ޝިއުނާއާއި މަލްޝާ އިންޑިޔާގެ ބޮޑު ވަޒީރަށް އެއްޗެހި ގޮވައި، އިންޑިޔާއަށް ކުޑާމީސްކޮށް ހިންގި ސޯޝަލް މީޑިޔާ ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ އެންމެ ބޮޑު ފަތުވެރިކަމުގެ އިންޑަސްޓްރީއަށް ބިލިއަން ޑޮލަރުން ގެއްލުން ވާން ފަށައިފިއެވެ.
އިންޑިޔާގެ ބޮޑު ވަޒީރަށް މަލާމާތް ކޮށް، މުއިއްޒުގެ އެންމެ އަރިސް ދެ ޑެޕިއުޓީ މިނިސްޓަރުން ކުރި ޓްވީޓް ތަކާއި ގުޅިގެން އިންޑިޔާއިން އެދުނީ ރައީސް އޮފީހުން އެކަމަށް ރަސްމީކޮށް މާފަށް އެދުމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅެއް ނިންމަވައި މާލެ ވަޑައިގެން އެއަރޕޯޓްގައި މުއިއްޒު މާ މޮޅު ކަމަކަށް ވެގެން އަނގަ ފުޅާ ކޮށްފައި ވިދާޅުވީ "ވީ އާ ސްމޯލް، ބަޓް ޑޯންޓް ބްލީ އަސް" އެވެ.
މިކަމުގައިވެސް ރީތި ގޮތް އޮއްވައި މުއިއްޒު ގަސްތުކުރީ ޤައުމަށް ވުރެ ބޮޑަށް މުއިއްޒުގެ އީގޯއެވެ. އެހެން ކަމުން، ގިނަ ޤައުމުތަކުން މުއިއްޒުގެ ސަރުކާރާއި މެދު ދެކޭ ގޮތް އެއްކޮށް ބަދަލުވެގެން ދިޔައެވެ.
ކޮވިޑާއެކު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތައް ގޮތްހުސްވާ ހިސާބަށް ދިޔައިރު ނިސްބަތުން މި ކުޑަކުޑަ ރާއްޖެއަށް ކުރި އަސަރު ކުޑައެވެ. އެހެން އެކަން ދިމާވީ އިންޑިއާއިން ދިން އެތައް މިލިއަން ޑޮލަރެއްގެ ބަޖެޓް ސަޕޯޓާއި ކޮވިޑް ވެކްސިންތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. ރާއްޖޭގެ ބޯޑަރު ހުޅުވާލުމާއެކު އެ ގައުމުން ރާއްޖެއަށް އައި އެތައް ލައްކަ ފަތުރުވެރިންގެ ވެސް ސަބަބުންނެވެ. އަވައްޓެރި ސްރީ ލަންކާފަދަ ގައުމުތައް ބަނގުރޫޓް ވިއިރު ރާއްޖެއަށް ހަމަޖެހިލައިގެން އޮވެވުނީ މި ގައުމުގެ މައިބަދަ ކަމަށްވާ ފަތުރުވެރިކަމަށް އިންޑިއާއިން ދިން އެއްބާރުލުމުގެ ސަބަބުންނެވެ. ނަމަވެސް، ކަނު ނުފެންނަ ހައްދުފަހަނަ އެޅި ޤައުމިއްޔަތެއްގެ ނަމުގައި މުއިއްޒު ވަނީ އަވަށްޓެރި އިންޑިޔާއާއި ގުޅުން ގޯސް ކުރަން ނުޖެހޭ މިންވަރަށް ކަންކަން ގެންގޮސްފައެވެ.
އިންޑިއާއަކީ 2021 ވަނަ އަހަރާއި 2022 ވަނަ އަހަރާއި 2023 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މާކެޓެވެ. އެއީ އަހަރެއްގެ މައްޗަށް ދެ ލައްކައަށް ވުރެން ގިނަ ޓޫރިސްޓުން އެ ގައުމުން ރާއްޖެއަށް ޒިޔާރަތް ކޮށްގެންނެވެ. ނަމަވެސް އެ މަންޒަރު މިހާރު ބަދަލުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މާޗް މަހުގެ ދެ ވަނަ ދުވަހާ ހަމައަށް، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެން އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ވަނީ 33 ޕަސެންޓް ދަށްވެފައެވެ. މި ގެއްލުން ރާއްޖޭގެ އޮތް އެންމެ ބޮޑު އަދި އެހާ ނާޒުކު އިންޑަސްޓްރީއަށް ކުރިމަތި ވެފައިވަނީ ވެރިކަމުގައި މިހާ ނާގާބިލު އަދި ޚާރިޖީ ސިޔާސަތު އެއްވެސް ވަރަކަށް ނުދަންނަ ކެނޑިޑޭޓުން ތިބުމުންނެވެ.
ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އިސް ބައެއް ތަޖުރިބާކާރުން ލަފާ ކުރައްވާގޮތުގައި މިކަމުގެ ސަބަބުން ރާއްޖެއަށް 1.8 ބިލިއަން ޑޮލަރާއި ދެ ބިލިއަން ޑޮލަރާ ދެމެދުގެ ގެއްލުމެއް ލިބިދާނެއެވެ. އިންޑިއާ ޓޫރިސްޓުން ރާއްޖެ ގެންނަ ބައެއް ޓްރެވަލް އެޖެންސީތަކުން ބުނާގޮތުގައި އެ މީހުންގެ އާމްދަނީ 80 ޕަސެންޓް މިހާރު ދަށަށް ގޮސްފިއެވެ. މިއީ ވަރަށް ނުރައްކާތެރި ނިޝާނެކެވެ.