ދިވެހިރާއްޖޭގެ މައްޗަށް އޮތް ޗައިނާގެ ނުފޫޒު ގަދަވެ, "ޗައިނާ ޓައުން"އެއް ރާއްޖޭގެ އުފެއްދުމުގެ ސިއްރު އެޖެންޑާގެ ދަށުން, ސަރުކާރުގެ ރަސްމީ ހުއްދަ ލިބިގެން މިމަހު, ފުރަތަމަ ފަހަރަށް "ޗައިނާ ޓައުން ނައިޓް މާރކެޓް" ހުޅުމާލޭގައި ބާއްވައިފިއެވެ.
"ޗައިނާ ޓައުން ނައިޓް މާރކެޓް"ގެ ނަމުގައި ހުޅުމާލޭ ރުށްގަނޑު ސަރަހައްދުގައި ނައިޓް މާރކެޓް ބާއްވާފައިވަނީ ފާއިތުވި ފެބްރުއަރީމަހުގެ 28 ވަަނަ ދުވަހުން މިމަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ނައިޓް މާރކެޓް ބާއްވާފަ ވަނީ ޗައިނާ އެމްބަސީން ޚާއްސަ އެއްބާރުލުމެއް ބިލިގެން ކަމަށް "ދިޔަވަރު އޮންލައިން"އަށް ކަށަވަރު ކުރެވިފައި ވެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޗައިނާގެ ހަންފަތުރާ, އެގައުމުގެ ސަގާފަތް އެހެން ގައުމުތަކުގައި ފެތުރުމަށް ޗައިނާއިން ގެންގުޅޭ އެއް ސިޔާސަތަކީ ގައުމުތަކުގައި ޗައިނާ ޓައުން ގާއިމް ކުރުމެވެ. އެގޮތުން ގާއިމްކުރާ "ޗައިނާ ޓައުން" ތަކަކީ އަގުހެޔޮކޮށް ތަކެތި ލިބެން ހުންނަ ބާޒާރުތަކެވެ. އަދި ގިނަ ގައުމުތަކުގައި "ޗައިނާ ޓަައުން"ތައް ވެފައިވަނީ އެގައުމްތަކުގެ ކުދި އަދި މެދުފަންތީގެ ވިޔަފާރަވެރިންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމަކަށްވެސް މެއެވެ.
މިއީ ދިވެހިރާއްޖޭގައި ޗައިނާގެ ހަންފަތުރާ, ވިޔަފާރީގެ ނަމުގައި އެގައުމުގެ ސަގާފަތް ރާއްޖޭގައި ފަތުރާ, ރާއްޖޭގައި "ޗައިނާ ޓައުން"އެއް ގާއި ކުރުމުގެ ސިއްރު އެޖެންޑާއެއްގެ ދަށުން, މި ސަރުކާރުން ޗައިނާ ސަރުކާރާއެކު ވެފައިވާ ވިޔަފާރީގެ ސިއްރު އެއްބަސްވުމުގެ ދަށުން, ހިންގި ވިޔަފާރީގެ ހަރަކާތެއް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.
މި ބޭއްވުނު "ޗައިނާ ޓައުން" ނައިޓް މާރކެޓް ޑިޒައިން ކުރެވުނީ ޗައިނާގެ ޝިންޓޯ ދީނުގެ ކަނލާގެ ޑްރަގަންގެ ޑިޒައިންތަކާއި ސަގާފަތް ރަމްޒު ކޮށްދޭ ގޮތަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ޗައިނާއާއެކު ދަނީ ސިއްރު ގުޅުންތަކެއް ބާއްވަމުންނެވެ. އެގޮތުން ދާދިފަހުން މުއިއްޒު ޗައިނާއަށް ކުރެއްވި ޒިޔާރަތުގައިވަނީ އެގައުމާއެކު ސިއްރު 20 އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އޭގެ ތެރޭގައި ސިއްރު އަސްކަރީ އެއްބަސްވުންތައްވެސް ހިމެނެއެވެ.