ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމުގެ ނަމުގައި ޗައިނާގެ ޖާސޫސީ މިލިޓަރީ އިތުރު މަނަވަރެއް ރާއްޖޭގެ ސަރަހައްދަށް ދަނީ ދަތުރު ކުރުމުންނެވެ. މިއީ ޒިޔާންގ ޔަންގ ހޮންގ 1 އެވެ. މީގެ ކުރިން ރާއްޖެ އައިސް ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުގެ ބޯޑަރު މަތިން، ކަނޑުގެ އަޑިއަށް އެތަކެއް ޑްރޯންތައް ފޮނުވައިގެން ރާއްޖޭގެ ކަނޑުގެ މަތާން ސްކޭން ކުރަމުން ދިޔައީ ޒިޔާންގ ޔަންގ ހޮންގ 3 އާއި، ލަން ހައި 101 އެވެ. ލަން ހައި 101 ރާއްޖޭގެ އީއީ ޒެޑް މަތީ ދުކުނުން އެތައް ހާސް ކިލޯ މީޓަރެއްގެ ސަރަހައްދު ސްކޭން ކޮށް، ރާއްޖޭޣެ ސަރަހައްދުގެ އެތެރެއަށް ޑްރޯން ފޮނުވައި ކަނޑުގެ އަޑި ސްކޭން ކުރުމަށް ފަހު، އެ މައުލޫމާތު ހިފައިގެން ޗައިނާއަށް މިސްރާބު ޖަހާފައި ވާއިރު، ޒިޔާންގ ޔަންގ ހޮންގ 1 ދަތުރު ކުރަމުން ދަނީ ބޭ އޮފް ބެންގަލޯރ އިން ރާއްޖެ އާއި ދިމާލަށެވެ.
މުއިއްޒު ދަނީ ރާއްޖެ ޗައިނާގެ އަޅުވެތި ކަމުގެ ދަށަށް ގެން ދިއުމަށް އެތައް މިލިއަން ފައިސާއެއް ނަންގަވައިގެން މަސައްކަތް ކުރަމުންނެވެ. މުއިއްޒުގެ އަނިޔާވެރި ވެރިކަން ފެށުމާއި އެކު، މި ސަރަހައްދުގެ ސުޕަރ ޕަވަރ އެއް ކަމުގައި ވާ، އިންޑިޔާގެ އަސްކަނި ދޮށަށް ޗައިނާގެ ޖާސޫސީ ހަނގުރާމަ މަތީ މަނަވަރު ގެނެސް މި ސަރަހައްދު ސްކޭން ކުރުމަށް ރާއްޖެއިން އެހީ ވެދިން ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން ޗައިނާއާއި މާ ދުރުގައި އޮތް، އިންޑިޔާ ކަނޑުގެ ސަރަހައްދަށް ޗައިނާގެ ބާރުތައް ގަދަވެ، ސަރަހައްދީ ބޮޑު ހަމަނުޖެހުމެއްގެ ތެރެއަށް މި ސަރަހައްދު ވެއްޓިގެން ދިޔުމުގެ ފުރުޞަތު ބޮޑެވެ.
މުއިއްޒުގެ ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ އަނިޔާވެރި ސިޔާސަތުގެ ތެރެއިން، ރާއްޖޭގެ މިނިވަންކަން ދިފާޢު ކުރުމުގެ ނަމުގައި ޗައިނާގެ މަނަވަރުތައް ގެނެސް އަބަދުވެސް ރާއްޖޭގެ ސަރަހައްދުގައި މިފަދައިން ހަރަކާތްތެރިވެ، ދިވެހިންގެ ކަނޑުތައް ސްކޭން ކޮށް އެ މައުލޫމާތު ޗައިނާއިން އިން މިލިޓަރީ ބޭނުމަށް ބޭނުން ކޮށް، ހަދަމުން ދަނީ ދިވެހިންގެ އެއްވެސް ރުހުމެއް އޮވެގެން ނޫނެވެ.