ފާޑު ކިޔައިގެން އެއްވެސް މީހަކަށް ފިޔަވަޅު ނާޅާނެކަމަށް ވިދާޅުވެ މުއިއްޒު މިއަދު ދެއްކެވި ވާހަކަފުޅަކީ ކަނޑައެޅިގެން އެމަނިކުފާނު ހެއްދެވި ބޮޑު ދޮގެއްކަން ހާމަ ވެއްޖެއެވެ.
ޅ. ކުރެންދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ފާޑުކިޔުންތައް ބަލައިގަންނާނެ ކަމަށާއި، އަދި އެކަމަށް ކަަމަށެވެ މަރުހަބާވެސް ކިޔާ ކަމަށެވެ.
އަޅުގަނޑާ ދިމާލަށް އެއްވެސް މީހަކު އެއްޗެކޭ ބުނެގެން ފިޔަވަޅެއް ނާޅާނަން. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންގެ އަޑުއަހަން. ކްރިޓިސައިޒްކުރަންވާނެ، އެއީ ހެޔޮ ނިޔަތުގައި ކަންކަން ރަނގަޅުކުރަން ވިދާޅުވާ އެއްޗެއްނަމަ މަރުހަބާ ކިޔާނަން.
މިއަދު ޅ. ކުރެންދޫގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އަދި މުއިއްޒު ވިދާޅުވި ގޮތުގައި، އެކަން ސާފުކޮށްދެއްވަން ޖެހުނީ އެމަނިކުފާނަށް ފާޑު ކިޔައިގެންކަމަށް ބުނެ ކުންފުންޏެއްގެ މުވައްޒަފަކު މަގާމް ދަށްކުރިކަމަށް ނޫސްތަކުން ފެނުމުން ކަމުގައެވެ. ރައީސް ވިދާޅުވީ އެ މައުލޫމާތު ލިބުމުން އެކުންފުނީގެ އެމްޑީއަށް ގުޅާ އެކަން ސާފުކުރި ކަމަށާއި އެހެންނަމަވެސް އެ މުވައްޒަފަށް ފިޔަވަޅު އަޅަންޖެހުނީ އެމަނިކުފާނަށް ފާޑު ކިޔައިގެން ނޫންކަމަށް އެނގިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަން ރައްޔިތުންނަށް ސާފުކޮށް ދިނުމަށް އެދިފައިވާނެކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
އެހެންނަމަވެސް, މިއަދު ޅ. ކުރެންދޫގައި ދެއްކެވި މި ހުރިހާ ވާހަކަތަކަކީ ދޮގުކަން ހާމަވީ, އެސްޓީއޯގެ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެކުންފުނިން އެންގި ސިޓީ އާންމު ވުމާއި ގުޅިގެންނެވެ. އެސިޓީގައި ވާގޮތުން އެ މުވައްޒަފަށް ފިޔަވަޅު އަޅާފައިވަނީ "މުވައްޒަފުން ގެންގުޅެންޖެހޭ އާންމު ސުލޫކީ މިންގަޑާއި ޚިލާފަށް ރައީސުލްޖުމުހޫރިއްޔާއަށާއި ސަރުކާރުގެ އިސްފަރާތްތަކަށް ނިސްބަތްވާގޮތަށް ޒިންމާދާރުކަން ކުޑަގޮތަކަަށް ސޯޝަލް މީޑިއާގައި ޖަހާފައިވާ ޕޯސްޓުތަކަކީ އަހުމަދު ޝިޔާޒުފަދަ ޒިންމާދާރު މަގާމުގައި ކުންފުނި ތަމްސީލު ކުރުމުގެ މަސްއޫލިއްޔަތު މަތިކުރެވިފައިވާ މުވައްޒަފެއްގެ ފަރާތުން އެއްގޮތަަކަށްވެސް ފެނިގެންވާނެ އަމަލުތަކެއް ނޫން" ކަމަށް ވާތީ ކަމުގައެވެ.
އެހެންނަމަވެސް މުއިއްޒު މިއަދު ވިދާޅުވެފައިވަނީ އެއްވެސް މުވައްޒަފަކު އެމަނިކުފާނާއި ދެކޮޅަށް ފާޑު ކިޔައިގެން އެއްވެސް ފިޔަވަޅު ނާޅާނެ ކަމުގައެވެ.
ރައީސް މުއިއްޒު ވަނީ މިނޫނަސް ރައްޔިތުންނަށް ބޮޑެތި ދޮގުތައް ހަދާ އޮޅުވާލާފައެވެ. އޭގެ ތެރޭގައި ރައިސް ޔާމިން މިނިވަންކުރާނެ ކަމަށް ވިދާޅުވެ ހެދި ދޮގާއި މަކަރާއި ހީލަތާއި އޮޅުވާލުމުގެ އިތުރުން, މުވައްޒަފުން ވަޒީފާތަކުން ވަކި ނުކުރާނެކަމަށް ވިދާޅުވެ ހެއްދި ދޮގުތައްވެސް ހިމެނެއެވެ. ވެރިކަމަށް ވަޑައިގެންނެވުމަށްފަހު މުއިއްޒުވަނީ ވަރަށް އަނިޔާވެރިކޮށް އެތައް މުވައްޒަފުންނެއް ވަޒީފާތަކުން ވަކި ކޮށްފައެވެ.