ޚަބަރު

މިފްކޯ ސިޔާސީކޮށް, އާއިލީ މީހުން ހެޑް އޮފީހަށް ވައްދާ, ކުންފުނީގެ ހިންގުން ބޮއްސުން ލުމުން, ޕީސީބީގެ އިންޒާރު މިފްކޯގެ އެމްޑީއަށް!

ދިޔަވަރު
މިފްކޯ ސިޔާސީކޮށް,  އާއިލީ މީހުން ހެޑް އޮފީހަށް ވައްދާ, ކުންފުނީގެ ހިންގުން ބޮއްސުން ލުމުން, ޕީސީބީގެ އިންޒާރު މިފްކޯގެ އެމްޑީއަށް!

ސަރުކާރުގެ މަސް ކުންފުނި މިފްކޯ ސިޔާސީ ގޮތުން ބޭނުންކޮށް, ހެޑް އޮފީހަށް އާއިލީ މީހުން ވައްދާ, ވަޒީފާ ދިނުމާއި, ވަޒީފާއިން މީހުން ވަކި ކުރުމުގައި ހަމައެއް ލަމައެއްނެތި އަމަލުކުރަމުންދާ ކަމުގައި ބޮޑެތި ތުހުމަތުތަކާއެކު, ކުންފުނީގެ ހިންގުމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އަންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިފްކޯއަށް އިންޒާރު ދީފިއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ, ފާއިތުވި ފެބްރުއަރީމަހުގެ 29 ވަނަ ދުވަހު, ޕިސީބީން މިފްކޯއަށް ފޮނުވާފައިވާ ސިޓީގައި ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށް, އަދި އެކަންކަމަށް އިސްލާހީ ފިޔަވަޅުއެޅުމަށް މިފްކޯގެ ސީއީއޯ އަހުމަދު ޝަމާހުއަށް އަންގާފައިވެއެވެ.

ޕީސީބީން މިފްކޯއަށް ފޮނުވި ސިޓީގައި ފާހަގަ ކޮށްފައިވާ ކަންކަން:

