ޚަބަރު

ރައީސްއާއި އެއްވެސް މައްސަލައެއް ނެތް, މިހާރުވެސް މިދަނީ ރައީސަށް ސަނާކިޔާ, ތައުރީފްކޮށް, ކުރުނީސް ކުރަމުން: ސެމްބެ

ދިޔަވަރު
ރައީސްއާއި އެއްވެސް މައްސަލައެއް ނެތް, މިހާރުވެސް މިދަނީ ރައީސަށް ސަނާކިޔާ, ތައުރީފްކޮށް, ކުރުނީސް ކުރަމުން: ސެމްބެ

ރައީސް މުއިއްޒުއާއި އެއްވެސް މައްސަލައެއް ޖެހިފައި ނުވާކަމަށާއި, މިހާރުވެސް ރައީސަށް ސަނާކިޔާ, ތައުރީފްކޮށް, ކުރުނީސް ކުރަމުންދާ ކަމުގައި ނައިބު ރައީސް ސެމްބެ ވިދާޅުވެއްޖެއެވެ.

ސެމްބެ މިހެން ވިދާޅުވީ, ރައީސް މުއިއްޒު ޖާސޫކުރަމުންދާތީ ހިލާލީ ގޭގައި ނޫޅުއްވިގެން, ހިލާލީގެ ދޫކޮށް އަމިއްލަފުޅު ފުލެޓަށް ބަދަލުވީކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރެއްވުމަށް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.

ބައެއް މީޑިއާތަކާއި ވާހަކަ ދައްކަވަމުން ސެމްބެ ވިދާޅުވެފައިވަނީ, މަސްވެރިންނަށް ފައިސާ ނުދެވިގެން ހިގައިދިޔަ މައްސަލަގަޑުގައިވެސް, ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ތައުރީފްކޮށް ވާހަކަ ދައްކަވާފައިވާނެކަމަށާއި, ރައްޔިތުންނަށްޓަކާ މުއިއްޒު ކުރައްވަމުން ގެންދަވާ ކަންކަމަށްޓަކާ ފަޚުރުވެރިވާ ކަމުގައެވެ.

"...މަސްވެރިންގެ ކަންކަމުގައި އަޅުގަނޑު އިއްޔެ ވެސް ރައީސަށް ވަރަށް ބޮޑަށް ތައުރީފްކޮށް ޓުވީޓު ކޮށްފައި ވާނެ. ރައީސް ރައްޔިތުންނަށްޓަކައި ކުރައްވާ މަސައްކަތްތަކާ މެދު ފަހުރުވެރިވަން."

ހުސައިން ވިދާޅުވި އެވެ.

ސެމްބެ މިހެން ވިދާޅުވި ނަމަވެސް އޭނާ ހިލާލީގެ ދޫކުރައްވާ ވަޑައިގެންނެވީ, ރައީސް މުއިއްޒުގެ ތިމާގެ މީހަކު ހިލާލީގޭ ޗީފް އޮފް ސްޓާފަކަށް ހަމަޖައްސާ, ސެމްބެގެ ހުރިހާ ހަރަކާތެއް ރައީސް މުއިއްޒު ބައްލަވާ ޖާސޫސް ކުރައްވަމުން ގެންދަވާކަން ޔަގީން ވެގެންނެވެ.

ރައީސުލް ޖުމުހޫރިއްޔާގެ ނާއިބު ދިރުއުޅުއްވާ ހިލާލީގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް މުއިއްޒު ހަމަަޖައްސަވާފައިވަނީ ވަށަފަރު މީހެކެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް މުއިއްޒުގެ ރަނިން މޭޓެއްގެ ގޮތުގައި, ނާއިބު ރައީސްގެ މަގާމަށް ވަޑައިގެންނެވީ ހުސެއިން މުހައްމަދު ލަތީފު, ވަނީ ހުވާ ކުރެއްވުމާއެކު ކަހަލަ ގޮތަކަށް, ނާއިބު ރައީސްގެ ރަސްމީ ގެކޮޅު ހިލާލީގެއަށް ބަދަލުވެވަޑައިގެންފައެވެ.

