ޚަބަރު

އެމްޓީސީސީގެ މަހާ ޖައްރާފު އޮޕަރޭޝަނަށް ގެނައީ މިސަރުކާރުންކަމަށް ބުނެ ހެދީ ދޮގު, ވެރިކަން ބަދަލުވިއިރު, ރާއްޖެއިން ބޭރުގެ ޑޮކެއްގައި މަރާމާތުކޮށް, މަހާޖައްރާފް އޮތީ "ފުލް އޮޕަރޭޝަނަށް" ގެނެވިފަ!

ދިޔަވަރު
އެމްޓީސީސީގެ މަހާ ޖައްރާފު އޮޕަރޭޝަނަށް ގެނައީ މިސަރުކާރުންކަމަށް ބުނެ ހެދީ ދޮގު, ވެރިކަން ބަދަލުވިއިރު, ރާއްޖެއިން ބޭރުގެ ޑޮކެއްގައި މަރާމާތުކޮށް, މަހާޖައްރާފް އޮތީ "ފުލް އޮޕަރޭޝަނަށް" ގެނެވިފަ!

އެމްޓީސީސީއަށް އެންމެ ބޮޑު އާމްދަނީއެއް ހޯދާދޭ މަހާ ޖައްރާފް އޮޕަރޭޝަނަށް ގެނައީ މިސަރުކާރުން ކަމަށް ބުނެ އެމްޓީސީސީ އޮޅުވާލާ, ދޮގު ހަދާފައިވާކަން ހާމަ ވެއްޖެއެވެ.

މި މާރިޗްމަހުގެ 10 ވަނަ ދުވަހު އެމްޓީސީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެކުންފުނީގެ މަހާ ޖައްރާފު މަރާމާތުކޮށް ނިންމާ ޖެނުއަރީ 16 ވަނަ ދުވަހު އޮޕަރޭޝަނަށް ގެނެވިފައިވާކަމަށެވެ.

އެ ނޫސް ބަޔާނުގައި ބުނެފައިވަނީ 2022 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން 20 މަސް ދުވަހަށް މަހާ ޖައްރާފް ގްރައުންޑް ވި ކަމަށާއި, އަދި މީގެ ސަބަބުން އެ ކުންފުނީގެ ބިން ހިއްކުމުގެ ޤާބިލިއްޔަތުކަމަށް ބޮޑުތަނުން އަސަރު ކޮށްފައިވާ ކަމަށެވެ.

އެހެންނަމަވެސް ދިޔަވަރު އޮންލައިނަށް މައުލޫމާތުދިން އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ, މަހާޖައްރާފް އޮޕަރޭޝަނަށް ގެނައުމާއި ގުޅޭގޮތުން އެ ކުންފުނީގެ މިހާރުގެ މެނޭޖްމަންޓުން ހަދާފައިވަނީ ދޮގު ކަމަށާއި, ރައީސް ސާލިހުގެ ސަރުކާރުން މަހާ ޖައްރާފް ރާއްޖެއިން ބޭރުގައި ޑޮކްގައި މަރާމާތު ކުރުމަށް ފޮނުވާފައިވާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.

އަދި މި ސަރުކާރު ވެރިކަމަށް އައިސް މިހާރުގެ މެނޭޖްމަންޓުން އެމްޓީސީސީއާއި ހަވާލުވިއިރު, މަހާ ޖައްރާފު އޮތީ ރާއްޖެއިން ބޭރުގެ ޑޮކުގައި މަރާމާތުކޮށްގެން ރާއްޖެ ގެނެސްފައި ކަަމަށާއި, މަހާ ޖައްރާފަށް ކުރިމަތިވި އެހެން ކުޑަ މައްސަލައެއް އޭގެ ފަހުން ހައްލުކޮށްފައިވާކަމަށް އޮފިޝަލް ވިދާޅުވިއެވެ. އަދި ފަހުން ކުރިމަތިވި މައްސަލަ ކުރިމަތިވީ, މިހާރުގެ މެނޭޖްމަންޓް އެމްޓީސީސީގެ ހިންގުމާއި ހަވާލުވިފަހުން ކަމުގައިވެސް އެމްޓީސީސީގެ އޮފިޝަލް ވިދާޅުވިއެވެ. އަދި އެމައްސަލަ ކުރިމަތިވީ އެއަށް ނުކަތާވަރަށް އޭގެ ބޭނުންކުރަން ހަދައިގެންކަމަށްވެސް "ދިޔަވަރު އޮންލައިން"އަށް މައުލޫމާތުދިން އެމްޓީސީސީގެ އޮފިޝަލް ވިދާޅުވިއެވެ.

