ޚަބަރު

މުއިއްޒު ވެރިކަމުގައި އައި ފުރަތަމަ ރޯދަމަސް, ސައުދީން ހިލޭ ފޯރުކޮށްދޭ ކަދުރު ރައްޔިތުންނަށް ފޯރުކޮށެއް ނުދިން! ސަރުކާރުން އިސްކަން ދިނީ, މަޖިލިސް އިންތިޚާބާ ދިމާކޮށް, 120 ރުފިޔާގެ ކާޑު ގޭބިސީތަކަށް ފޯރުކޮށްދޭން!

ދިޔަވަރު
މުއިއްޒު ވެރިކަމުގައި އައި ފުރަތަމަ ރޯދަމަސް, ސައުދީން ހިލޭ ފޯރުކޮށްދޭ ކަދުރު ރައްޔިތުންނަށް ފޯރުކޮށެއް ނުދިން! ސަރުކާރުން އިސްކަން ދިނީ, މަޖިލިސް އިންތިޚާބާ ދިމާކޮށް, 120 ރުފިޔާގެ ކާޑު ގޭބިސީތަކަށް ފޯރުކޮށްދޭން!

ކޮންމެ ރޯދަމަހަކުވެސް, ފާއިތުވި ކޮންމެ ސަރުކާރަކުންވެސް ޚާއްސަ ސަމާލުކަމެއް ދީން, ރޯދައަށް އެންމެ މުހިންމު ކާނާގެ އެއް ބާވަތް ކަމުގައިވާ ކަދުރު, ހިލޭ އާންމު ރައްޔިތުންނަށް ފޯރުކޮށްދެއެވެ. އަދި މި އުސޫލުން ހުރިހާ ސަރުކާރެއްގައިވެސް އާންމުކޮށް ފޯރުކޮށްދީފައިވަނީ, ސައުދީ ސަރުކާރުން ހިލޭ ރާއްޖެއަށް ފޮނުވާ ކަދުރެވެ.

އެހެންނަމަވެސް, ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވުމަށްފަހު އައި ފުރަތަމަ ރޯދަމަހުގައި, ރޯދަމަސް ފެށިގެން ދިޔައިރުވެސް, ސައުދީ ސަރުކާރުން ހަދިޔާކުރި ކަދުރު އާންމު ރައްޔިތުންނަށް އިސްލާމިކް މިނިސްޓްރީން ބަހާފައެއް ނުވެއެވެ.

މާތްވެގެންވާ މިމައްސަރު އައިރުވެސް ގޭބިސީތަކަށް އިންތިހާއަށް ބޭނުންވާ ކަދުރުކޮޅު އާންމު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުން އިސްލާމިކް މިނިސްޓްރީއަކަށް މުހިންމެއް ނުވިއެވެ.

ފަހަކަށް ފާއިތުވެދިޔަ ހުރިހާ ރޯދަ މަހެއްގައިވެސް ޚާއްސަ ސަމާލުކަމެއް ދީގެން ސަރުކާރުތަކުން އާންމު ރައްޔިތުންނަށް ކަދު ފޯރުކޮށްދީފައިވާއިރު, ސަރުކާރުން އާންމު ރައްޔިތުންނަށް ކަދުރުކޮޅެއް ފޯރުކޮށްނުދޭ ރޯދަމަހަކަށް އައިސްފައިވަނީ މި ރޯދަމަސް އެކަންޏެވެ.

އެހެންނަމަވެސް ރައީސް މުއިއްޒުވަނީ ޚާއްސަ ސަމާލުކަމެއް ދީގެން ރޯދަމަސް އައުމުގެ ކުރިން ގޭގެއަށް އެންމެ 120 ރުފިޔާގެ ކާޑު ފޯރުކޮށްދޭން ފަށާފައެވެ. އަވަސް އަރުވާލައިގެން, ސަރުކާރުން ގޭބިސީއަކަށް ދެތިން ދުވަހު ކެވޭވަރަށް ހަނޑުލާއި ފުށް ފޯރުކޮށްދިންއިރު, ކުރިޔަށް އޮތީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ.

