ކ. މާފުށީގައި ރޭ ފަތިހު ހިންގި މާރާމާރީގައި ޒަހަމްވި މީހާގެ ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، އެ މީހާގެ ހާލު ސީރިއަސް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މާފުށީގައި މިއަދު ދެ މާރާމާރީއެއް ހިންގާފައިވާއިރު ހާލު ސީރިއަސްވެ ފަރުވާދެމުންދަނީ ފަތިހު ހިންގި މާރާމާރީގައި އަނިޔާ ލިބުނު އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެ މީހާ މާލެ ގެނެސް މިހާރު ފަރުވާދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމީހާއަށް ހަމާލާދިނީ ބަޔަކު އައިސް ބަގީއެއް ދޭން ބުނެގެން ނުދިނުމުން ކަމަށެވެ. އަދި ހަމަލާދިނީ އޭނާ ބަގީގައި އިންދާ ކަތިވަޅިއަކުން ކަމަށް އެނގިފައި ވެއެވެ. އެ ބަގީއަކީ އަނިޔާ ލިބުނު މީހާގެ އެއްޗެއް ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ބަގީގެ ވެރިމީހާއަށް ކަތިވަޅިއަކުން ހަމަލާ ދީފައިވަނީ މާފުއްޓަށް އެރި ގޭންގަކުންކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައި ވެއެވެ.
"ދިޔަވަރު އޮންލައިން"އަށް މައުލުމާތު ދިން މީހާ ކިޔައިދިން ގޮރުގައި, އަނިޔާ ލިބުނު މީހާގެ ބޮލަށް ދިން ހަމަލާގައި ބޮލުގެ ނާށިގަނޑު ވެސް ފެންނަން ހުރި ކަމަށާއި އަދި މޫނު މައްޗަށް ބޮޑެތި ޒަހަމްތަކެއް ވެސް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ މީހާގެ ނޭފަތުގެ އެއްފަޅި ނެތް ކަމަށާއި އަނގަމައްޗާއި މޫނުގެ އެކި ތަންތަން ޒަހަމްވެފައި ހުރި ކަމަށް ކިޔައިދިނެވެ.
އޭގެ އިތުރުން ކަންފަތް ކައިރިއާއި ބަނޑާއި ބުރަކަށި އަދި އަތުގެ އެކި ތަންތަނުގައި ވެސް ފުން ޒަހަމްތަކެއް ހުރި ކަމަށް އޭނާ ބުންޏެވެ.
މި މާރާމާރީތަކާއި ގުޅިގެން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މިއަދު ފަހުން ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރު ކުރި އެ ދެ މީހުންނަކީ ފަތިހު ހިންގި މާރާމާރީއާ ގުޅުންހުރި ބައެއް ކަމަށް ވެސް ބުނެފައިވެއެވެ.
ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވުމަށްފަހު, ރާއްޖޭގައި އަދި ވަކީން ޚާއްސަކޮށް މާލޭ ސަރަހައްދުގައި ގޭންގު މާރާމާރީތައް ވަނީ އިންތިހާއަށް އިތުރު ވެފައެވެ. އެގޮތުން ގޭންގުތައް އިންތިހާއަށް ބާރުވެރި ވެފައިވާއިރު, މުއިއްޒު ވަނީ ސިޔާސީ އިސް މަގާމްތައްވެސް މާލޭގެ ބޮޑެތި ގޭންގު ސްޓާރުންނަށް ދީފައެވެ.
އަދި ޕީއެންސީގެ ޓިކެޓުގައި ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައިވެސް ގޭންގުތަކުގެ ވެރިންނާއި ގޭންގުތަކުން ތާއީދުކުރާ ފަރާތްތަކުން ދަނީ ވާދަކުރަމުންނެވެ.