އެއަށްފަހު މަހާ ޖައްރާފަށް ކުރިމަތިވި މައްސަލައާއި މުޅި މަހާޖައްރާފް އަލުން އޮޕަރޭޝަނަށް ގެނައުމާއި ތަފާތުކަމަށް ވިދާޅުވަމުން އޮފިޝަލް ވިދާޅުވީ, ރައިީސް ސާލިހުގެ ވެރިކަން ނިމި ވެރިކަން ބަދަލުވިއިރު, މަހާޖައްރާފް އޮތީ އަލުން މަރާމާތުކޮށް "ފުލް އޮޕަރޭޝަނަށް" ގެނެސްފައިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެހެންނަމަވެސް އެމްޓީސީސީގެ މިހާރުގެ މެނޭޖްމަންޓުން ދޮގު ހަދައިގެން އެމްޓީސީސީގެ އިސް ފަރާތްތަކުން އަމިއްލައަށް މަޝްހޫވާން މަހާ ޖައްރާފް ޕީއާރު ސްޓަންޓެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެމްޓީސީސީއަކީ މި ސަރުކާރުގެ އެސްއޯއީތަކުގެ ތެރެއިން ކޮރަޕްޝަން އެންމެ ބޮޑު އެއް ކުންފުންޏެވެ.

އެގޮތުން އެމްޓީސީސީގައި މަސައްކަތް ކުރަމުންދާ, އެކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޝަންސް އޮފިސަރ ހުސެއިން ނައުފަލް ނާސިރުއާއި, އޭނާ ދަށުން މަސައްކަތް ކުރަމުންދާ އިބުރާހިމް އަސްއަދު މަގާމުގެ ބޭނުން ކޮށްގެން އެކުންފުނިން ބޮޑެތި ވައްކަންތައް ކުރަމުންދާކަމުގެ މައުލޫމާތު ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައި ވެއެވެ.

”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތުދިން އެމްޓީސީސީގެ އިސް އޮފިޝަލަކު ވިދާޅުވީ އެކުންފުނީގެ ޑެޕިއުޓީ ޗީފް އޮޕަރޭޝަންސް އޮފިސަރ ނައުފަލްއަކީ, ރައީސް މުއިއްޒުގެ އަމިއްލަ ޑްރައިވަރުގެ ދަރިފުޅު ކަމުގައެވެ. އޮފިޝަލް ވިދާޅުވީ, އެމްޓީސީސީގެ ޔުނިޓް މެނޭޖަރެއްގެ މަގާމްގައި ހުރި ނައުފަލް އެކުންފުނީ ޑެޕިއުޓީ ޗީފް އޮޕަރޭޝަންސް އޮފިސަރގެ މަގާމަށް ހަމަޖައްސާފައިވަނީ ކުންފުނީގެ އުސޫލުތައްވެސް ބަދަލު ކޮށްގެން ކަމުގައެވެ. އެއީ އެމަގާމަށް އޭނާގެ ޝަރުތު ފުރިހަމަ ނުވުމުގެ ސަބަބުންނެވެ.

ނައުފަލްގެ އަމިއްލަ އެޕާޓްމަންޓުގެ ފަރުނީޗަރާއި އަދި އެނޫންތަކެތިވެސް ހަމަ ކޮށްފައިވަނީ އެމްޓީސީސީން އޭނާ ވަގަށް ނަގާފައިވާ ތަކެތިން ކަމުގައެވެ.

އެމްޓީސީސީގެ ލޯކަލް ޕްރޮޖެކްޓުތަކުންނާއި އަދި މެޓީރިއަލް ޕްރޮކިއުމަންޓްއިން ބޮޑެތި ކަޓުތައް ނަގާ, އެކުންފުނިން ނައުފަލް ކުރަމުންދާ ވައްކަންތަކުގައި އޭނާއަށް އެހީތެރިކަން ފޯރުކޮށްދެމުންދަނީ ނައުފަލްގެ ދަށުން މަސައްކަތް ކުރަމުންދާ އިބުރާހިމް އަސްއަދުކަަމަށްވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ކުންފުނީގެ އޮފިޝަލް ވިދާޅުވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި, އެމްޓީސީސީގައި ކުރަމުންދާ ބޮޑެތި ވައްކަންތަކުގެ ފަހަތުގައި, މުއިއްޒުގެ އަމިއްލަ ޑްރައިވަރުގެ ދަރިފުޅު ހުރުމާއި ގުޅިގެން, އެމްޑީސީސީގެ ސީއީއޯ އަބުދުالله ޒިޔާދުއަށް މިވައްކަންތަކާއި ގުޅޭގޮތުން އެއްވެސް ފިޔަވަޅެއް އަޅުއްވާކަށް ކެރިވަޑައެއް ނުގަންނަވައެވެ. އަދި އޭނާ ކުންފުނީގެ ސީއީއޯއެއްގެ ގޮތުގައި ހުންނެވީ އެއްވެސް އާރެއް ބާރެއް ނެތް މީހެއްގެ ގޮތުގައި ކަމަށްވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ރައީސް މުއިއްޒު ކުންފުނިތަކުގެ އިސް މަގާމްތަކަށް އައްޔަން ކުރަމުންދަނީ އެމަނިކުފާނާ ގާތްކަން އޮންނަ މީހުން އެކަންޏެވެ. އެއީ ސީދާ ރައީސް މުއިއްޒު އިސްވެ ހުންނަވާ ކުންފުނިތަކުން ވައްކަން ކުރުމުގެ މަގުސަދުގައި ގެންގުޅުއްވާ ސިޔާސަތެއްކަމުގައި މުއިއްޒު ގާތް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.