ޚަބަރު

މިފްކޯގައި ހިންގަމުންދާ ހުރިހާ ކޮރަޕްޝަނެއްގެ އަޑީގައި ސަމާހުއާއި މުއާޒް އަލީ, ދެމީހުންނަކީވެސް ކޮރަޕްޝަންގެ މައްސަލަތައް މިހާރުވެސް އޭސީސީގައި ތިބި ދެމީހުން!

ދިޔަވަރު
މިފްކޯގައި ހިންގަމުންދާ ހުރިހާ ކޮރަޕްޝަނެއްގެ އަޑީގައި ސަމާހުއާއި މުއާޒް އަލީ, ދެމީހުންނަކީވެސް ކޮރަޕްޝަންގެ މައްސަލަތައް މިހާރުވެސް އޭސީސީގައި ތިބި ދެމީހުން!

‏މިފްކޯގަ ހިންގަމުންދާ ހުރިހާ ކޮރަޕްޝަނެއްގެ އެންމެ އަޑީގައި އެކުންފުނީގެ ސީއީއޯ ސަމާހު ރަޝީދާއެކު ހުރި އަނެއް ފަރާތަކީ ދާދިފަހުން މިފްކޯއިން ވަޒީފާ ދީފައިވާ މުއާޒު އަލީ ކަމަށް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި, މިފްކޯގެ ސީއިއޯ ސަމާހު ރަޝީދު އަދި މުއާޒު އަލީ އަކީވެސް މުއިއްޒު އާއިއެކު އެސްއީސީގައި އެއްބެޗެއްގައި ކިޔެވި ދެމީހުންނެވެ.
‏ސަމާހު ރަޝީދަކީ ކުރީގެ މާލެސިޓީގެ ޑެޕިޔުޓީ މޭޔަރުކަން ކުރި ފަރާތެކެވެ. އޭރު އޭނާއަކީ އެމްޑީޕީގެ މެމްބަރެކެވެ. މިހާރުވެސް އޭސީސީ ގައި އޭނާ ސިޓީ ކައުންސިލްގައި މަސައްކަތް ކުރިއިރުގެ ހަތަރު މައްސަލަ އެބައޮތެވެ.

ސިޓީ ކައުންސިލްގެ ދައުރު ހަމަވުމަށްފަހު ފިލައިގެން އޭނާ ސްރީލަންކާގައި ދުވަސްތަކެއް ވަންދެން ދިރި އުޅުނެވެ. އެއަށްފަހު, މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމަށް ވަޑައިގެންނެވުމާއެކު, ކޮރަޕްޝަންގެ 'ކަލެކްޝަން މޭން' ގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ ސަމާހު ރަޝީދެވެ. މާލޭގެ ބިންތަކާއި އަދި ޕާކިން ލޮޓުތަކުން ފައިސާ ނަގައިގެން މުއިއްޒު އަތަށް ގެންގޮސްދޭ މީހަކީ މުއިއްޒުގެ މޭޔަރުކަމުގައި ސަމާހުއެވެ

ސަމާހުއަކީ މުއިއްޒު ވަރަށް އިތުބާރުކޮށްގެން ގެންގުޅޭ ވަގެއް. ބޭރުކޮށްލަން އުނދަގޫ ވާނެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދެމުން ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

"ދިޔަވަރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި, މިފްކޯގައި ކުރާ ބޮޑެތި ހުރިހާ ވައްކަމެއްގައި ސަމާހުއާއެކު މިހާރު އެންމެ އިސްކޮށް ހަރަކާތްތެރިވަނީ ދާދިދަހުން އެކުންފުނިން ޖެނެރަލް މެނޭޖަރ (ޕްރޮޖެކްޓް)ގެ ވަޒީފާ ދިން އަލީ މުއާޒްއެވެ.