  1. ކުންފުނީގެ މުދަލާއި ވަސީލަތްތައް އަމިއްލަ ބޭނުމުގައާއި ސިޔާސީ ބޭނުންތަކަށް ފާޅުކަންބޮޑު ގޮތެއްގައި ބޭނުންކުރުން.
  2. ކުންފުނީގެ ދާއިމީ މުވައްޒަފުން ނުހައްގުން ވަޒިފާގެ މަސްއޫލިއްޔަތުން ދުރުކުރުމާއި, ވަޒީފާގެ ބިރުދެއްކުމާއި, ދާއިމީ މަގާމްތަކުގައި ތިއްބެވި މުވައްޒަފުންނަށް ވަޒީފާއާބެހޭ ގާނޫނާއި ޚިލާފުވާ ސަބަބެއްނެތި މަގާމާއި މުސާރަ ދަށްކުރުމާއި, ސަބަބެއް ނެތި އެހެން ޑީޕާޓްމަންޓްތަކަށާއި, ކުންފުނީގެ ސައިޓުތައް ހުންނަ ރަށްރަަށަށް ބަދަލުކުރުން.
  3. ކުންފުނީގެ މުވައްޒަފުން ނެގުމާއި ގުޅޭގޮތުން ހަދާފާއިވާ ޕޮލިސީތަކާއި މުސާރައިގެ އޮނިގަޑާއި ޚިލާފަށް ސީއީއޯގެ އާއިލީ ގުޅުންހުރި ފަރާތްތަކަށާއި, ރައްޓެހިންނަށް ބަޖެޓް ހަމަޖެހިފައި ނުވަނީސް ވަޒީފާ ދިނުން.
  4. ބެސްޓު ޕްރެކްޓިސްއާއި ގަވަރނަންސް އުސޫލުތަކާއި ޚިލާފަށް ހެޑް ހަންޓް ކުރުމުގެ ނަމުގައި މުވައްޒަފުންގެ ގަވާއިދާއި ޚިލާފަށް, އެއްވެސް ޝަރުތަކަށް ބެލުމެއްނެތި, އާންމުކޮށް އިއުލާން ކުރުމަކާނުލާ, އިޖުރާތުތައް ފުރިހަމަނުކޮށް މުވައްޒަފުން ވެއްދުން.
  5. ޕީސީބީގެ ހުއްދަ ހޯދުމަކާނުލާ, ކުންފުނީގެ މަގާމްތައް އުފައްދާ, އެމަގާމްތަކަށް މީހުން ވެއްދުން.
  6. އުސޫލުތަކާއި ޚިލާފަށް, އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ނެތް ފަރާތްތައް ޑިޕާޓްމަންޓްތަކުގެ ވެރިންނަށް ލުން.
  7. ސީއީއޯ ރަސްމީ ދަތުރުތަކުގައި ވަޑައިގަންނަވާއިރު, ކުންފުނީގައި ހެދިފައިވާ ޑެލިގޭޝަން މެޓްރިކްސްއާއި ޚިލާފަށް, ކަމާނުބެހޭ މުވައްޒަފުންނާއި ކުންފުނި ހިންގުން ހަވާލުކުރުން. އަދި އެފަދަ ދަތުރުތަކުގައި ބޭކާރު, ކަމާނުގުޅޭ މުވައްޒަފުން ބައިވެރި ކުރުމާއި, އަދި ޚަރަދު ކުޑަކުރުމަށް އިސްކަން ނުދިނުން.
  8. ކުންފުނީގައި އޮތް ބިޑް ކޮމިޓީ ބަދަލުކޮށް ބެސްޓު ޕްރެކްޓިސްއާއި ޚިލާފަށް ގާތްމީހުން އެކޮމިޓީއަށް ލުން.
  9. ކުންފުނީގެ މުވައްޒަފުން ނޫން ފަރާތްތަކަށް ކުންފުނީގެ ސެކިއުރިޓީ ޕްރޮސީޖާއާއި ޚިލާފަށް ކުންފުނީގެ ތަންތަނަށް ވަދެ ނުކުމެ އުޅުމުގެ ފުރުސަތު ހުޅުވާފައި ބޭއްވުން އަދި ކުންފުނީގެ ވަސީލަތްތަކަށް އެކްސެސްވެވުން.
  10. ރަސްމީ ބޭނުމެއްގައި ނޫންގޮތަށް ސީއީއޯގެ އާއިލީ ބޭފުޅުން އޮފީހަށް ގެނައުން.
  11. ކުންފުނީގެ މާލީ ހާލަތުހުރި ގޮތަށް ނުބަލާ, ސީއީއޯ ރާއްޖެއިން ބޭރު ދަތުރުތައް ކުރުމާއި, އަދި ދަތުރުކުރާއިރު ބިޒަންސް ކުލާސް ބޭނުން ކުރުމާއި, މަސައްކަތާއި ނުގުޅޭ މުވައްޒަފުން ދަތުރުތަކުގައި ބައިވެރި ކުރުން.
  12. ކުންފުނީގެ އިންޓާނަލް އޮޑިޓް ޑިޕާޓްމަންޓް އުވާލާނެކަމުގެ ބިރު ދެއްކުމާއި, އިންޓާނަލް އޮޑިޓްގެ މަސައްކަތް މިނިވަންކަމާއެކު ކުރިޔަށް ގެންދިއުމަށް ހުރަސް އެޅުން.

ޕީސީބީގެ ސިޓީގައި ވިދާޅުވެފައިވަނީ އެ ބޯޑުގެ ސިޓީގައި ބަޔާން ކޮށްފައިވާ މައްސަލަތަކަކީ ކޯޕަރޭޓް ގަވަރނަންސް ކޯޑާއި އަދި ޕީސީބީން ހަދާފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި ޚިލާފު އަދި އެބޯޑުގެ ކަންބޮޑުވުން ހުރި ޙައްސާސް މައްސަލަތަކެއް ކަމުން, އެކުންފުނީގައި ހިންގަމުންދާ ކަމަށް ސިޓީގައި ބަޔާން ކޮށްފައިވާ ކަންކަން ވަގުތުން ހުއްޓާލުމަށް އަންގާ ކަމުގައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ދައުލަތުގެ ކުންފުނިތަކުގެ އިސް މަގާމްތަކަށް އައްޔަން ކޮށްފައިވަނީ ކުންފުނިތައް ހިންގުމުގެ އެއްވެސް ތަޖުރިބާއެއް ނެތް އެކްޓިވިސްޓުންނެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯގެ ސީއީއޯ ސަމާހުގެ އަނބިކަބަލުންނަކީ ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމް އާއި ސިއްރު ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ. އަދި ސަމާހުގެ އަބިކަނބަލުންނަށް ވަޒީފާ ދިނީވެސް އަބުދުއްރަހީމްކަމަށްވެސް މައުލޫމާތު ލިބިފައެވެ. ސަމާހުއަށް ވަޒީފާ ހޯދާދިނީ އަބުދުއްރަހީމް މެދުވެރިކޮށް އޭނާގެ އަނބިކަބަލުންކަމަށްވެސް އެނގިފައި ވެއެވެ.

ދާދިފަހުން ވަނީ ސަމާހުގެ އަނބިކަބަލުންގެ ބަރަހަނާ ފޮޓޯތަކެއްވެސް ލީކުވެފައެވެ.