ޚަބަރު

ބާރަށު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ޝުޖާއު އިވެންޓް މެނޭޖް ކުރުމުގެ ނަމުގައި މި ސަރުކާރުން މިހާތަނަށް 55 މިލިއަން ރުފިޔާ ނަގާފައިވޭ, ނުބާއްވާ އިވެންޓްތަކަށްވެސް ސަރުކާރުން ފައިސާ ނަގާފައިވޭ!

ދިޔަވަރު
ބާރަށު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ޝުޖާއު އިވެންޓް މެނޭޖް ކުރުމުގެ ނަމުގައި މި ސަރުކާރުން މިހާތަނަށް 55 މިލިއަން ރުފިޔާ ނަގާފައިވޭ, ނުބާއްވާ އިވެންޓްތަކަށްވެސް ސަރުކާރުން ފައިސާ ނަގާފައިވޭ!

ބާރަށު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ޝުޖާއު އިވެންޓް މެނޭޖް ކުރުމުގެ ނަމުގައި މި ސަރުކާރުން މިހާތަނަށް 55 މިލިއަން ރުފިޔާ ނަގާފައިވާކަމަށް "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ލިބިއްޖެއެވެ. އަދި މީގެ ތެރޭގައި ނުބާއްވާ އިވެންޓްތަކަށްވެސް ޝުޖާއުގެ ފައިސާ ނަގާފައިވާކަަމަށް މައުލޫމާތު ލިބިފައި ވެއެވެ.

"ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި, އާއަހަރުގެ ފެށުން ފާހަގަކުރުމަށް ބޭއްވުމަށް ރޭވި ޝޯއާއި, އާއަހަރާއި ގުޅިގެން ބޭއްވުމަށް ރޭވި ކުޑަކުދިންގެ ޝޯވެސް ފަހުން ކެންސަލް ކޮށްފައިވަނިކޮށް ޝުޖާއު ވަނީ އެޝޯތަކަށްވެސ 14 މިލިއަން ރުފިޔާ ސަރުކާރުން ނެގުމަށް މަސައްކަތް ކޮށްފައެވެ.

އެހެންނަމަވެސް ނުބައްވާ އިވެންޓަކަށް ފައިސާ ދޫކުރުމަށް ސަރުކާރުގެ ބައެއް ފަރާތްތަކުން ދެކޮޅު ހެދުމުން, އޭޖީއަށާއި, ފިނޭންސް މިނިސްޓަރއަށާއި އަދި ޔޫތު މިނިސްޓަރަށް ބިރު ދައްކައިގެން އޭގެ 7 މިލިއަން ރުފިޔާ ނެގުމަށް މިހާރުވެސް ޝުޖާއު މަސައްކަތް ކުރަމުންދާކަމަށް "ދިޔަވަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދީފައި ވެއެވެ.

އާއަހަރުގެ ޝޯވް ޝުޖާއުގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏާއި ހަވާލުކުރާގޮތަށް ނިންމާފައިވަނީ 30 މިލިއަން ރުފިޔާއަށެވެ.

އިންވެންޓް މެނޭޖުކުރުމަށް ޝުޖާއު އުފައްދާފައިވާ ކުންފުނި ރަޖިސްޓްރީ ކޮށްފައިވަނީ ޝުޖާއުގެ އެއްބަޑު އެއްބަފާ އޭނާ ކޮއްކޮއިންގެ ނަމުގައެވެ. އަދި އެ ކުންފުނިން ދަނީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު, ބޮޑު އަގުގައި އިވެންޓް މެނޭޖް ކުރުމުގެ, ސަރުކާރުގެ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.