މުއާޒު ކުރިން ވަޒީފާ އަދާކުރީ ކަސްޓަމްސްގައެވެ. ކަސްޓަމްސްއިން އޭނާ ކަނޑާލީ ވަގަށް ސިގިރޭޓު ކޮންޓޭނަރެއް ބޭރުކޮށްލި މައްސަލާގައި ރިޝްވަތު ނަގައިގެން ރެޑްހޭންޑްކޮށް އޭނާ "ބަސްޓު" ވެގެންނެވެ. އޭނާގެ އެމައްސަލަ އަދިވެސް އޭސީސީން ނުނިމި އެބައޮތެވެ. ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތުގައި ކަސްޓަމްސްއިން އޭނާ ވަކިކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ.

2023 ވަނަ އަހަރުގެ މުއިއްޒުގެ ރިޔާސީ ކެމްޕޭނުގައި "މާމޮޅު"ވަރުގަދަ ސްޓްރެޓެޖިސްޓަކަށް" ވެގެން އޭނާވަނީ މަސައްކަތް ކޮށްފައެވެ. އެއާއެކު ރިޔާސީ އިންތިޚާބު ނިމުމަށްފަހު އޭނާ ބޭނުންވީ ޓްރޭޑްނެޓް ކުންފުނީގެ އެމްޑީކަންމެވެ. އެ މަގާމު ނުލިބިގެން އެތައް ބަޔަކަށް ގުޅައިގެން ރޮއި އާދޭސްކުރިކަމަށް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދީފައި ވެއެވެ.

އެހެންނަމަވެސް މުއިއްޒުއަށް އޭނާ ގޮތް އެނގޭތީ އެވަރުގެ މަގާމެއް ދޭން ބޭނުންނުވީކަމަށް މައުލޫމާތުދިން ފަރާތުން ކިޔައިދީފައި ވެއެވެ. ބޭނުންވާ ވަޒީފާ ނުލިބުމުން އޭނާވަނީ ޔާމީނުގެ ޕީއެންއެފްގައި ދުވަސްކޮޅަކު އުޅެފައެވެ. އޭރު މަލީހު ޖަމާލު ގާތުގައި, ޕީއެންއެފް ޕާޓީ އުފައްދަން އުޅުނު ފުރަތަމަ ހަފްތާ ތެރޭގައި އެ މަސައްކަތުގައި އޭނާ އުޅެފައި ވެއެވެ.

"ދިޔަވަރު އޮންލައިން"އަށް އެނގިފައިވާ ގޮތުގައި, ސަމާހުއަކީ މުއާޒުގެ ގާތް ރައްޓެއްސަކަށްވާތީ މުއާޒް އަލީ އާދޭސް ކޮށްގެން, ސަމާހު އޭނާއަށް މިފްކޯއިން ވަޒީފާ ހަމަޖައްސާ ދިނީއެވެ. މިހާރު މިފްކޯގައި ކުރާ ހުރިހާ "ވައްކަމެއްގެ" އަޑީގައި ތިބި ދެމީހުންނަކީ މި ދެމީހުންނެވެ.

"ދިޔަވަރު އޮންލައިން"އަށް ކަށަވަރު ވެފައިވާ ގޮތުގައި މި ދެމީހުން ގުޅިގެން ތައިލެންޑުގައި ވިޔަފާރި މިހާރުވެސް ފަށާފައެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯ ސިޔާސީ ގޮތުން ބޭނުންކޮށް, ހެޑް އޮފީހަށް އާއިލީ މީހުން ވައްދާ, ވަޒީފާ ދިނުމާއި, ވަޒީފާއިން މީހުން ވަކި ކުރުމުގައި ހަމައެއް ލަމައެއްނެތި އަމަލުކުރަމުންދާ ކަމުގައި ބޮޑެތި ތުހުމަތުތަކާއެކު, ކުންފުނީގެ ހިންގުމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް އިސްލާހުކުރުމަށް އަންގާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިފްކޯގެ އެމްޑީ ސަމާހުއަށް އިންޒާރުވެސް ދީފައި ވެއެވެ.

އެހެންނަމަވެސް އޭނާއާމެދު މުއިއްޒު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.