މިއަދު މުޅި ދުނިޔޭގައި ތިބި އެންމެގާ މުސްލިމުން ރޯދަ ހިފަމުން ދާއިރު، ޗައިނާގައި ތިބި މުސްލިމް އަހުންނާއި އުހުތުން ތިބީ ރޯދައިގެ އަޅުކަމުން މަހުރޫމް ކޮށްފައެވެ. ރޯދަހިފުން މަނާ ކޮށް ރޯދަ ހިފާ މުސްލިމުންނަށް ދެމުންދާ އަނިޔާ ތަކަކީ ބަޔަކަށް ވަޒަން ކުރެވޭ ވަރަށްވުރެ، ނުބައި އަނިޔާތަކެކެވެ. މުސްލިމުންގެ ދީނީ އަގީދާއާއި ދެކޮޅަށް ޗައިނާގައި ކޮންމެ ރަމަޟާން މަހެއްގައި އެގައުމުގެ ސަރުކާރުން ދަނީ މުސްލިމުން އެ ޤައުމުން ނައްތާލުމަށް މަސައްކަތްތައް ކުރަމުންނެވެ.
ޝިންޖިއާންގެ ހުޅަނގު އުތުރު ސަރަޙައްދުގައި ދިރިއުޅޭ އުއިގޫރު ދަރިކޮޅުގެ މީހުންނާއި އެމީހުންގެ ދަރީން ލައްވައި ރޯދަ ނުހިފުމަށް ޗައިނާ ސަރުކާރުން ވަނީ އަންގާފައެވެ. އަދި ކުޑަ ކުދިން ގެނެސް ބިރު ގަންނަވައި، އަނިޔާކޮށް، މައިންބަފައިން ރޯދަހިފާތޯ ނުވަތަ ނޫންތޯ ޗައިނާގެ ފުލުހުން ސުވާލު ކުރަމުންދާ ކަމަށް އެޤައުމުގެ އޮފިޝަލުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނެއެވެ.
ވޯލްޑް އުއިގޫރު ކޮންގްރެސްގެ ތަރުޖަމާނު ދިލްޝާތު ވިދާޅުވި ގޮތުގައި، ރަމަޟާން މަހު ކަމާބެހޭ ފަރާތްތަކުން ޝިންޖިއާންގެ 1،811 މުސްލިމް އަވަށެއް، 24 ގަޑިއިރު ހުއްޓުމެއް ނެތި ދަނީ ރޯދަ ހިފާތޯ ބަލަމުން ކަމަށާއި، މި ގޮތުން ހާރުކާ ގަޑިތަކުގައި ތެދުވޭތޯ ބެލުމާއި، އިރު އޮއްސޭ އިރު، ރޯދަ ވީއްލާތޯ ބެލުމާއި، ގޭގެއަށް ހަތިޔާރާއި އެކު ވަދެ، އުއިގޫރު އާއިލާތަކާއި ސުވާލުކޮށް ހޯމް އިންސްޕެކްޝަން 24 ގަޑި އިރު ހަދަމުން ދާކަމަށެވެ. އަދި މިހެން ވަންނަ އިރު، ގަދަކަމުން އޫރު މަސް ކާން ދިނުމާއި، ކާ އެއްޗެއްހި ގޭގައި ކައްކާފައި ނެތް ނަމަ، އަދި މެންދުރު ގަޑީގައި ކައި ނަހަދާ ނަމަ، އަނިޔާ ކޮށް މުސްލިމުން ޖަލަށް ގެންގޮސް، އެތައް މިލިއަން ބަޔަކަށް ކެނޑިނޭޅި އަނިޔާ ދެމުން ދާ ކަމަށެވެ.
އަދި ޗައިނާގެ 11.4 މިލިއަން ހުއި މުސްލިމުންނަކީ އެތައް ސަތޭކަ އަހަރެއް ވަންދެން އިސްލާމުންގެ ގޮތުގައި ތިބި ބަޔެކެވެ. ކޮމިއުނިސްޓް ޕާޓީގެ ހަރުކަށި ދީނީ އުސޫލުތަކުގެ ދަށުން މި އިސްލާމީ ދަރިފަސްކޮޅު މުޅިން ދުނިޔެއިން ފޮހެލުމުގެ ބިރު އެބައޮތް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ދަނީ ހާމަ ކުރަމުންނެވެ.
މުސްލިމުންނަކީ ގަދަ ބާރު ބޭނުން ކޮށްގެން ނައްތާލަން ޖެހޭ ބައެއް ކަމަށް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއިން ދެކެއެވެ.
ދުނިޔޭގައި މުސްލިމުންނަށް ރަމްޟާން މަހުގެ ތަހުނިޔާ ކިޔުމުގެ ބަދަލުގައި، މުސްލިމުންނަށް ރޯދަ ހިފުން މަނާކޮށް އަނިޔާވެރިކަން ދުނިޔޭގައި މިއިން ޒަމާނަކު މުސްލިމުންނާއި މެދު އުފެދިފައި ނެތް ވަރަށް، ޗައިނާ ސަރުކާރުން އުފައްދައި، މުސްލިމުންނަށް އަނިޔާ ކުރަމުން ދަނީ ޗައިނާއިންނެވެ. މުސްލިމުންނާއި ދެކޮޅު ޗައިނާއާއި މާ ގާތް ގުޅުމެއް ބާއްވައި މުޅި ރާއްޖޭގެ ކަނޑު އަޑި އެމީހުންނަށް ސްކޭން ކުރުމަށް ފުރުޞަތު ދީ، ރާއްޖެއަށް މުސްލިމުންނަށް އަނިޔާވެރިވާ ކޮމިއުނިސްޓް ޕާޓީގެ ވެރިން ގެނެސްގެންއުޅެނީ މުއިއްޒެވެ. އެންމެ ފަހަރަކުވެސް، އަޅުގަނޑުމެންގެ މުސްލިމް އަހުންނަށް އަނިޔާވެރި ނުވުމަށް މުއިއްޒު ޗައިނާގެ ކިބައިން އެދިފައި ނުވެއެވެ.