ޚަބަރު

މިސްރު މަގުން ގާޒާއަށް އެހީގެ އުޅަނދުތައް ވަންނަން ފަށައިފި

ދިޔަވަރު
މިސްރު މަގުން ގާޒާއަށް އެހީގެ އުޅަނދުތައް ވަންނަން ފަށައިފި
އިޒްރޭލުން ހިންގަމުންދާ ގަތުލުއާމުގައި ހިސާރުކޮށްފައިވާ ގާޒާއަށް އިންސާނީ އެހީ ހިފައިގެން ދާ އުޅަނދުތައް މިސްރު މަގުން ގާޒާއަށް ވަންނަން ފަށައިފި އެވެ. ގާޒާ އާއި މިސްރާ ދެމެދު އޮންނަ ރަފާހު ބޯޑަރު ހުރަސްކޮށް މިހާރު 20 އުޅަނދު ގާޒާއަށް ދަތުރުކުރަމުންދާ ކަމަށް ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުގެ މީޑިއާ އޮފިޝަލު ވަނީ ބުނެފަ އެވެ. މި މަހުގެ ހަތްވަނަ ދުވަހު ފެށި ހަމަލާތަކަށްފަހު އިޒްރޭލުން ގާޒާއިން ފެނާއި ކަރަންޓު ކަނޑާލާ އެހީ ލިބޭނެ މަގުތައް ބަންދުކުރި އިރު، ގާޒާގައި ދިރިއުޅޭ 2.3 މިލިއަން މީހުން މިހާރު ތިބީ އިންސާނީ ކާރިސާއެއްގެ ތުންފަތްމަތީގަ އެވެ. "ގާޒާއަށް ދަތުރުކުރަމުންދާ 20 އުޅަނދުގައި ބޭހާއި، ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި، ދަޅުގައި ބަންދުކޮށްފައިވާ ކާނާ ހިމެނޭ," ހަމާސްގެ އޮފިޝަލު އިތުރަށް ބުނީ ކުރިއަށް އޮތް ތަނުގައި ފެނާއި ތެޔޮ ލިބޭނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ. ގިނަ ހިސާބުތަކުން މުޅިންހެން ކަރަންޓާއި ފެން ކެނޑިފައިވާއިރު ހޮސްޕިޓަލުތަކުގެ ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮވެސް ވަނީ ހުސްވެފަ އެވެ. ރަފަހު ބޯޑަރު ހުޅުވީ ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާތައް ހުއްޓާލުމަށް އދ. އަށް ހުށަހެޅި ދެ ގަރާރެއް އެމެރިކާއިން ވީޓޯކޮށްފައި ވަނިކޮށެވެ. ރަފަހު ބޯޑަރުގައި ގިނަ އަދަދެއްގެ އެހީގެ އުޅަނދުތައް އޮތް ނަމަވެސް، އިޒްރޭލުން މީގެ ކުރިން ވަނީ ގާޒާއަށް ވަނުމަށް ބޯޑަރު ހުރަސްކޮށްފިނަމަ ހަމަލާދޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. ހަމާސްއިން ވަނީ މި މަހުގެ ހަތްވަނަ ދުވަހު އިޒްރޭލަށް ދިން ހަމަލާތަކުގައި ރަހީނުކުރި އެމެރިކާގެ ދެ ރައްޔިތަކު ރޭ މިނިވަންކޮށްފަ އެވެ. ނަމަވެސް، ރަފާހު ބޯޑަރު ހުޅުވުމާ އެކަމާ ގުޅުމެއް ވާކަމެއް ނުވަތަ އިތުރު ރަހީނުން އަދި ގާޒާގައި ތިބި އެމެރިކާގެ ރައްޔިތުން މިސްރު މަގުން ގައުމަށް ދެވޭނެ ގޮތް ހެދުމާ ގުޅުމެއް އޮތް ކަމެއް އަދި އެނގިފައެއް ނެތެވެ. އިޒްރޭލާއި ހަމާސްގެ ކުރިމަތިލުންތައް ސުލްހަކުރުމަށް މިސްރުގެ ގާހިރާގައި މިއަދު ސުލްހައިގެ މަހާސިންތާއެއް ފަށަން ވަނީ ނިންމާފަ އެވެ. މި މަހާސިންތާގައި އިޒްރޭލާ އެމެރިކާއިން ބައިވެރި ނުވި ނަމަވެސް އަރަބި ގިނަ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމްއިއްޔާތައް އަދި ބާރުގަދަ ގިނަ ގައުމުތަކުން ބައިވެރިވާނެ އެވެ. އިޒްރޭލުން ގާޒާއަށް މިހާރު ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4،000 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވީ އިސްރާއީލުން ގާޒާއަށް ދިން ހަމަލާތަކުގައި މިހާތަނަށް 4،137 މީހުން ވަނީ ޝަހީދުވެފައި ކަމަށެވެ. އޭގެ ތެރޭގައި 1،661 ކުޑަކުދިން ހިމެނެ އެެވެ. އޭނާ ހާމަކުރެއްވި ގޮތުގައި ހަމަލާތަކުގައި ގެއްލިގެން ހޯދަމުންދާ މީހުންނާ ގުޅޭ ގޮތުން އޮފިޝަލުންނަށް 1،400 އިންކުއަރީ ލިބިފައިވާއިރު އޭގެ ތެރޭގައި 720 ކުޑަކުދިން ހިމެނެ އެވެ. އަދި ޒަހަމްވެގެން 13،260 މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.