އޭގެ ތެރޭގައި ރައީސް މުއިއްޒު ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ އިވެންޓް މެނޭޖްކުރުމުގެ އިވެންޓަށް އެކުއިޕްމަންޓުތައް ކުއްޔަށް ދީގެން އެތައް މިލިއަން ރުފިޔާއެއް އެކުންފުނިން ނަގާފައިވާއިރު, އެކުންފުންޏަށް ދާދިފަހުން ވަނީ ހުރަވީ ދުވަސް ފާހަގަ ކުުރުމަށް ބޭއްވި ހަފްލާގެ އިވެންޓް މެނޭޖުކުރުމަށް 5 މިލިއަން ރުފިޔާއަށް ދީފައެވެ. އަދި އޭގެ އިތުރުން ފުށިދިއްގަރު ފަޅު ހިއްކުމުގެ ގޮތުން ބޭއްވި, ކުޑަ ހަފްލާއެއްގެ ގޮތުގައި ފާހަގަވެގެންދިޔަ ހަފްލާގެ އިވެންޓު މެނޭޖު ކުުރުމަށް ޝުޖާއުގެ ކުންފުންޏާއި ހަވާލު ކޮށްފައިވަނީ 3 މިލިއަން ރުފިޔާއަށްކަމަށް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ލިބިފައި ވެއެވެ.

މި ހުރިހާ ޕްރޮޖެކްޓަކީވެސް އިއުލާން ކުރުމަލާ ނުލާ ”ސިންގަލް ސޯސް ޕްރޮކިއުމަންޓް“ގެ އުސޫލުން އެކުންފުންޏާއި ހަވާލުކޮށްފައިވާ ޕްރޮޖެކްތައް ކަމަށްވެސް ”ދިޔަވަރު އޮންލައިން“އާއި މައުލޫމާތު ހިއްސާކުރި ސަރުކާރުން އިސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ބާރަށު ދާއިރާގެ ކުރީގެ މެމްބަރު, އަދި ޕީޕީއެމް ޕީއެންސީގެ އެކްޓިވިސްޓެއް ކަމަށްވާ އިބުރާހިމް ޝުޖާއުއަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ރައީސް މުއިއްޒުއާއި އިދިކޮޅު ފެކްޝަންގައި ހުރި, ރައީސް ޔާމިންއަސް ވަރަށް ބޮޑަށް ތާއީދުކޮށް, އަދި ރައީސް މުއިއްޒުއަށް ވަރަށް ހުތުރު ބަހުން މުއާމަލާތުވެސް ކޮށްފައިވާ ފަރާތެކެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު އޭނާވަނީ މުއިއްޒުއަށް ސަނާކިޔާން ފަށާފައެވެ. އަދި ޝުޖާއުގެ ކޮއްކޮއިންނަށް މިހާރުވަނީ ސަރުކާރުގެ މިނިސްޓްރީތަކުން ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުންފެށިގެން މަތީގެ މަގާމްތައް ހަމަޖައްސާފައެވެ.

ކޮރަޕްޝަން ނައްތާލާނެކަމަށް ވައުދުވެގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒުގެ ސަރުކާރުގެ ތެރޭގައި, ވެރިކަމަށް ވަޑައިގެންނެވިތާ 3 މަހެއްހާ ދުވަސް ވެގެންދާއިރު, ކޮރަޕްޝަން އިންތިހާއަށް އަށަގަންނަމުންދާކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

މިގޮތުން ދާދިފަހުން ސަރުކާރުން ބިން ހިއްކަންފެށި ފުށި ދިއްގަރު ފަޅު ބިންހިއްކުމުގެ މަޝްރޫއުން 100 މިލިއަން ރުފިޔާ ރިޝްވަތުގެ ގޮތުގައި ސަރުކާރުގެ އިސްފަރާތްތަކުން ނަގާފައިވާކަމަށް ތުހުމަތު ކުރެވޭއިރު, މިފައިސާގެ ބައެއް ސީދާ ރައީސް މުއިއްޒު ނެންގެވިކަމަށްވެސް އިތުބާރުހުރި ފަރާތްތަކުން މައުލޫމާތު ދީފައި ވެއެވެ.