކީ ކާޑުން ވައްކަން ކުރުން!

ސަރުކާރުން ކުރިޔަށް އޮތް ރޯދަމަހު ގޭބިސީތަކަށް ކާޑު ފޯރުކޮށް ދިނުމަށް ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން މިހަފްތާގެ ހޮނިހިރު ދުވަހުން ފެށިގެން ގޭގެއަށް ކާޑު ބެހުމަށް ފެށުމަށް ނިންމާފައިވާއިރު, ކާޑުން ވައްކަން ކުރުމުގެ ފުރުސަތު ފަހިކޮށްފައިވާކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

އެގޮތުން "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ސަރުކާރުގެ އިސްް އޮފިޝަލު ވިދާޅުވި ގޮތުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ކާޑު ބެހުމަށް އެރަށްރަށުގެ ކައުންސިލްތަކާ ހަވާލު ކުރިއިރު, ކާޑު ބެހުމަށް ނިންމާފައިވަނީ ގޭގޭގެ ކަރަންޓު މީޓަރު ނަންބަރު ދިނުމުން ކަމުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކަރަންޓު މީޓަރު ހަރުކޮށްފައި ހުންނަ, މީހުން ނޫޅޭ ގޭގޭނަމުގައިވެސް ކާޑު ނެގޭނެ ކަމަށާއި, އެގޮތުން އެގޭގޭގައި އުޅޭކަމަށް ބުނެ, އައީޑީކާޑު ދައްކާފައި ހަނޑޫ ފުށް ނެގުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމުގައެވެ.

ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އޮފިޝަލް ވިދާޅުވީ, ކާޑު ބޭނުންވާ މީހުން ރަޖިސްޓްރީ ކުރާގޮތަށް ހަމަޖެއްސުމަށްފަހު, ރަޖިސްޓްރީ ނުކުރާ ގޮތަށް ހަމަޖެއްސީ ވެސް ބައެއް ފަރާތްތަކުން ނުފޫޒު ފޯރުވައިގެން ކަަމަށާއި, އަދި މުޅި ރާއްޖެއަށް ކާޑު ބަހަންޖެހޭއިރު, ލޯކަލް ގަވަރމަންޓް މިނިސްޓްރީން އެކަމަށްޓަކާ ތައްޔާރު ވުމުގެ ގޮތުން އެކަށީގެންވާ އިންތިޒާމްތައް ހަމަޖައްސާފައި ނުވާކަމުގައެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން ހަނޑޫ ފުށުން ވައްކަން ކުރުމުގެ ފުރުސަތު އިންތިހާއަށް ހުޅުވިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުރިޔަށް އޮތް ރޯދަމަހަށް ގެތަކަށް ކާޑު ފޯރުކޮށްދިނުމަށް މުއިއްޒު ވައުދުވީ ކުރިޔަށްއޮތް މަޖިލިސް އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައެވެ.