ރާއްޖޭގެ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވުމަށްފަހު, ޚާއްސަ ސަމާލުކަމެއް ދީގެން ހުރިހާ މުނާސަބަތެއްގައިވެސް ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ރައީސް މުއިއްޒު ތަހުނިޔާ ފޮނުއްވަމުން ގެންދެވި ނަމަވެސް, މިއަހަރުގެ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހު, އެމަނިކުފާނާ ގުޅުންހުރި މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް, ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުއްވާފައި ނުވާއިރު, ރައީސް އޮފީހާއި ގުޅުންހުރި ސޯޝަލް މީޑިއާގެ ވަސީލަތަކުންވެސް އަންހެނުންގެ ދުވަސް ފާހަގަ ކޮށްފައި ނުވާކަން ހާމަ ވެއްޖެއެވެ.
އެގޮތުން މިމަހުގެ 8 ވަނަ ދުވަހު ފާހަގަ ކުރެވުނު "ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް" ފާހަގަ ކުރުމުގެ ގޮތުން ރައީސް އޮފީހުގެ ރަސްމީ އެކްސް ހޭންޑްލްއިންވެސް އަދި ރައީސް އޮފީހުގެ ވެބްސައިޓުގައިެވސް އެއްވެސް ޕޯސްޓެއް ޝާއިއުކޮށްފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.
މިއަހަރުގެ މާރޗްމަހުގެ 8 ވަނަ ދުވަހު ފާހަގަ ކުރެވުނު އަންހެނުންގެ ދުވަސް ވެގެން ދިޔައީ މުއިއްޒު ރައީސްކަމާއި ހަވާލުވުމަށްފަހު އައި ފުރަމަ "އަންހެނުންގެ ދުވަސް" ކަމުގައެވެ. މިދުވަހުގެ މުނާސަބަތުގައި މުއިއްޒުގެ އަމިއްލަފުޅު އެކްސް ހޭންޑްލްއިންވެސް ދުވަހުގެ ބުނާސަބަތުގައި އެއްވެސް ޕޯސްޓެއް ކޮށްފައި ނުވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
"ދިޔަވަރު އޮންލައިން" މައުލުމާތު ލިބިފައިވާ ގޮތުގައި ރައީސް އޮފީހުގެ އެކްސް ހޭންޑްލްއިންވެސް އަދި ރައީސް އޮފީހާއި ގުޅުންހުރި ވަސީލަތްތަކުންވެސް އަންހެނުންގެ ދުވަސް ފާހަގަ ކޮށްފައި ނުވަނީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މެސެޖް ކޮށް ނުހެދުމަށް ސީދާ ރައީސް މުއިއްޒު އަންގަވައިގެންނެވެ.
ކޮންމެ އަހަރެއްގެ ވެސް މާޗް މަހުގެ 8 ވަނަ ދުވަހަކީ ބައިނަލް އަގުވާމީ އަންހުނުނގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންހެނުން ހޯދާ އިޖުތިމާއީ، އިގްތިސާދީ، ސަގާފީ އަދި ސިޔާސީ ކާމިޔާބީތައް ފާހަގަކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. އަދި ޖިންސުގެ ހަމަހަމަކަން، އަނގައިދިނުމާއި އެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އެޅިދާނެ ފިޔަވަޅު އެޅުމަށް ގޮވާލުމުގެ މައްޗަށް ވެސް މި ދުވަސް އަލިއަޅުވާލާއިފައި ވެއެވެ.
ހުރިހާ މުޖުތަމައެއްގައިވެސް އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އަޑުއުފުލާ ދުވަހެއްގެ ގޮތުގައި މި ދުވަސް ފާހަގަކޮށް, ސަރުކާރުތަކުގެ އިސްވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން މިދުވަހު ތަފާތު މެސެޖްތައް ދެއްވައެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހުވަނީ އެކްސް މެދުވެރިކޮށް ދުވަހުގެ ތަހުނިޔާ ފޮނުއްވާ, އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
ރައީސް މުއިއްޒު ފާހަގަވެގެން ދިޔައީ ރާއްޖޭގެ މުޅި ތާރީޚުގައިވެސް, އަމިއްލަފުޅު ކެބިނެޓްގައި އެންމެ މަދުން އަންހެން ބޭފުޅުން ހިމެނުއްވި ވަޒީރު ކަމުގައެވެ. އެގޮތުން މުއިއްޒުގެ ކެބިނެޓުގައި 22 ވަޒީރުން ހިމެނޭއިރު, ވަޒީރުކަން ދެއްވީ އެންމެ 3 އަންހެން ބޭފުޅުންނަށެވެ. އަދި އެ 3 ބޭފުޅުންނަށް ދެއްވާފައިވަނީވެސް އެންމެ އާދައިގެން މިނިސްޓްރީތައްކަން ފާހަގަ ކޮށްލެވެއެވެ.
އެނގިފައިވާ ގޮތުގައި ރައީސް މުއިއްޒުއަކީ އަންހެން ކަނބަލުން ދައުލަތުގެ އެންމެ މަތީ މަގާމްތައް ފުރުއްވައިގެން ނުވާނެކަމަށް ގަބޫލުކުރައްވާ ބޭފުޅެކެވެ. އެ ފަލްސަފާއަކީ, އަފްއާނިސްތާންފަދަ ގައުމުތަކުގައި ގެންގުޅޭ, ދީނީ ގޮތުން ހައްދުފަހައެޅި ފަލްސަފާއެއްކަން ފާހަގަ ކޮށްލެވެއެވެ.