މަސްވެރިންނަށް ފައިސާ ދީފައިވަނީ، ރައީސް ސޯލިހްގެ ސަރުކާރުން ފަށާފައިވާ އަދި އެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބަޖެޓް ކޮށްފައި ހުރި ގިނަ ޕްރޮޖެކްޓްތަކެއް ހުއްޓާލުމަށް ފަހު، އެ ކޮންޓްރަކްޓަރުންނަށް ދޭން ހުރި ފައިސާއިން ކަން ދިޔަވަރު ނޫހަށް ފިނޭންސް މިނިސްޓްރީގެ އިސް ފަރާތަކުން ހާމަ ކޮށްފިއެވެ. މިކަމުގެ ސަބަބުން ކޮންޓްރަކްޓަރުން ހިމެނޭހެން، އެތައް ވިޔަފާރި އެއް ދަނީ އިނދަ ޖެހެމުންނެވެ.
ބަޖެޓުގައި ޕްރޮޖެކްޓްތައް ހިންގުމަށް ބަޖެޓް ކޮށްފައި ހުރި ފައިސާ ތަކުން، ޕްރޮޖެކްޓްތައް ނުފަށައި، އަދި ހިނގަމުންދާ ޕްރޮޖެކްޓްތައް ހުއްޓާލައިގެން ސަރުކާރުން ދަނީ އެފައިސާ ސިޔާސީ ބޮޑެތި މަޤާމުތަކުގައި ތިބި ފަރާތްތަކަށް މުސާރަ ދެމުންނެވެ. އަދި އެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ހުއްޓާލުމުން، ބާކީވި ބައެއް ފައިސާ ވަނީ މަސްވެރިންނަށް ސަރުކާރުން ދަރާފައިވާ ފައިސާގެ ގޮތުގައި ފައިސާ ދީފައެވެ.
މިކަމުގެ ސަބަބުން ރާއްޖޭގައި 3 ވަނަ އަށް އެންމެ ބޮޑު ކޮންސްޓްރަކްޝަން އިންޑަސްޓްރީ މިވަގުތު އޮތީ ނާޒުކު ފައްތަރެއްގައެވެ. އަދި އެ ކުންފުނިތަކުގައި ތިބި އެތައް މުއައްޒަފުންނަކަށް މި ރަމަޟާން މަހު ވަނީ އެމީހުންނަށް ހައްޤުވާ މުސާރަ ދިނުމަށް ގިނަ ކުންފުނިތަކަށް ނުކުޅެދިފައެވެ.
މީގެ އިތުރުން ކޮންސްޓްރަކްޝަން ސާމާނާއި، އެއާއި ގުޅުން ހުރި ކޮންސްޓްރަކްޝަންގެ އެކި އެކި ތަކެތި ވިއްކާ ފަރާތްތަކަށް ވަނީ ވަރަށް ބޮޑު ދައްޗަކާއި މިކަމާއި ގުޅިގެން ކުރިމަތިލާން ޖެހިފައެވެ.
ރާއްޖޭގެ ކޮންމެ ރަށަކަށް ބަލާލިއަސް ގިނަ ޕްރޮޖެކްޓްތަކެއް މިވަގުތު ވަނީ ހުއްޓިފައެވެ. ނަމަވެސް މުއިއްޒު ދަނީ ޕްރޮޖެކްޓްތައް ހިންގާނެ ކަމަށް ބުނެ ތަފާތު ގިނަ ދޮގުތަކެއް ރައްޔިތުންނަށް ހަދަމުންނެވެ.
މުއިއްޒު ފެށި ފުށި ދިއްގަރުފަޅުގެ ޕްރޮޖެކްޓް ހުއްޓިފައި އޮންނަތާވެސް މިހާރު ދެހަފްތާ ވެއްޖެއެވެ.