ކަދުރު ބެހުން މުހިންމު ނުވެ, ދެތިން ދުވަހަށް ވާރަަށް ހަނޑުލާއި ފުށް ގޭބިސީތަކަށް ފޯރުކޮށް ދިނުން މުއިއްޒު މުހިންމު ކަމަކަށް ހައްދަވާފައިވަނީ ކުރިޔަށް މަޖިލިސް އިންތިޚާބު އޮތުމާއެކު, މި އަސާސީ ވަސީލަތްވެސް ސިޔާސީ ހަތިޔާރަކަށް ހައްދަވާ, އިންތިޚާބަށް ނާޖާއިޒް ނުފޫޒު ފޯރުވުމުގެ މަގުސަދުގައެވެ.

އެހެންނަމަވެސް, 10 ކިލޯގެ ހަނޑުލުގެ އަގަކީ 65 ރުފިޔާއެވެ. 10 ކިލޯގެ ފުށުގެ އަގަކީ 55 ރުފިޔާއެވެ. އެހެންކަމުން ”ރޯދަ ހަދިޔާ“ގެ ނަމުގައި ރައީސް މުއިއްޒު ކޮންމެ ގޭބިސީއަކަށް ހިލޭ މިފޯރުކޮށްދެއްވަނީ ޖުމްލަ 120 ރުފިޔާގެ ކާޑެވެ. އެގޮތުން 120 ރުފިޔާގެ ކާޑު ހޯދުމަށް އާންމު ރައްޔިތުން މިއަދުވަނީ ކާޑު ބަހާ ބައެއް ލޮކޭޝަންތަކުގައި މެންދުރުދަޅާގެ ރަތްދަކަ އަވީގައި ކާޑު ހޯދުމަށް އެތައް އިރަކު ކިއުގައި ތިބެން ޖެހިފައެވެ.

އެއްވެސް އިންތިޒާމެއް ނެތި, ގޭގެއަށް ކާޑު ބެހުމަކީ ރައީސްގެ ހެޔޮފުޅުކަމުން ކޮށްދޭ ކަމެެއް ކަމަށް ބުނެ, އެކަން ރައީސް މުއިއްޒުގެ ޕްރޮމޯޝަނަކަށް ސަރުކާރުން ހަދާފައިވާއިރު, ޚުދު މުއިއްޒުގެ ދެމަފިރި ކަނބަލުންނަށްވެސް 10 ކިލޯ ފުށާއި 10 ކިލޯ ހަނޑޫ ލިބޭ ގޮތަށް ކާޑު ބަހާއިރު, އަސާސީ މި މުހިންމު ވަސީލަތް ފޯރުކޮށް ދިނުމުގައި އެންމެ އާދައިގެން ނިކަމެތި ރައްޔިތު މީހާގެ ހައްގުތަކާއި, މިއަދު މުއްސަދި މަހުޖަނުންގެ ގޮތުގައި ތިއްބެވި, ރައީސް މުއިއްޒުގެ ދެމަފިރި ކަނބަލުންގެ ހައްގުތައް އެއްހަމަޔަކުން މިނާނީ ކޮން އުސޫލަކުންތޯ މިއީ ހަގީގަތުގައިވެސް އުފެދިގެންދާ ސުވާލެއްވެސް މެއެވެ.

ކޮންމެ އިންތިޚާބަކާއި ދިމާކޮށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ގޭބިސީތަކަށް ފޯރުކޮށް ދިނީމަށް ވޯޓު ލިބޭނެކަމަށްވެސް މުއިއްޒުއަށް ހީވީކަމަށް ވެދާނެއެވެ. ކުޑަ ކާޑުކޮޅަކުން ރިޝްވަތު ދީގެން ރައްޔިތުންގެ އިއްޒަތުއްނަފްސު ގަނެލެވިދާނެކަމަށް މުއިއްޒުއަށް ހީވީއެވެ.

އާދޭހެވެ! ދޮގާއި މަކަރާއި ހީލަތުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކަށް ވިންނޭނީވެސް އެ ބީދައިންނެވެ. އެހެންނަމަވެސް ރައީސް މުއިއްޒުއަށް ދަންނަވަމެވެ. 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށަށް ދިވެހި ރައްޔިތުން ހިތް ގަނެލެވިދާނެކަމަށް ހީ ނުކުރައްވާށެވެ. އެކަމެއް ނުކުރެވޭނެއެވެ. ރައްޔިތުންނަށް ރައީސް މުއިއްޒު ވީ ބޭވަފާގެ ނަތީޖާ ވަރަށްވެސް ހިތިވާނެއެވެ.