އާންމު ގޮތެއްގައި ހިލާލީގޭގެ ޗީފް އޮފް ސްޓާފަަކަށް އައްޔަން ކުރައްވަނީ އެ ގޭގައި ދިރިއުޅުއްވާ, ނާއިބު ރައީސަކު ބޭނުންވާ ބޭފުޅެކެވެ. ރައީސް ޔާމިންގެ ފުރަތަމަ ނާއިބު ރައީސް ޑރ. ޖަމީލްގެ ނާއިބު ރައީސްކަމުގައިވެސް ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ހުންނެވީ ޑރ. ޖަމީލްގެ އަރިސް ބޭފުޅެކެވެ.

ހަމަ އެގޮތަށް, ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމުގެ ނާއިބު ރައީސްކަމުގައިވެސް ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ހުންނެވީ ފައިސަލް ނަސީމު ބޭނުންފުޅުވި ބޭފުޅެކެވެ.

”ދިޔަވަރު އޮންލައިން“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސެމްބެ ހިލާލީގެއަށް ބަދަލުވެވަޑައިގެންނެވުމާއެކު އޭނާ ބޭނުންފުޅުވާ ބޭފުޅަކު ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ހަމަޖެއްސުމަށް ރައީސް މުއިއްޒުއަށް ހުށަހެޅުއްވިއެވެ. އެހެންނަމަވެސް ސެމްބެ ބޭނުންފުޅުވާ ފަރާތެއް އެ މަގާމަށް އައްޔަން ކުރުމަށް މުއިއްޒުވަނީ ދެކޮޅު ހައްދަވާފައެވެ.

އޭގެ ބަދަލުގައި މުއިއްޒު ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް އައްޔަން ކުރެއްވީ, މުއިއްޒުގެ އަމިއްލަފުޅު ރަށް ކަމަށްވާ ވަށަފަރަށް ނިސްބަތްވާ, ވަށަފަރު ބްލޫހައުސް މުޙައްމަދު ވަޙީދު ޙަސަންއެވެ. މުޙައްމަދު ވަޙީދު ޙަސަންއަކީ މުއިއްޒުގެ ތިމާގެ, އަދި މުއިއްޒު އިތުބާރު ކުރައްވާ ބޭފުޅެކެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން ސަރުކާރުގެ އިސް އޮފިޝަލު ވިދާޅުވީ, ހިލާލީގޭގެ ޗީފް އޮފް ސްޓާފަކަށް ސެމްބެގެ ބޭފުޅަކު ހަމަޖެއްސުމުގެ ބަދަލުގައި, މުއިއްޒު އިތުބާރުކުރާ ފަރާތެއް އައްޔަން ކުރީ, ގޭންގުތަކާއި ގުޅިގެން ވެރިކަން ބަދަލުކުރުމަށް ސެމްބެ މަސައްކަތް ކޮށްފާނެތީ, އެ ރިސްކު ކުޑަކުރުމަށް އެޅިއްވި ފިޔަވަޅެއްގެ ގޮތުގައެވެ.

ހިލާލީގެއަށް ބަދަލު ނުވާކަމަށް ވިދާޅުވެ ސެމްބެ ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވިނަމަވެސް އެއީ އެމަނިކުފާނު ހެއްދެވި ގޮދެއްކަން އެތައް ގޮތަކުން ސާބިތުވާ އެބަހުއްޓެވެ. އަދި ފާއިތުވި 3 މަސްދުވަހު ސެމްބެ ދިރިއުޅުއްވަމުން ގެންދެވި ހިލާލީގެއަށް އެމަނިކުފާނާ ބައްދަލުކުރެއްވުމަށް އެގެއަށް ދިޔަ ގިނަ ބަޔަކު ތިބިއިރު, ނައިބު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު ސެމްބެ އެގެއަށް ބަދަލުވީ އެގެ ވަރަށް ބޮޑަށް މަރާމާތު ކޮށްގެންނެވެ.

ހިލާލީގޭގައި ދިރި ނޫޅުއްވާކަމަށް ވިދާޅުވެ ބައެއް މީޑިއާތަކަށް ސެމްބެ މިއަދު މައުލޫމާތު ދެއްވީ ރައީސް މުއިއްޒުގެ އެންގެވުމަށް ކަމަށް "ދިޔަވަރު އޮންލައިން"އަށް އެނގިފައި ވެއެވެ.