ޚަބަރު

މަސްތުވާތަކެތި އިސްތިހާރުކޮށް، ވިއްކާ "ޖަޒީރާ" ޓެލެގްރާމް ހިންގި މީހުން ފުލުހުން އަތުލައިގަނެފި

ދިޔަވަރު
މަސްތުވާތަކެތި އިސްތިހާރުކޮށް، ވިއްކާ "ޖަޒީރާ" ޓެލެގްރާމް ހިންގި މީހުން ފުލުހުން އަތުލައިގަނެފި

އެކި ބާވަތުގެ މަސްތުވާތަކެއްޗާއި އެހެނިހެން މަނާ ތަކެތި އިސްތިހާރުކޮށް ވިއްކަމުންދިޔަ ޓެލެގްރާމް ގްރޫޕު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ޗެނަލް ހިންގި މީހުން ހައްޔަރުކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި ޖަޒީރާ ޗެނަލް ހިންގި މީހުން ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އެ ޗެނަލްގައި އިސްތިހާރުކޮށްފައިވާ ތަކެތި ފުލުހުން މިހާރު ވަނީ ނުފެންނަ ގޮތަށް ހަދައިފައި ކަމަށް މީޑިޔާ ތަކުން މައުލޫމާތު ލިބެއެވެ.

އެ ޗެނަލް ހިންގަމުންދިޔަ މީހުން ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ބައެއް ނޫސްތަކަށް ކަށަވަރުކޮށްދީފަ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ޖަޒީރާ ގްރޫޕު ގެނައިއިރު، އެ ގްރޫޕުގެ މެންބަރުންގެ ގޮތުގައި 6529 މެންބަރުން ތިބިކަމަށް މައުލޫމާތު ލިބެއެވެ.

އެކި ބާވަތުގެ މަސްތުވާތަކެތީގެ އިތުރުން ބަދުއަހުލާގީ ފޮޓޯ، ވީޑިއޯ ވެސް އެ ޗެނަލުގައި އިސްތިހާރުކޮށް ވިއްކަމުންދިޔަ ކަމަށް ވެއެވެ. އަދި ހަށިވިއްކުމަށް ވެސް ބައެއް އިސްތިހާރުތައްކޮށްފައި ހުރިކަމަށް ނޫސްތަކުން މައުލޫމާތު ދެއެވެ.

އެ ގްރޫޕުގައި އާންމުކޮށް އިސްތިހާރު ކުރަމުންދިޔައީ ޕާޓީ ޑްރަގްސް އާއި ރާއްޖޭގައި އެންމެ އާންމުކޮށް ބޭނުން ކުރާ މަސްތުވާތަކެތީގެ ބާވަތް ކަމަށްވާ ކެނަބިސްގެ ބާވަތްތައް ކަމަށް ރާއްޖޭގެ ބައެއް މީޑިޔާ ތަކުން ހާމަ ކުރެއެވެ.